Advertisement

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހާލަންޑަށް

30 އޮގަސްޓު 2023 - 11:32 0


ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހާލަންޑަށް

30 އޮގަސްޓު 2023 - 11:32 0

ލަންޑަން (އޮގަސްޓް 30) - އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހޯދައިފި އެވެ.

ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފުރަތަމަ ފަހަރަށް ހާލަންޑް ހޯދީ މިދިޔަ ސީޒަންގައި ސިޓީއަށް ތިން ތަށި ކާމިޔާބުކޮށްދިނުމުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކުގަ އެވެ. އެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ސިޓީ އިން ކާމިޔާބުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.

ހާލަންޑް ވަނީ ސިޓީއަށް އޭނާ ކުޅެދިން ފުރަތަމަ ސީޒަންގައި 52 ގޯލު ޖަހައިދީފަ އެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ހާލަންޑާ ވާދަކުރީ ސިޓީގެ ކެވިން ޑި ބްރޭނާ އާއި ޖޯން ސްޓޯންސް އާއި އާސެނަލްގެ ބުކާޔޯ ސަކާ އަދި މާޓިން އޮޑެގާޑްގެ އިތުރުން ޓޮޓެންހަމްގެ ކުރީގެ ފޯވާޑް ހެރީ ކޭން އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދީ އާސެނަލްގެ ބުކާޔޯ ސަކާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި އާސެނަލަށް 14 ގޯލު ޖަހައިދިނީ 11 އެސިސްޓްކޮށްދީފަ އެވެ.

ސަކާއާ އެންމެ ގާތުން މި އެވޯޑަށް ވާދަކުރީ ސިޓީގެ ހާލަންޑް، ކުރިން ބްރައިޓަން އަށް ކުޅުނު މޮއިސެސް ކައިސޭޑޯ، އެސްޓަން ވިލާގެ ޖެކޮބް ރަމްސޭ، އާސެނަލްގެ ގަބްރިއެލް މާޓިނެލީ އަދި ބްރައިޓަންގެ އިވާން ފާގަސަން އެވެ.

ޕީއެފްއޭއިން ހޮވާ "ޓީމް އޮފް ދަ އިޔާ"ގައި ހާލަންޑާއި ސަކާ ވެސް ހިމެނެ އެވެ. މި ޓީމްގެ ގޯލްކީޕަރަކީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އެވެ. ޑިފެންޑަރުންނަކީ އާސެނަލްގެ ވިލިއަމް ސަލީބާ، ސިޓީގެ ސްޓޯންސް، ރުބެން ޑިއާސް އަދި ނިއުކާސަލްގެ ކެއިރެން ޓްރިޕިއާ އެވެ. މިޑްފިލްޑަރުންނަކީ ސިޓީގެ ޑި ބްރައިނާ، ރޮޑްރީ އަދި އާސެނަލްގެ ކެޕްޓަން އޮޑެގާޑް އެވެ. ފޯވާޑް ލައިނުގައި ތިބީ ސަކާ، ހާލަން އަދި ކޭން އެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު މިފަހަރު ހޯދީ އެސްޓަންވިލާގެ ފޯވާޑް ރަޗެލް ޑާލީ އެވެ. އަދި އެންމެ މޮޅު ޒުވާން އަންހެން ކުޅުންތެރިޔާގެ އެވޯޑު ހޯދީ ޗެލްސީގެ ލޯރެން ޖޭމްސް އެވެ.