Advertisement

ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ވަރަށް މުހިއްމު، މަސައްކަތް އަވަސް ކުރާނަން: މުއިއްޒު

17 އޮގަސްޓު 2023 - 23:26 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިން ޖަލްސާއެއް ގައި ވާހަކަދައްކަވަނީ. ފޮޓޯ:މިރާޝް ނާސިމް/އަދަދު


ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ވަރަށް މުހިއްމު، މަސައްކަތް އަވަސް ކުރާނަން: މުއިއްޒު

17 އޮގަސްޓު 2023 - 23:26 0

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރަން ހިންގާ މަޝްރޫއު އަކީ ވަރަށް މުހިއްމު މަޝްރޫއުއެއް ކަމަށް ސިފަ ކުރައްވައި، ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ އެ މަޝްރޫއުގެ މަސައްކަތް އަވަސް ކުރައްވާނެ ކަމަށް ޕީއެެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑުކޮށް ޒަމާނީ ކުރުމުގެ މަޝްރޫ އަކީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އަކުން ހިންގާ މަޝްރޫއު އެކެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން ޕީޕީއެމް/ޕީއެންސީން މިރޭ ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަަމަ މަޝްރޫއުތައް ހުއްޓުވާނެ ކަމަށް ބަައެއް ފަރާތްތަކުން ފަތުރާ ވާހަކަ ތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ހަނިމާދޫ އެއާޕޯޓް މަަޝްރޫއު ހުއްޓުވާނެ ކަމަށް ބުނެ، ފަތުރާ ވާހަކައަކީ އެފަދަ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަނިމާދޫގައި ހަދާ އެއާޕޯޓަކީ ތަރައްގީގެ ވިސްނުމުން ބަލާއިރުގަައި މުހިއްމު އެއާޕޯޓެއް. ހދ. އަށް، ބޮޑު ތިލަދުން މައްޗަށް ތަރައްގީ ގެނައުމަށް، އިގުތިސާދީ ތަރައްގީ ގެނައުމުގައި މުހިއްމު މަޝްރޫއެއް. ރައީސް ޔާމީނުގެ ޕްލޭނުގައި ވެސް އޭރު އެކަން ކުރަން ނިންމާފައި އޮތް މަޝްރޫއެއް،" މުއިއްޒު ވިދާޅުވި އެވެ.

އެހެން ވީމާ އެ މަޝްރޫއު މިހާރަށް ވުރެ ބާރަށް ކުރިއަށް ގެންގޮސް މަޝްރޫއުގެ ނަފާ ރައްޔިތުންނަށް ހޯދައިދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ތުހުމަތު ކުރެއްވި ގޮތުގައި އެ މަަޝްރޫއު މިހާރު ކުރިއަށް ގެންދަނީ އެއާޕޯޓް ބޮޑުކުރުގެ މަސައްކަތުގެ އާމްދަނީ ހަނިމާދޫގެ ރައްޔިތުންނަށް ނުވާ ގޮތަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ރާއްޖޭގެ މަސައްކަތްތެރިން ނުނަގާތީ އެވެ.

"އޭގެ ބަދަލުގައި ހަނިމާދޫންނާއި ކައިރީގައި ހުރި ރަށްތަކުގެ ރައްޔިތުންގެ ތެރެއިން، މިދެންނެވި ކަހަލަ އާދައިގެ މަސައްކަތްތައް ކުރެވޭ ކަހަަލަ މަސައްކަތު މީހުން، މިދެންނެވި ބޭރު މީހުންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާ ހޯދައިދެވިއްޖެއްޔާ އޭރުން ރައްޔިތުންނަށް އެބަ ފައިދާވޭ މަޝްރޫއުގެ ތެރެއިން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ހަނިމާދޫ މަޝްރޫއަށް ދިވެހި މަސައްކަތު މީހުން ހޯދުމުގެ އިތުުރުން އެ މަޝްރޫއުގައި އުޅޭ މީހުންގެ ކެއުމަށް ބޭނުންވާ ތަކެތި ވެސް ހޯދާނީ ރާއްޖޭގެ ދަނޑުވެރިން އަތުން ކަމަށެވެ. ރައްޔިތުންގެ ޖީބަށް އެ މަޝްރޫއުގެ ފައިދާ ވާނީ އޭރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.