Advertisement

ޓީސީ މޮޅުވިިއިރު، ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އެއްވަރު

25 އޮގަސްޓު 2023 - 08:54 0


ޓީސީ މޮޅުވިިއިރު، ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އެއްވަރު

25 އޮގަސްޓު 2023 - 08:54 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން މޮޅުވިއިރު، ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ޓީސީން އިއްޔެގެ މޮޅާ އެކު ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވަނީ ނުވަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ރޭގެ ޕޮއިންޓާ އެކު ވެލެންސިއާ އެންމެ ފުލުގައި ދެ ޕޮއިންޓް ހޯދައިގެން އޮތްއިރު، ހަތް ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ ނުވަ މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ޓީސީން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި، ހަމްދޫން އަބްދުލް ލަތީފް ވަނީ ތަފާތު ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޓީސީން ކާމިޔާބުކުރި ފަހު ގޯލު ޖެހީ، އަހުމަދު މާއިޝް ރަޝީދު (މާއި) އެވެ.

މި މެޗުގައި ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ އަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބި ބޭނުންނުކުރެވިދިޔަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

ވެލެންސިއާ އިން ރޭގެ މެޗުގައި ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، ހަސަން ސުފްޔާން (ސޫފީ) ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު، ގްރީން ސްޓްރީޓްސް އިން ވަނީ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. އަދި ގްރީން ސްޓްރީޓްސް އިން ލީޑުނެގީ އަހުމަދު ރަސްލާން ހަމީދު ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން 14 އަހަރުގެ މުހައްމަދު އިލާން އިމްރާން އެވެ. ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން އިލާން ޖެހި މި ގޯލާ އެކު އޭނާ ވެފައިވަނީ ލީގުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.