Advertisement

ރިޔާސީ ބަހުސްގައި ރައީސް ފެންނާނީ ކެމްޕޭން ދަތުރުތަކަށް ފަހު ވަގުތު އޮތްނަމަ: މާރިޔާ

21 އޮގަސްޓު 2023 - 13:00 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރިޔާސީ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. ރަސްދޫގައި : ރިޔާސީ ބަހުސްގައި އެމަނިކުފާނު ފެންނާނީ ރައްޔިތުންނާ ގާތައް ކުރައްވާ ދަތުރުތަކަށްފަހު ވަގުތު އޮތްނަމަ ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރިޔާސީ ބަހުސްގައި ރައީސް ފެންނާނީ ކެމްޕޭން ދަތުރުތަކަށް ފަހު ވަގުތު އޮތްނަމަ: މާރިޔާ

21 އޮގަސްޓު 2023 - 13:00 1

އަންނަ މަހު ފުރަތަމަ ދުވަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބާއްވާ ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެނިވަޑައިގަންނަވާނީ ރައްޔިތުންގެ އަރިހަށް ކުރައްވާ ދަތުރުފުޅުތަކަށް ފަހު އެފަދަ ކަމަކަށް ވަގުތު އޮތް މިންވަރަކަށް ބެލުމަށް ފަހު ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިފަދައިން ވިދާޅުވީ އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭނުން ކޮންމެ ދުވަހަކު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ރައީސް އެ ވަޑައިގަންނަވަނީ ވައުދުތަކުގެ ވާހަކަތައް ޓީވީގެ ޒަރިއްޔާއިން ގެނެސްދެއްވަމުން، އެހެންވީމަ ސީދާ ތިއަށް އެއްޗެެކޭ ދަންނަވަން އެނގޭނީ އެމަނިކުފާނުގެ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށްފަހު ވަގުތު އޮވެއްޖިއްޔާ ހަމަ ގައިމުވެސް ތި ކަންކަމަށް ވަގުތު އޮތް މިންވަރަކުން ވަގުތު ދެއްވާނެ," މާރިޔާ ވިދާޅުވި އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އޭރު އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާ ރައީސް ސޯލިހު ބައިވެރިވެވަޑައިނުގެންނަވަ އެވެ. އެއީ, އެމްއެންޔޫގެ ބަހުސްގައި އެކަނި ބައިވެރިވާން އޭރުގެ ރައީސް އަބްދުالله ޔާމީން ނިންމެވުމުން އެއީ މިނިވަކަމާ އެކު ކުރިއަށް ނުދާނެ ބަހުސް ކަމަށް ބެލުމަށް ފަހު އެވެ.

ގައުމީ ޔުނިވާސިޓީ އަދި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ ބަހުސް އިއުލާނު ކުރީ ޕީއެސްއެމުންނެވެ. އެ މީޑިއާއިން ބުނި ގޮތުގައި އިންތިހާބަކާ ދިމާކޮށް ދައުލަތުގެ މީޑިއާއިން ގެނެސްދޭ މި ބަހުސް މިފަހަރު އޮންނާނީ ސެޕްޓެމްބަރު 1، ވަނަ ދުވަހުގެ ރޭ 9:00 ގައި ކަމަށެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް މިހާރު ހުންނެވީ ބ. އަތޮޅުގަ އެވެ. މިއަދު އެމަނިކުފާނު އެ އަތޮޅުގެ ހަ ރަށަކަށް ވަަޑައިގަންނަވާނެ ކަމަށް ކެމްޕޭނުން ވަނީ ބުނެފަ އެވެ.