Advertisement

ހަނދުގެ ދެކުނަށް އިންޑިއާގެ "ވިކްރަމް" ޖައްސައި ތާރީހުގެ ތެރެއަށް

24 އޮގަސްޓު 2023 - 06:07 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


ހަނދުގެ ދެކުނަށް އިންޑިއާގެ "ވިކްރަމް" ޖައްސައި ތާރީހުގެ ތެރެއަށް

24 އޮގަސްޓު 2023 - 06:07 0

ހަނދުގެ އެންމެ ދެކުނު ބިތަށް ތިރިކުރި ފުރަތަމަ ގައުމުގެ ލަގަބު އިންޑިއާއަށް ލިބިއްޖެ އެވެ.

މިހާތަނަށް ހަނދަށް ޖައްވީ އުޅަނދު ކާމިޔާބުކަމާ އެކު ތިރިކުރެވިފައި ވަނީ މަދު ގައުމުތަކަށެވެ. އެއީ އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އެވެ.

އެ ގައުމުތަކުގެ ތެރޭގައި ހިމެނުމުގެ އިތުރުން ހަނދުގެ އެންމެ ދެކުނަށް ތިރިކުރި ފުރަތަމަ ގައުމުގެ ގޮތުގައި އިންޑިއާ މި ވަނީ ތާރީހުގެ ތެރޭގައި ހިމެނިފަ އެވެ.

ޗަންދްރަޔާން-3 އުޅަނދުގައި ފޮނުވި ވިކްރަމް ލޭންޑާ ހަނދުގެ ބިމަށް ތިރިކުރީ ރާވާފައި އޮތް ގޮތަށް އިންޑިއާ ގަޑިން ބުދަ ދުވަހުގެ 18:04 ގަ އެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި އުފާ ފާޅުކުރަމުންދާ އިރު ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ އިންޑިއާ މިހާރު ވަނީ ހަނދުގައި ކަމަށެވެ.

"އެހެން އެއްވެސް ގައުމަކަށް ނުދެވޭ ހިސާބަށް އަޅުގަނޑުމެންނަށް ދެވިއްޖެ. މިއީ އުފާވެރި ވަގުތެއް،" އެ މަންޒަރު ވަގުތުން ބެއްލެވި މޯދީ ވިދާޅުވި އެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގެ ޗީފް ސްރީދަރާ ޕަނިކަރް ސޮމަނަތު ވިދާޅުވީ މިއީ ސައިންސްވެރިންގެ ޖީލަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އިންޑިއާއިން ކާމިޔާބުކަމާ އެކު ހަނދުގެ ދެކުނު ބިތަށް ތިރިކޮށްފައިވާ އިރު، ހަމަ މި ހަފުތާގައި އިންޑިއާއަށް ވުރެ ކުރިން އެކަން ހާސިލްކުރަން އުޅެނިކޮށް ރަޝިއާގެ ލޫނާ-25 ހަނދަށް ވެއްޓުނެވެ.

ހަނދުގެ ދެކުނުގެ ބިމުގެ ފަށަލަ އެކި ވަރުވަރަަށް ހުންނަ އިރު، އެ ތަނުގައި ބޮޑެތި ވަޅުގަނޑުތަކާއި ހިލަގަނޑުތައް ހުރުމުން އުޅަނދެއް ޖެއްސުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

މީގެ ކުރިން 2019 ގައި ވެސް އިންޑިއާއިން ހަނދުގެ ދެކުނަށް ތިރިކުރަން އުޅެ ފެއިލްވި އެވެ.