Advertisement

ރޫޔާ 100 މީޓަރު ފައިނަލަށް، ރައްޒާގާއި ފާތިމަތު ވެސް ފައިނަލަށް

29 އޮގަސްޓު 2023 - 14:37 0

100 މީޓަރު ދުވުމުގައި ރާއްޖޭގެ ރޫޔާ ދުވަނީ: ރޫޔާ ވަނީ ފައިނަލަށް ދަތުރުކޮށްފައި.---- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ރޫޔާ 100 މީޓަރު ފައިނަލަށް، ރައްޒާގާއި ފާތިމަތު ވެސް ފައިނަލަށް

29 އޮގަސްޓު 2023 - 14:37 0

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެތުލެޓިކްސް އިވެންޓްތައް މިއަދު ފެށިއިރު، އަންހެނުންގެ 100 މީޓަރުގެ ދުވުމުން މަރިޔަމް ރޫޔާ އަލީ ފައިނަލަށް ދަތުރުކުރިއިރު، ޕެރަ އެތުލެޓިކްސްގެ 100 މީޓަރު އިވެންޓުން، ފާތިމަތު އިބްރާހިމް އާއި އަބްދުލްރައްޒާގު ވެސް ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

މިއަދުގެ ހެނދުނު ކުރިއަށްދިޔަ ހީޓުތަކަށް ފަހު، ޕެރަ އެތުލެޓިކްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުން، ފާތިމަތު ފައިނަލަށް ދިޔައީ ވާދަކުރި ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. އަދި ޕެރަ އެތުލެޓިކްސްގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އަބްދުލް ރައްޒާގު ވާދަކުރަން އޮތް ހީޓަށް އެއް ބައިވެރިއަކު ހާޒިރުނުވާތީ، ރައްޒާގަށް ފައިނަލުގެ ޖާގަ ލިބުނީ އެވެ. ޕެރަ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުގެ ފައިނަލް އޮންނާނީ މިއަދު ހަވީރު އެވެ.

ރޫޔާ، ފައިނަލަށް ދަތުކުރީ ހީޓު އެކެއްގައި ވާދަކޮށް، 12.45 ސިކުންތުން ނިންމައި، ހީޓުގެ ހަތަރު ވަނައިގެ ގޮތުގަ އެވެ. މި ހީޓުގައި ރާއްޖޭގެ މަރިޔަމް އަލްހާ ހުސެއިން ވާދަކުރިއިރު، ޓައިމިން އަކީ 12.74 ސިކުންތެވެ. މި ހީޓުގެ އެއް ވަަނަ ޙޯދި މަޔޯޓްގެ ނަސްރޭން ބަކާރްގެ ޓައިމިން އަކީ 11.77 ސިކުންތެވެ.

ރާއްޖޭގެ އަހުނާ ނިޒާރު ވަނީ ދެ ވަނަ ހީޓުގައި ވާދަކޮށް، 12.68 ސިކުންތުގެ ޓައިމިން އަކުން ހީޓްގެ ހަ ވަނަ އަށް ގޮސްފަ އެވެ. އެ ހީޓް ކާމިޔާބުކުރީ މަޑަގަސްކަރާގެ އެންޖަރޯސޮއާ ކްލައުޑިން އެވެ. އޭނާ ރޭސް ނިންމީ 11.44 ސިކުންތުންނެވެ.

ފިރިހެނުންގެ 100 މީޓަރު އިވެންޓްގައި ރާއްޖޭގެ ސާއިދު (މ) ދުވަނީ: ސާއިދު ދިޔައީ ހީޓުގެ ތިން ވަނަ އަށް.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ސާއިދު ހީޓުގެ ތިން ވަނަ އަށް، ފައިނަލުގެ ފުރުސަތު ނުލިބުނު

ފިރިހެނުންގެ 100 މީޓަރު އިވެންޓްގައި ވާދަކޮށްފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދުގެ އިތުރުން އަރަމުން އަންނަ ދެ ދުވުންތެރިން ކަމަށްވާ މުހައްމަދު މިންހާލް ޝާމިން އަދި އިބްރާހިމް ނާހިލް ނިޒާރު އެވެ.

ނާހިލް ހީޓު އެކެއްގައި ވާދަކޮށް ހަތަރު ވަނައިގައި ނިންމީ، 11.44 ސިކުންތުންނެވެ. އެ ހީޓުގެ އެއް ވަނަ ދިޔައީ 10.57 ސިކުންތުން ނިންމި މޮރިޝަސްގެ ބިބީ ގެރީ އެވެ.

ސާއިދު، ހީޓު ދޭއްގައި ވާދަކުރިއިރު، ޓައިމިން އަކީ 10.75 ސިކުންތެވެ. ސާއިދު ތިން ވަނަ އަށް ދިޔައިރު، އެ ހީޓު ކާމިޔާބުުކުރި ކޮމޮރޯސްގެ ރިފާއިން އަބްދުލް ކަރީމްގެ ޓައިމިން އަކީ 10.68 ސިކުންތެވެ. ސާއިދު އަށް ފައިނަލުގެ ޖާގަ ނުލިބުނީ އެންމެ ޓައިމިން ރަނގަޅު އަށް ދުވުންތެރިންގެ ތެރޭގައި ނުހިމެނޭތީ އެވެ. ގަދަ އަށް ދުވުންތެރިންގެ ފަހު ޖާގަ ހޯދި މޮރިޝަސްގެ ޓޮޕީޒްގެ ޓައިމިން އަކީ 10.71 ސިކުންތެވެ.

ހީޓު ތިނެއްގައި ވާދަކުރި މިންހާލް ދިޔައީ ހީޓުގެ ހަ ވަނަ އެވެ. އޭނާގެ ޓައިމިން އަކީ 10.90 ސިކުންތެވެ. މިންހާލްގެ މި ޓައިމިން އަކީ ގައުމީ ޖޫނިއާ ރެކޯޑް ޓައިމިން އެެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2021 ވަނަ އަހަރުގެ ނެޝަނަލް ޗެމްޕިއަންޝިޕްގައި ރެކޯޑް ހެދި އިބާދުﷲ އާދަމް އެވެ. އިބާދުﷲ ރެކޯޑް ހެދީ 10.95 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 10،000 މީޓަރު ދުވުމުގައި ރާއްޖޭގެ ޝަމްހާ އަހުމަދު ވަނީ ވާދަކޮށްފަ އެވެ. އެ ރޭހުގެ އެންމެ ފަހަތުން ޝަމްހާ ނިންމިއިރު، ޓައިމިން އަކީ 43:44.33 އެވެ.