22 އޮގަސްޓު 2023 - 21:48 0
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު، ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
22 އޮގަސްޓު 2023 - 21:48 0
ސެޕްޓެމްބަރު9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކަން ހެރިޓޭޖް މިނިސްޓަރު ޔުުމްނާ މައުމޫނު އެންމެ ފަހުން ހާމަކުރައްވައިފި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ ރައީސް ސޯލިހަށް ތާއީދު ކުރެއްވީ ކޮއްކޯފުޅު ފާރިސް މައުމޫނު ވެސް މި އިންތިހާބަށް ކުރިމަތިލައްވާފައި ވަނިކޮށެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ޔުމްނާ ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަކީ ގައުމުގެ ހަމަޖެހުމާ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށެވެ.
"ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫޢުތައް ކުރިޔަށް ގެންދިޔުން މުހިންމު،" ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރަކަށް ޔުމްނާ ވަޑައިގެންނެވީ 2018 ވަނަ އަހަރު އުފެއްދި ކޯލިޝަނުގައި ހިމެނުނު އެމްއާރްއެމްގެ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. ބައްޕާފުޅު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އިސްކޮށް ހުންނަވައިގެން އުފެއްދެވި އެޕާޓީގައި ގާނޫނީ އަދަދު ހަމަނުވާ ކަމަށް ބުނެ، އެޕާޓީ އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.
އެމްއާރްއެމްގެ ލީޑަޝިޕުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އީސީގެ ނިންމުން ތަންފީޒުކުރުން މަޑުޖައްސައިލަން އެކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
އެމްއާރްއެމްއަށް އެހާލަތު މެދުވެރިވެފައި އޮތުމުން ޔުމްނާގެ ކޮއްކޯފުޅު ފާރިސް މައުމޫނު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވީ އަމިއްލަފުޅު ހައިސިއްޔަތުންނެވެ.
Comment