Advertisement

"ޒަމާނަކުން އައި ޒަމާނެކޭ"؛ އެމްޑީޕީގެ މެންބަރުން ރޮއްވާލައިފި

25 އޮގަސްޓު 2023 - 08:20 11

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޒަމާނަކުން އައި ޒަމާނޭ ޖަލްސާގައި ކުޅުނު ތަމްސީލުގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


"ޒަމާނަކުން އައި ޒަމާނެކޭ"؛ އެމްޑީޕީގެ މެންބަރުން ރޮއްވާލައިފި

25 އޮގަސްޓު 2023 - 08:20 11

ފުރަތަމަ ފެނުނީ ކަނޑު އަޑީގައި ހުރި ފޮށްޓެކެވެ. ދެ ފަރާތުން ފީނާފައި ދެމީހަކު ގޮސް އެ ފޮށި ނެގޭތޯ މަސައްކަތް ކުރެ އެވެ. އެކަމަކު އެމީހުންނަށް އެކަން ކާމިޔާބެއް ނުކުރެވެ އެވެ.

ދެން ފެނުނީ އެ ފޮށި ހުޅުވާލާފައި މީހަކު ނުކުމެ އެ ފޮށިން ފަތެއް ނަގައި އެ އުދުއްސައިލާ މަންޒަރެވެ. އެ ފަތުން ސްޓޭޖު މަތީ ހުރި އިސްކިރީނުގައި ވަރަށް ސާފުކޮށް 2003، ލިޔެލި އެވެ.

އެހައިހިސާބުން ދެން އިސްކިރީނުގައި ކުރެހެމުން ދަނީ ދަގަނޑު ތޭރިތަކެކެވެ. އެއަށްފަހު އޭގެ ފުރަގަހުގައި ބަޔަކު ހައްޔަރުވެފައި ތިބޭ މަންޒަރު ސިފަވާ ގޮތަށް 12 މީހަކު ގޮސް އިސްޓޭޖު މަތީގައި އެތުރެ އެވެ. އެމީހުން ހުއްޓިގެން ތިއްބާ ދެން ފެނުނީ އޭގެތެރެއިން ތިން މީހަކު ބިން މައްޗަށް ވެއްޓޭ މަންޒަރެވެ.

މިއީ ރޭގައި މާފަންނު ސޯޝަލް ސެންޓަރުގެ، އިންޑޯ ހޯލުގައި ކުރިއަށް ގެންދިޔަ "ޒަމާނަކުން އައި ޒަމާނެކޭ" ޖަލްސާގައި ކުޅެލި އަސަރުގަދަ ތަމްސީލުގެ ފެށުމެވެ. އެ ތަމްސީލުގެ ފުރަތަމަ 60 ވަރަކަށް ސިކުންތު ތެރޭގައި އެ ހޯލުގައި ތިބި ހުރިހާ އެންމެން ގެންގޮސް ދިނީ މީގެ 20 އަހަރު ކުރިއަށެވެ. މިހާރު މިދެކޭ ޑިމޮކްރެސީއާއި މިނިވަންކަމުގެ ފެށުމަށެވެ.

ތަމްސީލުގެ ފުރަތަމަ މިނެޓު ތެރޭގައި އެ ސިފަކޮށް ދިނީ އެއްވެސް ރަހުމަކާ ނުލައި މާފުށީ ޖަލުގައި މަރާލި އީވާން ނަސީމްގެ މަރުގެ ހާދިސާ އެވެ. ފުރަތަމަ ފެނުނު ފޮށްޓަކީ އޭރުގެ ހާލަތެވެ. އެ ހާލަތު ބަދަލު ކުރެވޭތޯ އެތައް މަސައްކަތެއް ނުވަދިހައިގެ އަހަރުތަކުން ފެށިގެން ކުރަމުން އައި ނަމަވެސް 2003 ވަނަ އަހަރާ ހަމައަށް އެކަން ކާމިޔާބުވެފައި ނުވި ކަމެވެ. އޭރުގެ ހާލަތު ބަދަލުކުރުމަށް އީވާން ނަސީމުގެ އަނިޔާވެރި މަރުން ހިތްވަރު ލިބިގަތް ގޮތެވެ.

