މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަ ޝައުނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މާލޭ ވޭސްޓު މެނޭޖުމެންޓު ސްޓޭޝަނަކީ މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ، އަދި ފުރިހަމަ ހައްލެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ މިރޭ ވިދާޅުވެއްޖެ އެވެ.
އިންޑަސްޓްރިއަލް ވިޖެލުގައި ގާއިމުކުރި މާލޭ ވޭސްޓު މެނޭޖުމެންޓު ސެޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތައް ކަމަށާއި މާލެ ސިޓީ އަކީ ވެސް ކުނި މެނޭޖްކުރުމުގެ ދަތި އުނދަގޫ, މާޒީ އެއް އޮތް ރަށެއް ކަމަށެވެ.
މާލެ ސިޓީގެ ބޭނުމަށް ފެނާއި, ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތައް ތަރައްގީ ކުރެވިގެން ދިޔައިރު, ކުނި މެނޭޖްކުރުމަށް ބޭނުންވާ އުމްރާނީ އަދި ފަންނީ ވަސީލަތްތައް ވަނީ މިހާތަނަށް ގާއިމްނުކޮށް ކަމަށް ޝައުނާ ވިދާޅުވި އެވެ. އޭގެ ނަތީޖާ އަކީ މާލެގައި އުފެދޭ ކުނި މެނޭޖްކުރަމުންދާ ތިލަފުށީގެ ހާލަތު ގޯހުން ގޯހަށް ބަދަލުވެގެން ދިޔުން ކަމަށް އޭނާ ހަނދާންކޮށް ދެއްވި އެވެ.
މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޝައުނާ ވިދާޅުވީ ސަރުކާރުން ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ ރޭވުންތެރިކަމާއި އެކު ކަމަށެވެ. ތިލަފުށީގައި ހުރި ކުނި ފަރުބަދައިން އަރަމުންދިޔަ އަލިފާންގަނޑު ނިއްވާލެވި, އެތަނުން އަރަމުންދިޔަ ވިހަ ދުމުން، މާލެއާއި އަދި ތިލަފުށި ކައިރީގައިވާ ރިސޯޓްތައް ވަނީ ސަލާމަތްކޮށްފަ އެވެ.
ތިލަފުއްޓަށް ގެންދާ ކުނިތައް ފަރުބަދައަށް އުކާލުމުގެ ބަދަލުގައި, އެކުނިތައް ވަކިކޮށް, ޝްރެޑްކޮށް, އަދި ކުނިން ހަކަތަ އުފައްދާ ނިޒާމްއެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށް އެބަދެ އެވެ.
"މި ނިޒާމް ގާއިމްވަންދެން ތިލަފުއްޓަށް ގެންދެވޭ ކުނިތައް ދަނީ ކޮންމެ ދުވަހަކު ބޭލްކޮށް ރައްކާތެރިގޮތުގައި ބަހައްޓަމުން،" ޝައުނާ ވިދާޅުވި އެވެ.
"މިރޭ މި އިފްތިތާހު ކުރެވޭ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ، އަދި ފުރިހަމަ ހައްލު."
Comment