Advertisement

ކެމްޕޭނުގެ ބޭނުމަށް މަގުމަތި ހަލާކުކުރި ކަމެއް ނޭނގެ: މުއިއްޒު

30 އޮގަސްޓު 2023 - 11:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީޕީއެމްގެ ދިދަފަތި ދެމުމަށް މަޖީދީ މަގުގެ ދުވާރު ހަލާކުކޮށްލައި ހޮޅިޖަހާފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކެމްޕޭނުގެ ބޭނުމަށް މަގުމަތި ހަލާކުކުރި ކަމެއް ނޭނގެ: މުއިއްޒު

30 އޮގަސްޓު 2023 - 11:24 0

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ބޭނުމަށް މަގު މައްޗަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްފައިވާ ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރުގެ މަގާމުގައި ވެސް ހުންނެވި މުއިއްޒު "އަދަދު" ނޫހުގެ އެތެރެފުށް ޕުރޮގުރާމުގައި ރޭގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ދުވަހުން ފެށިގެން އުޅުއްވަނީ ކެމްޕޭނުގައި ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާކަން އެނގި ނުލައްވާ ކަމަށެެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މީހުންގެ ކެމްޕޭން މަސައްކަތަކަށް ގެންގޮސް މަގުމަތި ހަލާކު ކުރުމަކީ [ދެރަ ކަމެއް]، އެކަން ކުރި ފަރާތަކުން އެކަން ރަނގަޅު ކުރަން ޖެހޭނެ، މި އިންޓަވިއު ތެރޭގައި މައުލޫމާތު ލިބުނީ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ކެމްޕޭނުގެ ދަތުރުތައް ފަށައިފިން މި ޓިކެޓު ލިބުނު ތަނާ، ފެށި ގޮތަށް އަދި މިއުޅެނީ މާލޭގައި ހަމަ ނުޖެހިގެން،" މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ހުންނެވި ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ތިއީ ވަރަށް ސީރިއަސް މައްސަލައެއް، ތިކަން ބަލާނަން،"

އެކަން އެނގިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއިރު، ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ކެމްޕޭންގެ ތަރުޖަމާނު، މާރިޔާ ދީދީ ވަނީ ލައިވް ޓީވީގައި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އިދިކޮޅު ކޯލިޝަނުގެ ކެމްޕޭން ދިދަތައް ދެމުމަށްޓަކައި މަޖީދީމަގުގެ ދުވާރުގައި ހޮޅި ޖެހުމުގެ ސަބަބުން ގެއްލުންވެފައި ހުރި ފޮޓޯތައް ވަނީ މީސްމީޑިއާގައި ވެސް ދައުރުވެފަ އެވެ.

މާލޭގެ މަގެއްގައި ކެމްޕއިނު ބޭނުމަށް ބޭނުންވާ ހޮޅި ޖެހުމަށް ދުވާރު ހަލާކުކޮށްފައި -- ފޮޓޯ: އަބްދުﷲ އިިޔާން / އަދަދު


މަގުމައްޗަށް ގެއްލުންވެފައިވަކަން އެނގިނުލައްވާ ކަމަށް ވިދާޅުވުމަށްފަހު މުއިއްޒު ވަނީ އެކަން ހިނގާދިޔަ ގޮތް ބަލައި އެކަން ކުރި ބަޔަކު ލައްވައި އެކަންތައް ރަނގަޅު ކުރުވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"އަޅުގަނޑު ހަމަ އަޑު އެހިތަނުގައޭ މިހުރީ، ނުދެކެމޭ، އެއީ ހަމަ ޓޯޓަލީ އަން އެކްސެޕްޓެބަލް (އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން)، ތިކަން ބަލާފައި ތިކަން ރަނގަޅު ކުރުވާނަން،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް އެންމެ 10 ދުވަހަށް ވެފައިވާއިރު، މިހާރު ވެސް މާލެއާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ މަލަމަތި އެއްކޮށް ވަނީ ސިޔާސީ ޕާޓީތަކުގެ ދިދަ ފައްޗާއި ބިލް ބޯޑުތަކުން ފުރައިލައިފަ އެވެ. އެކަން ފާހަގަކޮށް ޕުރޮގުރާމުގެ ހޯސްޓު ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އަދިވެސް ބޭނުންވާ ވަރަށް ކެމްޕޭން ސާމާނު މާލޭގައި ނުބެހެއްޓޭ ކަމަށެވެ.

"ނެތޭ އަދިވެސް، ބޭނުންވާ ވަރަށް ނުލިބިގެން މިއުޅެނީ،" މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ކެމްޕޭން ޕޯސްޓަރުތަކުގެ ވާހަކަ ފާހަގަ ކުރުމުން މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގެ ފޯރި ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުން ދާއިރު، ޕީޕީއެމް/ޕީއެންސީގެ އިތުރުން ބައެއް އެހެން ކެންޑިޑޭޓުން ވެސް އަންނަނީ ކެމްޕޭން ބޭނުމަށް މަގުތައް ހަލާކުވާ ފަދަ ކަންކަން ކުރަމުންނެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ސިޓީ ކައުންސިލުން މިހައިތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. މާލެ ސިޓީގެ މޭޔަރު، ޑރ. މުއިއްޒުގެ އިތުރުން ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް ވެސް މި ދުވަސްވަރު އުޅުއްވަނީ ރިޔާސީ ކެމްޕޭނުގައި ވަރަށް އަވަދިނެތި އެވެ.