Advertisement

އަނެއްކާވެސް ޗެލްސީ އިން ލުކަކޫ ލޯން އުސޫލުން ދޫކޮށްލަނީ

29 އޮގަސްޓު 2023 - 12:29 0


އަނެއްކާވެސް ޗެލްސީ އިން ލުކަކޫ ލޯން އުސޫލުން ދޫކޮށްލަނީ

29 އޮގަސްޓު 2023 - 12:29 0

ރޯމް (އޮގަސްޓް 29) - ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް މި ސީޒަނުގައިވެސް އެޓީމުން ފުރުސަތު ނުދޭން ނިންމައި، ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭއެސް ރޯމާ އަށް ދޫކޮށްލަން ނިންމައިފި އެވެ.

ލުކާކޫ 30، އަކީ ޗެލްސީގެ ޔޫތު ޓީމުން ވިދާލި ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަށް ސީނިއާ ޓީމުން ފުރުސަތު ނުލިބޭތީ ޕްރިމިއާ ލީގުގެ ކުލަބުތަކަށް ކުޅުމަށް ފަހު އިޓަލީގެ އިންޓަ މިލާނަށް ކުޅުނެވެ. އިންޓަ މިލާނުން ދެ ވަނަ ފަހަރަށް 2021 ގައި އޭނާ ޗެލްސީ އަށް އައި ނަމަވެސް އެ ކުލަބުން މާ ގިިނަ ފުރުސަތުތަކެއް ނުލިބުނެވެ.

މިދިޔަ ސީޒަންގައި ލުކާކޫ ލޯން އުސޫލުގެ ދަށުން ކުޅުނީ އިންޓަ މިލާނަށެވެ. އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މި ސީޒަންގައިވެސް ލުކަކޫ އަށް ފުރުސަތު ނުދޭން ނިމްމުމުން މިހާރު ލުކާކޫ ވަނީ އިޓަލީގެ ރޯމާ އަށް ބަދަލުވާން ނިންމާފަ އެވެ.

މި ސީޒަންގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން ލުކާކޫ ރޯމާއަށް ކުޅޭނެ އެވެ. އޭނާ އެކުލަބަށް ދަނީ އަށް މިލިއަން ޕައުންޑްގެ ލޯން ފީއަކަށެވެ. މީގެ އިތުރުން ލުކާކޫގެ މުސާރައިގެ ހުރިހާ ހަރަދެއްވެސް ދޭނީ ރޯމާއިންނެވެ.

ލުކާކޫ ހޯދުމަށް އޭނާގެ ކުރީގެ ކުލަބު އިންޓަ މިލާނުންނާއި ޔުވެންޓަސް އިން މަސައްކަތްކުރި އެވެ. ނަމަވެސް އިންޓަގެ ކޯޗު ސޮމޯން އިންޒާގީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ނުދިނުމުން ލުކާކޫ އެ ކުލަބަށް ދާން ބޭނުމެއް ނުވެ އެވެ. ޔުވެންޓަސް އަށް ބަދަލުނުވެވުނު ސަބަބަކީ އެކުލަބުގެ ސްކޮޑުގައި ޖާގަ ނެތުމުގެ އިތުރުން އެޓޭކިން ލައިނުގައި ކުޅުންތެރިން ގިނަވުމެވެ.

ރޯމާއަށް ލުކާކޫ ބަދަލުވާ މައިގަނޑު ސަބަބަކީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. މޮރީނިއޯ އަކީ ލުކާކޫ މެންޗެސްޓާ ޔުނައިޓެޑަށް 2017ގައި ބަދަލުވިއިރު އޭނާގެ ކޯޗެވެ.

ޗެލްސީ އިން އާ ސީޒަނަށް ތައްޔާރުވިއިރު ލުކާކޫ ފަރިތަކުރަން ޖެހުނީ ޓީމާ ވަކިންނެވެ. މިހާރުވެސް އޭނާ ތަމްރީން ހަދަމުންދަނީ ޓީމާ ދުރުގަ އެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ލުކާކޫ އަކީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު ޓީމްތަކަށް 121 ގޯލު ޖަހައިދީފައިވާ ފޯވާޑެކެވެ.