25 އޮގަސްޓު 2023 - 09:31 0
މުހައްމަދު ނަސީމް
ޖުމްހޫރީޕާޓީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަދައްކަވަނީ. ފޮޓޯ:ޖޭޕީ
25 އޮގަސްޓު 2023 - 09:31 0
ޖުމްހޫރީ ޕާޓީ( ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ތެދުވެރިކަން ރައްޔިތުން ދަންނަ ކަމަށާއި އެހެންވީމާ މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ނ. ވެލިދޫގައި ޖޭޕީން އިއްޔެ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މި އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން ތިބި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓް ނުދޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ޖެހޭ އެމްޑީޕީއަށް ފާޑުވިދާޅުވުމުގެ އިތުރުން ޕީޕީއެމް/ޕީއެެންސީ އަށް ވެސް އޭނާ ބަހުގެ ހަމަލާތައް ދެއްވި އެވެ.
"މި ދިވެހި ދައުލަތުގެ ރައްޔިތުން ދަނޭ މި ގާސިމަކީ ތެދުވެރި، އިހުލާސްތެރި އަމާނާތް އެއްކަން. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރުން ފެށިގެން، މިމީހުންނަށް ކޮންމެ ފަހަރަކު 25 ޕަސެންޓް ލިބުނީމާ އެނެއް 25 ޕަސެންޓަށް ވުރެ އިތުުރަށް، ސަރުކާރު ގެނެސްދިނުމަށް ޓަކައި މި ގާސިމް ހޯދައިދޭކަން،" ގާސިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ގާސިމްގެ ތާއީދާ އެކު ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކު ވެސް ވަނީ ދައުލަތް "ލޫޓުވާލައިފަ" އެވެ. އެވަރުގެ ބަޔަކަށް ވޯޓްލާން ހެޔޮވާނެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"އަަޅުގަނޑަށް ކަށަވަރު މިފަހަރު ދިވެހި ލޮބުވެތި ރައްޔިތުން، އެއް އަޑަކަށް އެއް ލަވައެއްގައި ގޮސް ވޯޓް އަޅައިޮ ފުރާލާނީ ކެންޑިޑޭޓް ނަމްބަރު ފަހަކަށް، އެެއީ ޖުމްހޫރީ ޕާޓީއަށް، " ގާސިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް އެ ޔަގީންކަމާ އެކު ގާސިމް ރައްޔިތުންނަށް ދަންނަވާ އާދޭސް ވެލިދޫގައި ވެސް ތަކުރާރު ކުރެއްވި އެވެ. ވިދާޅުވީ އެމްޑީޕީއަށް ދެފަހަރު އަދި ޕީޕީއެމް އަށް އެއް ފަހަރު ވެރިކަން ދީފި ކަަމަށާއި މިފަހަރު ޖޭޕީއަށް ފުރުސަތު ދެއްވަން އާދޭސް ދަންނަވާ ކަމަށެވެ.
"ކީއްތޯ ވާނީ ޓެސްޓްކޮށްލަން ގާސިމަށް އެއް ފުރުސަތު ދެއްވިއްޔާ،" ގާސިމް ވިދާޅުވި އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް ޕާޓީއެއްގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުުމްލަ އަށް ބޭފުޅުން ވާދަކުރައްވަ އެވެ.
ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު، ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި އެމްއެެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.
އަމިއްލަ ގޮތުން ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަސަން ޒަމީލް ނަމަކަށް ކިޔާ ބޭފުޅެކެވެ.
Comment