ތަމްސީލުގެ ތެރެއިން ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ ސިފަކޮށްދެނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެ މަންޒަރުތަކަށް ފަހު، 10 ވަރަކަށް މިނެޓަށް ދިގުދެމިގެންދިޔަ އެ ތަމްސީލުން އެމްޑީޕީ ވުޖޫދުވުމާ ހަމައިން މިއަދާ ހަމައަށް ކުރި ދިގު ދަތުރު ވަރަށް ފުރިހަމައަށް ދައްކުވައިދިނެވެ. ތަމްސީލު ކުރިއަށް ދިޔަވަރަކަށް ފޫހިކަމެއް ނެތި އެ މަންޒަރުތައް ބަލަން އެ ހޯލުގައިއާއި ސޯޝަލް ސެންޓަރުގެ ބޭރުގައި ތިބި އެތައް ސަތޭކަ މެންބަރުންނެއްގެ މޫނުމަތިން އެ ހަނދާންތަކުގެ ކުލަވަރު ފާޅުވަމުންދިޔަ އެވެ. ސާބަހުގެ އަތްތިލަބަޑިއާއި ހަޅޭކުގެ އަޑުގެ އިތުރުން ޖަޒުބާތުގެ ކަރުނައާއި ހިނިތުންވުން އެ ހޯލު ތެރެއިން ފެނިގެންދިޔަ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން

ފެށުމުގައި ދައްކުވައިދިން ތާރީހީ އެ މަންޒަރުތަކަށްފަހު ދެން ފެނުނީ 19 ސެޕްޓެމްބަރު، 2003 ގައި ހިނގާދިޔަ ހާދިސާތަކުގެ އިތުރުން ވެސް އޭރުގެ ސަރުކާރުން ހިންގަމުން ގެންދިޔަ އަނިޔާވެރި ވެރިކަމާ ދެކޮޅަށް މާލޭގެ މަގުތައް މައްޗަށް ފުރަތަމަ ފަހަަރަށް ރައްޔިތުން ނުކުމެ ކުރި އިހުތިޖާޖުތަކެވެ. 2004 ވަނަ އަހަރުގެ އޯގަސްޓު، 12، 13 ގެ ހަޅުތާލެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އިސްލާހީ މަސައްކަތުގެ ފެށުމެވެ.

އެއަށްފަހު އިސްޓޭޖުގެ އިސްކިރީނުން ފާޅުވީ ރަތާއި ފެއްސާއި ހުދުގެ އިތުރުން ރަން ރީނދުލާއި ކަޅު ކުލައިގެ ފަށްތަކެކެވެ. އެއީ 1978، ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަމުގައި ހުންނެވި އޭރުގެ ރައީސް، އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން، ދިގު 30 އަހަރަށްފަހު ނިމުމަކަށް ގެނައި ކޯލިޝަނުގެ ރަމްޒެވެ. އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުން އައި މަަސައްކަތުގައި "ވަތަން އެދޭ ގޮތަށް" ޖެއްސި ކުލަތަކެވެ.

އެ މަންޒަރުތަކަށްފަހު ދެން ދައްކުވައިދިނީ "އަނެއް ދިވެހިރާއްޖެ" އަށް އިރު އެރި އުފާވެރި މަންޒަރެވެ. ބިޔަ ބޮޑު ކޯލިޝަނާ އެކު އެކަތިގަނޑެއްގެ ގޮތުގައި ބަދަހި ކަމާއެކު ފެށި ވެރިކަމެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެ ބިޔަ ބޮޑު ކޯލިޝަން ރޫޅިގެން ގޮސް 2012 ވަނަ އަހަރު، އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތަކުގެ ހަނދާނުގެ ތެރެއަށް މުޅި އޯޑިއަންސް ގެންގޮސް ދޫކޮށްލި އެވެ.

ތަމްސީލުގެ ތެރެއިން އަނެއް ދިވެހިރާއްޖެއަށް އިރުއެރި މަންޒަރު ސިފަކޮށްދެނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެ ހަނދާންތަކުގެ ތެރެއިން ދެން ދައްކުވައިދިނީ އެމްޑީޕީގެ މެންބަރުންގެ ހިތުގެ އެންމެ ހިމަ ނާރާ ކުޅެލި މަންޒަރުތަކެކެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލު ކުރި "ބަގާވާތުގެ" މާޒީ އެވެ. އެ މަންޒަރުތަކާ އެކު ތަރުހީބުގެ އަތްތިލަބަޑީގެ އަޑު އެ މާހައުލުން ކެނޑި ކުއްލި ހަމަހިމޭންކަމެއް އެ މާލަމަށް ވެރިވި އެވެ. ބައެއް މެންބަރުންގެ މޫނުމަތީން އެ ދުވަހުގެ އިހުސާސްތަކުގެ ޖަޒުބާރު ފެންނާން ވެސް ހުއްޓެވެ.

