Advertisement

އިންތިހާބަކަށް ދާއިރު ރައްޔިތުން އެކުގައި ވެރިކަން ބަދަލުކުރަން ނުކުންނަ މަންޒަރު މިހާރު ނުފެނޭ: ރައީސް

23 އޮގަސްޓު 2023 - 12:48 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހު, ރ. ކިނޮޅަހުގައި ކެމްޕޭން ކުރައްވަނީ; ކުރީގެ ރައީސުންގެ ދައުރު ނިމޭއިރަށް ރައްޔިތުން އެކުގައި ވެރިކަން ބަދަލުކުރަން ނިކުންނަ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް


އިންތިހާބަކަށް ދާއިރު ރައްޔިތުން އެކުގައި ވެރިކަން ބަދަލުކުރަން ނުކުންނަ މަންޒަރު މިހާރު ނުފެނޭ: ރައީސް

23 އޮގަސްޓު 2023 - 12:48 0

އާ ގާނޫނު އަސާސީ ތަސްދީގުކުރި ފަހުން އައި ހަތަރު ވެރިކަމުގެ ދައުރު ނިމި, އިންތިހާބާ ކުރިމަތިލާއިރު ރައްޔިތުން އެކުގައި އެ ވެރިކަން ނިންމަން ނިކުންނަ ކަމަށާއި, މިއަދު އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި, ރ. ކިނޮޅަހަށް ވަޑައިގެން ރައީސް ވަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާ "ހެޔޮ ވެރިކަން" ސިޔާސަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ ވެރިކަމުގެ އެންމެ މުހިންމު ސިފަ ކަމަށެވެ.

ހެޔޮ ވެރިކަމެއް ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ރައީސް ވިދާޅުވި ގޮތުގައި, ތިމާއަށް ފެންނަ ގޮތަކީ ހަމައެކަނި ގޮތް ކަމަށް ނުބަލާ, ރައްޔިތުންގެ އަޑުއަހާ, ރައްޔިތުންގެ މުހުތާދުތައް ދެނެގަނެގެން ކަންކަން ނިންމުމެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގެންފި 2008 ވަނަ އަހަރުން ފެށިގެން ހަތަރު ވެރިކަން. މީގެ ކުރީގެ ކޮންމެ ވެރިކަމެއް ނިމިގެން ގޮސް އިންތިހާބަކާ ހަމައަށް އަންނަ އިރުގައި އެއް އަޑަކުން އެންމެން ނިކުމެ ތިބެނީ ވެރިކަން ބަދަލުކުރަން. ރައްޔިތުން ބޭނުންވި ހެޔޮ ވެރިކަން އިންތިހާބު ކުރި ފަރާތުން ކޮށްނުދެވުނީތީ. މިއަދު ތަފާތު" ރައީސް ވިދާޅުވި ގޮތުގައި މިއަދު މަންޒަރު ތަފާތީ, ރައްޔިތުންނަށްވީ ވައުދުތައް ފުއްދަމުންދާތީ އެވެ.

މީގެ ކުރިން ވީ ވައުދުތައް ފުއްދަމުންދާކަން ފާހަގަ ކުރައްވާ, ރައީސް ވަނީ ކުރިއަށް އޮތް ތަނުގައިވާ ވައުދުތައް ވެސް ފުއްދަމުންދާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ކިނޮޅަހުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގެ ތަރައްގީއަށް ވައުދުތަކެއް ވެވަޑައިގެންފަ އެވެ.

ކިނޮޅަހަށްވީ ވައުދުތައް:

  • ތާރު އަޅައި, ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • ކައުންސިލަށް އާ އިމާރާތެއް އަޅައިދިނުން
  • ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހަދައިދިނުން
  • ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތެއް ގާއިމްކޮށް, ހިދުމަތް ފުޅާ ކުރުން
  • އިންޑޯ ސްޕޯޓްސް ހޯލެއް އެޅުން

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ވަނީ މިހާތަނަށް 103 ރަށަށް ވަޑައިގެންފަ އެވެ. ކޮންމެ ރަށެއްގައި ވެސް އެ ރަށަކަށް ހާއްސަ ވައުދުތައް ވެ ވަޑައިގަންނަވާއިރު, ފަސް ތަނބެއްގެ މައްޗަށް އެކުލަވާލާފައިވާ އެމްޑީޕީގެ މެނިފެސްޓޯ ވެސް ލޯންޗު ކުރައްވަމުން އެބަ ގެންދަވަ އެވެ.