Advertisement

ދެ ވަނަ މެޗުން ވެސް ވޮލީ ޓީމުތައް ލަންކާ އަތުން ބަލިވެއްޖެ

15 އޮގަސްޓު 2023 - 10:18 0

ރޭގެ މެޗުގެ ތެރެއިން ލަންކާގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދެ ވަނަ މެޗުން ވެސް ވޮލީ ޓީމުތައް ލަންކާ އަތުން ބަލިވެއްޖެ

15 އޮގަސްޓު 2023 - 10:18 0

މަޑަގަސްކަރާގައި މި މަހު ފަށަން ނިންމާފައި އޮތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ތެެރެއިން ދެ ވަނަ މެޗުތަކުން ވެސް ގައުމީ ވޮލީ ޓީމުތައް ބަލިވެއްޖެ އެވެ.

ފުރަތަމަ މެޗުތަކުން ސީދާ ތިން ސެޓުން ގައުމީ އަންހެން އަދި ފިރިހެން ޓީމު ވަނީ ލަންކާ އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ގައުމީ އަންހެން ޓީމު ބަލިވީ 3-1 ސެޓުންނެވެ. ރޭ ފިރިހެން ޓީމު ދެ ވަނަ މެޗު ކުޅުނުއިރު، ބަލިވީ ސީދާ ތިން ސެޓުންނެވެ.

ރޭގެ މެޗުގައި ލަންކާ އިން ސެޓުތައް ގެންދިޔައީ 25-21, 25-16 އަދި 25-17 އިންނެވެ.

ރޭގެ މެޗުގެ ތެރެއިން ކުޑަކާއްޓެ (ކ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ލަންކާ ކުޅުންތެރިން މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. މި ސެޓުގައި ލަންކާ ކައިރިން ރާއްޖޭން ރަނގަޅު ވަގުތުގައި އެޓޭކްކޮށް، ޕޮއިންޓް ހޯދައިފައިވެ އެވެ. ސެޓަރު، އިޝާން މުހައްމަދު (ބަޓިސް)ގެ ތަޖުރިބާގެ އަލީގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ހުސެއިން ރައްޒާންގެ އެޓޭކްތަކެއް ވެސް ފެނިގެންދިޔަ އެވެ.

އެކަމަކު، ފުރަތަމަ ސެޓު ގެންގޮސް، ދެން ކުޅުނު ދެ ސެޓުގައި އިތުބާރާ އެކު ކުޅެ، ލަންކާ އިން މެޗު ކާމިޔާބުކުރި އެވެ. އެ ޓީމުގެ އެޓޭކްތައް ފެނުނީ ރާއްޖެ އަށް ހުއްޓުވޭ ވަރަށް ވުރެ ވަރުގަދަކޮށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލަންކާގެ ލަސިންދު މެތުމަލް އެވެ.

ލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު ސީރީސްގައި މިރޭ 20:30 ގައި ކުޅޭނީ އަންހެން ގައުމީ ޓީމުގެ މެޗެކެވެ. އަދި ފިރިހެން ޓީމު ކުޅޭ ފަހު މެޗު އޮންނާނީ މާދަމާރޭ 20:30 ގަ އެވެ.