މަގުމަތީގައި އުޅުނު 7 އަހަރު

ޖަޒުބާތީ އެ މަންޒަރުތަކަށްފަހު ދެން ދައްކުވައިދިނީ އެމްޑީޕީގެ ތާރީހުގައި ކުރިމަތިވި އެންމެ ކަޅު ދުވަސްތަކުން އަރައިގަތުމަށް އާންމު މެންބަރުން ކުރި ހިތްވަރެވެ. އެއް އަޒުމެއްގައި ތިބެ އެމްޑީޕީގެ ދިދަ އަލުން ނަގައި ކޮޅަށް ޖެހި މަންޒަރެވެ. އެ ޖޯޝުގައި ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގައި އޮތް ހުރިހާ ސިޔާސީ ފިކުރަކާ ދެކޮޅަށް ރީނދުލުގެ ލަޝްކަރު ކުރި ހަނގުރާމަ އެވެ.

އެ މަންޒަރުތަކާ އެކު މުޅި ހޯލުގައި ޖޯޝާއި ފޯރީގެ އަޑު ހިއްޕާލި އެވެ. އެ ހަޅޭކުގެ ތެރެއިން ދެން ފެނުނީ އެންމެ ހަ ހާހެއްހައި ވޯޓުން، އެމްޑީޕީއަށް އެ އިންތިހާބު ނާކާމިޔާބު ވުމާއެކު ބަސް ބުނުމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގައި ތަޅު އެޅުވިގެންދިޔަ މަންޒަރެވެ. އެއަށްފަހު ރާއްޖޭގެ ފަނޑިޔާރުގެތަކާއި ސިޔާސީ ޕާޓީތަކުގައި ކަސްތޮޅު އެޅުވި މަންޒަރެވެ.

ޒަމާނަކުން އައި ޒަމާނޭ ޖަލްސާގައި އެމްޑީޕީގެ އާންމު މެންބަރެއް ތަރުހީބު ދެނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެއީ ފާއިތުވި ވެރިކަމުގެ ދުވަސްވަރެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މިހާރު ޖަލުގައި ހުންނެވި، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރެވެ. އެ މަނިކުފާނުގެ މައްޗަށް މިހާރު ސާބިތުވެފައިވާ ކުށް ހިމެނޭހެން އޭރު ހިނގަމުންދިޔަ ކޮރަޕްޝަންގެ އަމަލުތައް ވެސް އެ ތަމްސީލުގައި ދައްކުވައިދިނެވެ.

އެ ތަމްސީލުން ދެން ދައްކުވައިދިނީ އޭރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ބުންވަރު ޖެހި ވަރުގަދަވަމުން އައި މަންޒަރެވެ. ޕާޓީއަކަށްފަހު ޕާޓީއެއް އެމްޑީޕީއާ ގުޅި އިދިކޮޅުގެ މަސައްކަތް ވާން ވެގެންދިޔަ ގޮތެވެ. އެ ވާންކަމާ އެކު ކުރި މަސައްކަތުން ހަތް އަހަރަށް ފަހު އެމްޑީޕީއަށް ހަމަނޭވާއެއް ލެވުނު ދުވަސް ވެެސް އެ ތަމްސީލުން ފުރިހަމައަށް ދައްކުވައިދިނެވެ.

ރައީސް ސޯލިހުގެ ފަސް އަހަރު

ދެހާސް އަށާރައިގެ އިންތިހާބުގައި ބޮޑު ތަފާތަކުން، މިހާރުގެ ރައީސް ސޯލިހު ކުރި ހޯއްދެވި މަންޒަރު ތަމްސީލުން ދައްކުވައިދިނީ އެ މަނިކުފާނުގެ އާންމު "ސެލްފީ" އަކުންނެވެ. އެއަށްފަހު އޭރު ވެރިކަމުގައި އޮތް ޕީޕީއެމުން ނަތީޖާ ގަބޫލު ނުކޮށް މަގުމައްޗަށް ނުކުމެ "ފާހަގަ ވެއްޓުނު" ކަމަށް ބުނެ ކުރި މުޒާހަރާތައް ވެސް ތަމްސީލުގައި ދައްކުވައިދިނެވެ.

ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާއާ އެއްގޮތަށް ދާއިމީ ނަތީޖާ އިއުލާނު ކުރުމާ އެކު ރައީސް ސޯލިހު ވެރިކަމަށް އިންތިހާބުވެވަޑައިގެން އޭގެ ކުރިން ކަސްތޮޅު އަޅުވާފައި ހުރި ހުރިހާ ކަމެއް މިނިވަން ކޮށްދެއްވި މަންޒަރު ތަމްސީލުން ދައްކުވައިދެ އެވެ.

އެއަށްފަހު ދެން ފެންނަނީ 2019، ގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްތަކެވެ. އެ ހާލަތުގައި ދިވެހިން ދިރިއުޅެމުންދިޔަ ހާލެވެ. ބަލަން އުނދަގޫވި "ލޮކްޑައުން" ގެ އެ މަންޒަރުތަކަށްފަހު ރާއްޖޭގެ ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު ތިން މަސް ފަހުން، ޖުލައި 2020 ގައި ރާއްޖޭގެ ބޯޑަރު ހުޅުވައިލާ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރި ބުރަ މަސައްކަތް ދައްކުވައިދިނެވެ. ކުރު ގޮތަކަށް ބުނާ ނަމަ، ކޮވިޑާ ގުޅިގެން ރާއްޖެ ސިއްހީ ނުރައްކަލުގެ ހާލަތުގައި އޮތް ދެ އަހަރު ދުވަހު ދިވެހި ސަރުކާރުން ކޮވިޑު މެނޭޖު ކުރި ގޮތް ވަރަށް ފުރިހަމައަށް ތަމްސީލުން ދައްކުވައިދިނެވެ.

އެ ދެ އަހަރުގެ ހިތްދަތި ހަނދާންތަކުގައި މި މިއުޒިކަލުން އާކޮށްދީ އަލުން ކުލަ ޖައްސައި ދިނެވެ.

ތަމްސީލުގެ ތެރެއިން މި ސަރުކާރުން ކޮވިޑު މެނޭޖު ކުރި ގޮތް ދައްކުވައިދެނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބޯޑަރު ހުޅުވާލުމާ އެކު ރާއްޖޭގެ އިގުތިސާދު ބަދަލުވެގެންދިޔަ ގޮތް ވެސް އެ ތަމްސީލުން ވަރަށް ފުރިހަމައަށް ދައްކުވައިދިނެވެ. ކޮވިޑުގެ ހާލަތުން އަރައިގަތުމަށްފަހު ދެން ދައްކައިދެނީ އޮލިމްޕަސް ހުޅުވި މަންޒަރާއި މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރި މިންނެތް މަސައްކަތެވެ.

އެ މަންޒަރުތަކަށް ފަހު ތަމްސީލުގައި ދެން އަލިއަޅުވައިލީ ރައީސް ސޯލިހުގެ މި ދައުރުގައި ފުއްދައިދެއްވި މުހިންމު ވައުދުތަކަށެވެ. އެގޮތުން ހިއްކަންޖެހޭ ތަންތަނުން ބިން ހިއްކަައި، ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަމާއި ޒަމާނީ ފެންވަރަށް ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގި މަގު ހެދުމުގެ މަޝްރޫއުތަކާއި ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވައިލުމަށް ތައާރަފު ކުރި، އާރުޓީއެލްގެ ހިދުމަތް ވެސް ތަމްސީލުގައި ދައްކުވައިދެ އެވެ.

އިސްޓޭޖުގެ ފަހަތް އެއްކޮށް ރީނދުލުން ޖަރީކޮށްލަމުން އެ ތަމްސީލު އެއްކޮށް ނިންމާލިއިރު، މުޅި ސޯޝަލް ސެންޓަރުގެ އެތެރެއާއި ބޭރުގައި ހުރީ އެއް އަޑުން "އެއްބުރުން ރައީސް އިބޫ" އޭ ކިޔާ ގޮވާ އަޑު ހިއްޕާލާފަ އެވެ. އެ ތާއީދާއި ފޯރި، ރައީސް ސޯލިހު އިސްޓޭޖަށް އަރުއްވައި ހުއްޓިވަޑައިގަތުމުން ވެސް ކެނޑިގެން ނުދިޔަ އެވެ. އެ މަނިކުފާނު ވަނީ ސަޕޯޓަރުންގެ އެ ހަޅޭކާއި ތަރުހީބަށް އަތުގެ އިނގިލިފުޅުތަކުން ކެންޑިޑޭޓު ނަންބަރާއި އެކު "އޯކޭ" އިޝާރާތް ދައްކަވައިލައްވައި ސަޕޯޓަރުންގެ މެސެޖު ގަބޫލުފުޅު ކުރައްވައިފަ އެވެ.