Advertisement

ފުރަތަމަ މެޗުތަކުން ވޮލީ ޓީމުތަކަށް ނާކާމިޔާބު

27 އޮގަސްޓު 2023 - 02:17 0

ރީޔޫނިއަންއާ ދެކޮޅަށް މި ފަހަރުގެ އައިއޯއައިޖީގައި ގައުމީ ވޮލީ ޓީމު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮކިޓީ


ފުރަތަމަ މެޗުތަކުން ވޮލީ ޓީމުތަކަށް ނާކާމިޔާބު

27 އޮގަސްޓު 2023 - 02:17 0

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުތަކުން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެ ގޮތުން، އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮރިޝަސް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް މޮރިޝަސް ޓީމުން ގެންދިޔައީ 25-11، 25-16 އަދި 25-20 އިންނެވެ. މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ސެޓުތަކުގައި އެއް ފެންވަރެއްގައި ނުކުޅެވުމުގެ އިތުރުން އެޓޭކަށް ދާ ބޯޅަތަކުގައި ވެސް ނިންމައިނުލެވުމުގެ މައްސަލަތަކެވެ. ރާއްޖޭގެ ކުޅުންތެރިން ރިސީވިންގައި ރަނގަޅު ވަގުތުތަކެއް ދިޔަ ނަމަވެސް ނިންމާނުލެވި، ޕްރެޝަރުގައި ކުޅެން ޖެހި އިތުރު ގޯސްތަކެއް ހެދުނީ އެވެ. މޮރިޝަސް އިން އެންމެ ބޮޑަށް ބޭނުންކުރި އެޑްވާންޓޭޖަކީ އެ ޓީމުގެ އިސްކޮޅުން ރަނގަޅުވުމުގެ ފައިދާ އެވެ.

މެޗަށް ފަހު ގައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ ފުރަތަމަ މެޗު ކަމަށްވާތީ އުނދަގޫތަކެއްގެ ވެސް ހުރި ކަމަށާއި ބޭނުންވާ ލެވަލަށް ޕާފޯމްކުރުމުގައި މާހައުލަށް ހޭނުމާއި އެެހެނިގެން ކަންކަން ވެސް ދިމާވި ކަމަށެެވެ.

މާދަމާ ރާއްޖޭން ދެ ވަނަ މެޗުގައި ސީޝެލްސްއާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ. ގައުމީ ޓީމުގެ ސެޓަރު، ޖޫޒާން ޒަރީރު ބުނީ ފުރަތަމަ މެޗުގައި އެ ދިމާވި މައްސަލަތަކަށް ހައްލެއް ހޯދައި، ދެ ވަނަ މެޗުގައި ސީޝެލްސް އަތުން ކާމިޔާބު ހޯދަން ބޭނުންވާ ކަމަށެވެ.

ގައުމީ ފިރިހެން ޓީމުން މިއަދު ރީޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-18، 29-27، 19-25 އަދި 25-22 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެ އަށް އެންމެ އެކަށީގެންވާ ވަރަށް ނުކުޅެވުނު ކަމުގައި ވިޔަސް ދެން ކުޅުނު ތިން ސެޓުގައި ވެސް ރީޔޫނިއަންއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން، މެޗުގެ ތިން ވަނަ ސެޓު ގެންގޮސް ރާއްޖޭން ހަތަރު ވަނަ ސެޓުގެ ބޮޑުބައިގައި ވެސް ރީޔޫނިއަން ހާސްކޮށްލައިގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ ވަކި ހިސާބަކުން ރާއްޖެ ޓީމުގެ ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) އަށް އަނިޔާވެގެން ފަރުވާ ހޯދިއިރު، ބަދަލުގައި ކުޅެން އަރައި، ދެ ވަނަ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ ރަނގަޅު ޝޮޓްތަކެއް ވެސް މި މެޗުގައި ވަނީ ފެނިގެން ގޮސްފަ އެވެ.

ފިރިހެން ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ރީޔޫނިއަން އަކީ މުބާރާތުގެ "ފޭވަރިޓް" ޓީމު ކަމަށާއި އެ ފަދަ ޓީމަކާ ދެކޮޅަށް ފިރިހެން ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށާއި ގޯސްކޮށްދިޔަ ކަންކަން ރަނގަޅު ކޮށްގެން ފަހު މެޗުގައި މަޑަގަސްކަރާ އަތުން މޮޅުވެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

މަޑަގަސްކަރާއާ ދެކޮޅަށް ފިރިހެން ވޮލީ ޓީމު ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.