Advertisement

ސިފައިންނާ ބެހޭ ގޮތުން ގާސިމް ދެއްކެވި ވާހަކަ މާރިޔާ ކުށްވެރިކުރައްވައިފި

23 އޮގަސްޓު 2023 - 13:19 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ. އަބްދުﷲ އިޔާން/ އަދަދު


ސިފައިންނާ ބެހޭ ގޮތުން ގާސިމް ދެއްކެވި ވާހަކަ މާރިޔާ ކުށްވެރިކުރައްވައިފި

23 އޮގަސްޓު 2023 - 13:19 0

ރާއްޖޭގައި ދިވެހި ސިފައިންނަށް ނުވަދެވޭ ތަންތަން ހުންނަ ކަމަށް ދޭހަވާ ގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ދެއްކެވި ވާހަކަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ކުށްވެރިކުރައްވައިފި އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެެއިންކުރަން ޖުމްހޫރީ ޕާޓީން ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގަައި ގާސިމް ވިދާޅުވީ ރާއްޖޭގެ ސިފައިންނަށް ނުވަދެވޭ ބައެއް ތަންތަން ރާއްޖޭގައި ހުރި ކަމަށް އަޑު އިވިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްުޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުކުރައްވާ ކެމްޕެއިނުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މިއަދު ބޭއްވެވި މީޑިއާ ބްރީފިން ގައި މާރިޔާ ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި ސިފައިންނާ ބެހޭ ގޮތުން އެފަދަ ވާހަކަ ދައްކާތީ ސިފައިން ނުރުހުންފާޅުކުރަމުންދާ ކަމަށެވެ. ނުރުހުން ފާޅުކުރަމުންދާ ސިފައިންގެ ތެރޭގައިި އެކި ރޭންކްތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން އެއް ހެން އަރައި ހުއްޓަސް އަޅުގަނޑުގެ ޕޯޓްފޯލިއޯ އަކީ މިނިސްޓަރް އޮފް ޑިފެންސް. އަޅުގަނޑަށް ސިފައިން، ހުރިހާ ދިމާލަކުން ވެސް، އެކި ރޭންކްތަކުގެ މީހުން އައިސް، އެމީހުން އެބަ ނުރުހުން ފާޅުކުރޭ ސިފައިންނާ ދިމާލަށް ސިޔާސީ ޕޯޑިއަމްތަކުގައި މިއަދު އެތާ ތިއްބެވި ހުރިހާ ސިފައިންނަކީ ތާޑް ގްރޭޑް ސިފައިން ކަމަށް ބުނާތީ. އެކަން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިފައިންގެ ގާބިލުކަން މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މީން ޒަމާނަކު ވެސް އެކަމަށް ސަރުކާރަކުން ހަރަދުނުުކުރާ ވަރަށް ރައީސް ސޯލިހުގެ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ހަމަ ދަންނަވައިލަން އޮތީ، ކަމޯން، ސިފައިން މީގެ ތެރެއިން، [ސިޔާސީ ވާހަކައިގެ ތެރެއިން] ބޭރުކުރައްވާށޭ،" މާރިޔާ ވިދާޅުވި އެވެ.

ސިފައިންނާ ފުލުހުންގެ ވާހަކަ އަކީ ސިޔާސީ ހަރަކާތަކަށް ނުހަދަން އޭނާ އިލްތިމާސްކުރެއްވި އެވެ.