Advertisement

ވިޔަފާރިތަކުގެ ފައިދާ އިތުރުވެ، އާމްދަނީން ނަގާ ޓެކްސް އަންދާޒާތަކަށް ވުރެ މައްޗަށް

27 އޮގަސްޓު 2023 - 10:51 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ އާއި ޓެކްސް އިދާރާ، މީރާ ހުންނަ އިމާރާތް: ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓެކްސްގެ ގޮތުގައި -- ފޮޓޯ/މުހައްމަދު ޝާބިން


ވިޔަފާރިތަކުގެ ފައިދާ އިތުރުވެ، އާމްދަނީން ނަގާ ޓެކްސް އަންދާޒާތަކަށް ވުރެ މައްޗަށް

27 އޮގަސްޓު 2023 - 10:51 0

ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ވިޔަފާރި އާއި ހަރުމުދާ ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވިޔަފާރި އާއި ހަރުމުދާ ވިއްކައިގެން ލިބޭ އާމްދަނީގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީން ނަގާ ޓެކްސްތަކެވެ. އެއީ:

  • ވިޔަފާރި އާމްދަނީން ނަގާ ކޯޕަރޭޓް އިންކަމް ޓެކްސް
  • އާންމު ފަރުދުންގެ އާމްދަނީން ނަގާ އިންޑިވިޖުއަލް އިންކަމް ޓެކްސް
  • ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ އަތުން ނަގާ އެމްޕްލޯޔީ ވިތުހޯލްޑިން ޓެކްސް
  • ރާއްޖޭން އާމްދަނީ ލިބޭ ބޭރު މީހުންގެ އަތުން ނަގާ ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް
  • ބޭންކުތަކުގެ އާމްދަނީން ނަގާ ބޭންކް އިންކަމް ޓެކްސް

ބަޖެޓު އަންދާޒާއަށް ވުރެ އެ ޓެކްސްތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ ފަހަތުގައި ވަނީ، ވިިޔަފާރިތަކުގެ ފައިދާއިން ނަގާ ކޯޕަރޭޓް އިންކަމް ޓެކްސް އާމްދަނީ އިތުރުވުމެވެ. މި އަދަދުތައް ހިސާބުކުރަނީ މިދިޔަ އަހަރު ލިބިފައިވާ އާމްދަނީންނެވެ.

އެގޮތުން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި މުޅި އަހަރުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، އެންމެ ފަހުން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ތާރީހާ ހަމައަށް 2.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ 514.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ކޯޕަރޭޓް އިންކަމް ޓެކްސްއަކީ 500،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކުން 15 ޕަސެންޓު ރޭޓުގައި ދައްކާ ޓެކުހެކެވެ. މިހެންކަމުން މި ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުމަކީ ކޮވިޑުގެ ދަތިކަމުން އަރައިގަނެ ވިޔަފާރިތައް ކުރިއަރަމުން އަންނަ ކަމުގެ ހެޔޮ ފާލެކެވެ.

އާމްދަނީން ނެގޭ ޓެކްސްތަކުން ލިބުނު އާމްދަނީ

  • ކޯޕަރޭޓް އިންކަމް ޓެކްސް - 2.6 ބިލިއަން ރުފިޔާ
  • ވިތުހޯލްޑިން ޓެކްސް - 779 މިލިއަން ރުފިޔާ
  • އިންޑިވިޖުއަލް އިންކަމް ޓެކްސް - 275 މިލިއަން ރުފިޔާ
  • އެހެނިހެން ވިޔަފާރި އަދި ހަރުމުދަލުން ނެގޭ ޓެކްސް - 969.3 މިލިއަން ރުފިޔާ

ދައުލަތަށް މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީއަކީ 21.3 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރުގެ 66 ޕަސެންޓެވެ.