Advertisement

ރާއްޖޭގައި ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ފޯރިގަދަވެ ބައިނަލްއަގުވާމީ މިސްރާބުގައި

22 އޮގަސްޓު 2023 - 17:28 0

މިދިޔަ އަހަރުގެ އިިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތުރީ އޮން ތުރީ އިވެންޓްގެ މެޗެއްގެ ތެރެއިން ރާއްޖޭގެ އަމްޒަރު ބޯޅަ ހިފައިގެން ދެވޭތޯ މަސައްކަތްކުރަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ރާއްޖޭގައި ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ފޯރިގަދަވެ ބައިނަލްއަގުވާމީ މިސްރާބުގައި

22 އޮގަސްޓު 2023 - 17:28 0

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ރާއްޖޭގެ ބާސްކެޓްބޯޅައިގައި އެންމެ ފޯރިގަދަކޮށް ކުރިއަށް ގޮސްފައިވަނީ ތުރީ އޮން ތުރީ މުބާރާތްތަކެވެ. އެހެންވެ، ފަހަކަށް އައިސް ރާއްޖޭން ބައިނަލްއަގުވާމީ މަލްޓި ސްޕޯޓްސް ގޭމްސްތަކުގައި ވާދަކުރާއިރު، ފުރުސަތު ލިބިއްޖެނަމަ ތުރީ އޮން ތުރީ އިވެންޓްގައި ބައިވެރިވާ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.

ރާއްޖޭގައި ތުރީ އޮން ތުރީގެ މަގުބޫލުކަން ބޮޑުވަމުން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ޒުވާން ކުޅުންތެރިން އެކަމަށް ހުންނަ ޝައުގުވެރިކަން ބޮޑުވުމެވެ. އަހަރެއްގެ މައްޗަށް ބަލާއިރު، ނިސްބަތުން މިހާރު މާލެ ސަރަހައްދުގައި ވެސް ތުރީ އޮން ތުރީ ގިނަ މުބާރާތްތަކެއް ކުރިއަށްދެ އެވެ. ރޯދަ މަހަކީ ބާސްކެޓްގެ ތުރީ އޮން ތުރީގެ ގިނަ އިވެންޓްތަކެއް ކުރިއަށްދާ ދުވަސްވަރެކެވެ. ބާސްކެޓްބޯޅަ ކްލަބްތަކާއި އެކެޑަމީތަކުން ވެސް އެކި އުމުރުފުރާ ތަކަށް ހުޅުވާލައިގެން ތުރީ އޮން ތުރީ މުބާރާތްތައް އެ ދުވަސްވަރު ކުރިއަށް ގެންދެ އެވެ.

މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ވެސް ތުރީ އޮން ތުރީ އަށް ދޭ އަހައްމިއްޔަތުކަން އަހަރަކަށް ވުރެ އަހަރެއް ފެންނަނީ ބޮޑުކޮށެވެ. މީގެ ކުރިން، ދިން އިންޓަވިއުއެއްގައި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ، ތުރީ އޮން ތުރީ، އިންޓަނޭޝަނަލް މުބާރާތްތަކެއް ރާއްޖެ ގެނެސް އޭގެ ފޯރި ގަދަވެފައިވާއިރު، ރާއްޖޭގެ ކުޅުންތެރިންގެ ހުނަރުވެސް މި ގޭމުގައި އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

“އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ތުރީ އެކްސް ތުރީގެ އެކްސްޕޯޝާ ރަނގަޅުވަމުން އަންނަތަން، ދެން މީގެ ސްކިލް ޑިވެލޮޕްމަންޓާ ކާމިޔާބު ހޯދުމުގެ ކަންކަމަށް ބަލާއިރު، އަޅުގަނޑުމެންނަށް ކާމިޔާބު ހޯދޭނެ މަންޒަރު ފެންނަން ފެށީމަ، ހާއްސަ ސަމާލުކަމެއް ތުރީ އެކްސް ތުރީ އަށް ދޭން މި ފެށީ، މިއީ ރާއްޖެ އަށް ފުރުސަތު އޮތް ސްޕޯޓެއް،" އެޑަމް ވިދާޅުވި އެވެ.

ރާއްޖޭން އެންމެ ފަހުން މަލްޓި ސްޕޯޓްސް ގޭމްސް އެއްގެ ތުރީ އޮން ތުރީ އިވެންޓްގައި ވާދަކޮށްފައިވަނީ މިދިޔަ އަހަރު، ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގަ އެވެ. އެ ގޭމްސްގައި ވާދަކޮށް، ރާއްޖޭގެ ގައުމީ ތުރީ އޮން ތުރީ ޓީމުންް ދެއްކި ކުުޅުމަށް ބަލާއިރު، ކުރިއަށް އޮތް މުބާރާތްތަކުގައި މަސައްކަތް ކުރަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް ފާހަގަވެގެން ދިޔަ ކަމަށް ޓީމުގެ ކުޅުންތެރިންނާއި ކޯޗު އަހުމަދު ނަޒީފް ވަނީ ބުނެފަ އެވެ.

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތުރީ އޮން ތުރީ އިވެންޓްގައި ރާއްޖޭގެ ގައުމީ ޓީމު ވާދަކުރާއިރު، ޔަގީނުން ވެސް ވޭތުވެދިޔަ އަހަރުތަކުގައި ލިބިފައިވާ ތަޖުރިބާތަކުގެ ބޭނުން ރަނގަަޅަށް ހިފޭނެ އެވެ. ޓީމުގައި ހިމެނޭ ތަރިންނަށް ބަލާއިރު، މި ފަަހަރުގެ މުބާރާތާ މެދު ކުރެވޭ އުންމީދު ވެސް ބޮޑެވެ. އެއީ ތުރީ އޮން ތުރީ އަކީ ރާއްޖޭގެ ކުޅުންތެރިންނަށް ކާމިޔާބު ހޯދޭނެ އިވެންޓެއްކަން މީގެ ކުރިން ވެސް ސާބިތުވެފައި އޮތުމުންނެވެ.

ނޯޓް


މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.