Advertisement

ފައިބަރު މަސައްކަތްތަކަށް ރ. ވަންދޫން ބިން ދޫކުރަން ވައުދުވެއްޖެ

24 އޮގަސްޓު 2023 - 11:59 0

ނިމާ ހަސަން

ނިމާ ހަސަން

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ރ. އިންނަމާދުއަށް ވަޑައިގެން; ފައިބަރު މަސައްކަތަށް އެ އަތޮޅު ވަންދޫން ބިން ދޫކުރެއްވުމަށް ވައުދުވެ ވަޑައިގެންނެވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް


ފައިބަރު މަސައްކަތްތަކަށް ރ. ވަންދޫން ބިން ދޫކުރަން ވައުދުވެއްޖެ

24 އޮގަސްޓު 2023 - 11:59 0

ފައިބަރު މަސައްކަތަށް ރ. ވަންދޫން ބިން ދޫކޮށް, ވަޑިންނަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ލޯނު ދޫކުރުމުގެ ޔަގީންކަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެނުގައި ރ. އިންނަމާދުއަށް ވަޑައިގެން ރައީސް ވިދާޅުވީ އެރަށަކީ ރާއްޖޭގެ އިގުތިސޯދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށާއި, އެންމެ ގިނަ އަދި އެންމެ ކުޅަދާނަ މަސައްކަތްތެރިން ތިބީ އެރަށުގައި ކަމަށެވެ. ނަމަވެސް ވަޑިންގެ މަސައްކަތަށް ވެސް ދަތި އުނދަގޫތައް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވި އެވެ.

އިންނަމާދުއަކީ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތް ކުރާ ރަށަކަށްވާތީ, އެ ރަށު ވަޑިންގެ ފަރާތުން ވަނީ އެ އަތޮޅު ވަންދޫގައި އެ މަސައްކަތް ކުރެވޭނެ ގޮތް ހަދައިދިނުމަށް އެދިފަ އެވެ. ނަމަވެސް, އަދި އެ ރަށުގައި ފައިބަރު މަސައްކަތް ކުރެވޭނެ ގޮތް ސަރުކާރަށް ގާއިމުކޮށްދެވިފައެއް ނުވެ އެވެ.

"ފައިބަރުގެ މަސައްކަތް ބޮޑުކޮށް ކުރާ ރަށަކަށް ވާތީ މި ރަށުގެ ވަޑިންގެ ފަރާތުން އެދުނު އެދުމެއް ވަންދޫއިން ބިން ލިބޭނެ ގޮތެއް ހަދައިދިނުން. އެކަމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވިފައި ހުރީ. ނަމަވެސް އަދި މުޅިން އެކަން ނިންމާލެވިފައި ނުވާތީ, ވަޑިންގެ ކަންބޮޑުވުންތަކެއް އެބަހުރި," ރައީސް ވިދާޅުވި އެވެ.

ވަންދޫއިން ބިން ދޫކޮށް, ފައިބަރު މަސައްކަތް ކުރެވޭނެ ގޮތް ކައިރި މުސްތަގުބަލު ފަހިވެގެންދާނެ ކަމަށާއި އެ ރަށުން ބިން ދޫނުކުރެވި ވަނީ އީއައިއޭ ފަދަ ބައެއް ކަންކަން ނިމިފައި ނުވުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރ. ވަންދޫއަކީ, ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ނިންމާފައިވާ ރަށެކެވެ. ވޯލްޑް ބޭންކުގެ އެހީގައި ހިންގާ މޯލްޑިވްސް އެންވަޔަރްމެންޓް މެނޭޖްމެންޓް ޕްރޮޖެކްޓް (މެމްޕް)ގެ ބައެއްގެ ގޮތުގައި ރ. ވަންދޫ ތަރައްގީ ކުރަން ނިންމީ 2010 ވަނަ އަހަރެވެ.

އިންވެސްޓްމަންޓެއް ފެށުމަށްޓަކައި ފައިސާ ހޯދުމަށް ވަޑިންނަށް ހުރި ދަތިތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ, ކުރިއަށް އޮތް ދައުރު ތެރޭގައި އެ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

"އިންވެސްޓްމަންޓެއް ފެށުމަށްޓަކައި ފައިސާ ހޯދުމަށް ހުރި ދަތިތައް އެބަހުރި. ކުރިއަށް އޮތް ދައުރު ތެރޭގައި އަޅުގަނޑުމެންގެ އެއް އަމާޒަކީ މިފަދަ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ގާއިމްކޮށްދިނުން," ރައީސް ވިދާޅުވީ ސަރުކާރުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި ބައިވެރިވެގެން ވަޑިންނަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެހެން ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ, އަންނަ ދައުރުގައި އިންނަމާދޫއަށް ކޮށްދެއްވަން ރާވާފައިވާ ބައެއް ކަންކަން އިއުލާނުކުރައްވާފަ އެވެ.

އިންނަމާދޫ އަށްވީ އިތުރު ވައުދުތައް:

  • ބޯހިޔާވަހިކަމަށް ރޯ ހައުސް ނޫނީ ފްލެޓް އަޅައިދިނުން
  • އިތުރު ވަސީލަތްތަކާއެކު ސްކޫލަށް އޮފީސް އިމާރާތެއް އަޅައިދިނުން
  • ވަސީލަތްތަކާއެކު ޔޫތު ސެންޓަރެއް ގާއިމުކުރުން
  • ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން

ރައީސް ވިދާޅުވީ މިހާތަނަށް ދަތުރު ކުރެއްވި ރަށްތަކުން ފެނިވަޑައިގެންނެވީ, ތަރައްގީއަށް ކުރާ މަސައްކަތް ރައްޔިތުން ގަބޫލުކޮށް, އެ މަސައްކަތައިގެން ކުރިއަށް ދިއުމަށް އަތުކުރި އޮޅާލައިގެން ރައްޔިތުން ނިކުމެ ތިބި ތަން ކަމަށެވެ.

ދެވަނަ ބުރެއްގެ ވިސްނުމުގައި ތިއްބެވި ބޭފުޅުން ތިބީ ހުވަފެނެއްގެ ތެރޭގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާތަނަށް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރާނެ އެންމެ ބޮޑު އަގުލަބިއްޔަތުން އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.