Advertisement

އޮޑެގާޑްގެ ޕެނަލްޓީން ޕެލަސް އަތުން އާސެނަލަށް މޮޅެއް

22 އޮގަސްޓު 2023 - 07:28 0


އޮޑެގާޑްގެ ޕެނަލްޓީން ޕެލަސް އަތުން އާސެނަލަށް މޮޅެއް

22 އޮގަސްޓު 2023 - 07:28 0

ލަންޑަން (އޮގަސްޓް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މާޓިން އޮޑެގާޑް ޖެހި ޕެނަލްޓީން 1-0 އިން ކްރިސްޓަލް ޕެލަސް އަތުން އާސެނަލް މޮޅުވެއްޖެ އެވެ.

ޕެލަސް ދަނޑުގައި ރޭ ކުުޅުނުއިރު، އާސެނަލަށް މެޗު ފަށައިގެން ރަނގަޅު އެޓޭކްތަކެއް ކޮށް ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ. އެ ގޮތުން، އާސެނަލްގެ ގަބްރިއެލް މާޓިނެލީ އަށް ލިބުނު ހުސް ފުރުސަތެއްގައި ރަނގަޅު ވަގުތުގައި ފޮނުވާނުލެވި، ބޯޅަ ގެއްލުނީ އެވެ.

މި މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 53 ވަނަ މިނިޓްގައި އޮޑެގާޑް އެވެ. މިއީ، އާސެނަލަށް ލިބުނު ހިލޭ ޖެހުމެއްގައި މާޓިނެލީ އަވަހަށް ކުޅުން ފަށައިގެން، އޭރިއާތެރެއަށް ދިން ބޯޅައަކަށް އެ ޓީމުގެ އެޑީ އެންކެޓިއާ އެރި ވަގުތު ކްރިސްޓަލް ޕެލަސްގެ ސޭމް ޖޯންސްޓޯން، އެންކެޓިއާ އަށް ފައުލުކުރުމުން ދިން ޕެނަލްޓީ އެކެވެ.

ދެ ވަަނަ ގޯލެއް ޖެހޭތޯ އާސެނަލުން ކުރި މަސައްކަތަށް އެޅުނު އެންމެ ބޮޑު ހުރަހަކީ މެޗުގެ ފަހު 25 ވަރަކަށް މިނިޓް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. އެ ގޮތުން، މެޗުގެ 67 ވަަނަ މިނިޓްގައި އާސެނަލްގެ ޖަޕާން ފުލްބެކް، ޓަކެހީރޯ ޓޮމިޔާސޫ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ޓޮމިޔާސޫ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ އެއްލުމެއް އެއްލަން ވަގުތު ނަގައި، މެޗު ލަސްކުރަން އުޅުނު ކަމަށް ބަލަ އެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޕެލަސްގެ ޖޯޑަން އަޔޫ އަށް ފައުލުކުރުމުންނެވެ.

އާސެނަލުން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ޕެލަސް އިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ލަނޑެއް ޖެހޭގޮތެއްނުވެ މެޗުން ބަލިވީ އެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގެ ސީޒަނުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފައިވަނީ އާސެނަލްގެ އިތުރުން ދެ ޓީމެކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އާއި އެންމެ ބޮޑަށް ކުރިއެރުން ހޯދަމުން އަންނަ އެއް ކްލަބް ބްރައިޓަން އެވެ.