Advertisement

އަސާސީ ކަންކަން ފުއްދައިދޭން ވައުދުވެ، ރިބަން ކެނޑުން ގޯސް: އަމްރު

15 އޮގަސްޓު 2023 - 22:32 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އަސާސީ ކަންކަން ފުއްދައިދޭން ވައުދުވެ، ރިބަން ކެނޑުން ގޯސް: އަމްރު

15 އޮގަސްޓު 2023 - 22:32 1

ރަށްރަށުގެ އަސާސީ ކަންކަން ފުއްދައިދޭނެ ކަމަށް ވައުދުވެ، އެކަންކަން ހާސިލުވުމުން ރިބަން ކެނޑުމަކީ ގޯހެއް ކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ހުސެން އަމްރު މިރޭ ވިދާޅުވެއްޖެ އެވެ.

އެޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ ފުއްދައިދޭނެ ކަންކަން ހިމެނޭ މެނިފެސްޓޯ ލޯންޗުކުރުމަށް ސަލްޓަންޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ރަށްރަށުގެ ބޯފެނާއި ނަރުދަމާފަދަ އަސާސީ ކަންކަން ފުރިހަމަ ކޮށްދޭން ވައުދުވާން ނުޖެހޭނެ ކަމަށާއި އެއީ ގާނޫނުން ރައްޔިތުންނަށް ފުއްދައިދިނުން މަޖުބޫރު ކަންކަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ނަރުދަމާއެއް އަޅައިދޭން ވައުދުވާތަން. ބޯފެންކޮޅެއް ދޭން ވައުދުވާތަން. މިއީކީ ވައުދުވާން ޖެހޭ ކަންކަމެއް ނޫން. މިއީ ހަގީގަތުގައި ގާނޫނު އަސާސީގައި ލިޔެވިފައި ހުރި ކަންކަން، އޭރެއްގެ ސަރުކާރެއްގައި ކޮންމެ މީހަކު ހުއްޓަސް ކޮށްދޭން ޖެހޭ ކަންކަން،" އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ރަށްރަށުން ފެންނަނީ އެރަށްރަށަށް ފުއްދައިދޭން ޖެހޭ އަސާސީ ކަންކަން ވެސް ފުއްދައި ނުދެވިދާ މަންޒަރު ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކަށް ވެސް އެތައް ދުވަހެއް ނަގާ ކަމަށް ވިދާޅުވެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވި އެވެ.

"ރަށުގައި ފެންހޮޅިއެއް ވަޅުލަން ހަތަރު އަހަރު ހޭދަވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. މަގެއްގައި ތާރުކޮޅެއް އެޅުމަށް ދައުރެއް ހޭދަކޮށްލުމަކީ ކަމުދާ ކަމެއް ނޫން. ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހަޔާތެއް ހޭދަކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އަމްރު ވިދާޅުވި އެވެ.

މިހާރު ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅުގައި ކޮންމެ ރަށަކަށް ވަޑައިގަތުމަށް ފަހު ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އެރަށެއްގެ އަސާސީ ހިދުމަތެއް ނުފުދި ވާނަމަ އެކަމެއް ފުއްދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.

ކުދި އަދި ބޮޑެތި ރަށްތައް ތަފާތުނުކޮށް، ކޮންމެ ރަށަކަށް ވެސް ބޭނުން ޖެހިފައިވާ ހުރިހާ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ސިޔާސަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ސިޔާސަތާ ދެކޮޅު ހައްދަވަ އެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ކުދި ރަށްރަށުގައި ހުރިހާ އަސާސީ ހިދުމަތަކަށް ސަރުކާރުން ހޭދަކުރުމަށް ގެންގުޅޭ ވިސްނުން ގޯސްް ކަމަށެވެ. އެމަނިކުފާނުގެ މި ވިސްނުމަށް ސަރުކާރަށް ތާއީދުކުރާ އެތައް ބަޔަކު ފާޑުކިޔަ އެވެ.