Advertisement

އިޓަލީ ގައުމީ ޓީމްގެ ކޯޗަކަށް ސްޕަލެއްޓީ ހަމަޖެއްސައިފި

19 އޮގަސްޓު 2023 - 14:43 0


އިޓަލީ ގައުމީ ޓީމްގެ ކޯޗަކަށް ސްޕަލެއްޓީ ހަމަޖެއްސައިފި

19 އޮގަސްޓު 2023 - 14:43 0

ރޯމް، އިޓަލީ (އޮގަސްޓް 19) - އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ނަޕޯލީގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ހަމަޖައްސައިފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ ގައުމީ ޓީމްގެ ކޯޗުކަން ހުސްވީ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު މަގާމާ ދުރަށް ޖެހުމުންނެވެ.

އާ ކޯޗު ސްޕަލެއްޓީ ވަނީ މިދިޔަ ސީޒަންގެ އިޓަލިއަން ސެރީއާ ނަޕޯލީ އަށް ކާމިޔާބުކޮށްދީފަ އެވެ. މިއީ މިދިޔަ 33 އަހަރުގެ ތެރޭގައި އިޓަލިއަން ލީގު ނަޕޯލީއަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަނަށްފަހު ނަޕޯލީގެ ކޯޗުކަން ސްޕަލެއްޓީ ދޫކޮށްލީ "ދިގު ޗުއްޓީ" އަކަށް ދަނީކަމަށް ބުނެ އެވެ. ނަމަވެސް އިޓަލީގެ ގައުމީ ޓީމްގެ ކޯޗުކަން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހުށަހެޅުމުން އޭނާ އެ މަގާމުގައި މަޑުކުރަން ނިންމީ އެވެ.

"ސްޕަލެއްޓީގެ ތަޖުރިބާއާއި ގާބިލްކަމަކީ އިޓަލީގެ ގައުމީ ޓީމްގެ ކުރިއެރުމަށް މުހިންމު އެއްޗަކަށްވާނެ. އެސޯސިއޭޝަންގެ ހުށަހެޅުން ގަބޫލުކުރުމުން އެކަމަށް ޝުކުރު އަދާކުރަން" އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގެބްރިއެލޭ ގްރަވީނާ ވިދާޅުވި އެވެ.

އިޓަލީގެ އާ ކޯޗު ސްޕަލެއްޓީއަކީ ކުލަބު ކޯޗިންގައިވެސް ތަޖުރިބާ ބޮޑު ކޯޗެކެވެ. އެ ގޮތުން، 1994 ވަނަ އަހަރު އިޓަލީގެ ކުލަބު އެމްޕޯލީގެ ކޯޗުކަމުން ކެރިއަރު ފެށި ސްޕަލެއްޓީއަށް މިއީ ގައުމީ ޓީމަކާއިއެކު ފުރަތަމަ ތަޖުރިބާ އެވެ.

އިޓަލީގެ ގިނަ ކުލަބުތަކަށް ކޯޗުކަންކޮށްދިން 64 އަހަރުގެ ސްޕަލެއްޓީ ވަނީ ރޯމާ، އިންޓަ މިލާން، އުދިނޭސީ އަދި ރަޝިއާގެ ގަދަ ބާރު ޒެނިތު ސެއިންޓް ޕީޓަސްބާގަށްވެސް ކޯޗުކަންކޮށްދީފަ އެވެ.