Advertisement

ލިވަޕޫލަށް ނޫނެކޭ ބުނެ ކައެސޭޑޯ ޗެލްސީ އަށް

14 އޮގަސްޓު 2023 - 12:02 0


ލިވަޕޫލަށް ނޫނެކޭ ބުނެ ކައެސޭޑޯ ޗެލްސީ އަށް

14 އޮގަސްޓު 2023 - 12:02 0

ލަންޑަން (އޮގަސްޓް 14) - ލިވަޕޫލުން ލިބިފައި އޮތް ހުށަހެޅުމަށް ފުރަގަސްދިނުމަށް ފަހު، ބްރައިޓަންގެ މިޑްފީލްޑަރު މޮއިސަސް ކައެސޭޑޯ، ޗެލްސީ އަށް ބަދަލުވާން އެއްބަސްވުމަަށް އަތުވެއްޖެ އެވެ.

ކައެސޭޑޯ، 21، ގަންނަން ލިވަޕޫލުން ވަނީ ބްރައިޓަންއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. އެއީ 140 މިލިއަން ޑޮލަރުގެ ފީ އެއް ދައްކާ ގޮތަށެވެ.

އެކަމަކު، ކައެސޭޑޯ އެ ޑީލަށް ނުރުހޭތީ، ލިވަޕޫލަށް އޭނާގެ ސޮއި ހޯދޭ ގޮތެއް ނުވި އެވެ. ކައެސޭޑޯ، ބޭނުންވީ އެންމެ ފުރަތަމަ ވެސް އޭނާ މި ޓްރާންސްފާގައި އިހުތިޔާރު ކުރި ގޮތަށް ޗެލްސީ އަށް ދިއުމަށެވެ.

ޗެލްސީން ކައެސޭޑޯގެ ޑީލް ނިންމަން ހުށަހެޅި ފީ ޖުމްލަ އެކު، 150 މިލިއަން ޑޮލަރާ ގާތްކުރާނެ އެވެ. ޗެލްސީން މަސައްކަތް ކުރަމުން އަންނަނީ ކައެސޭޑޯ އަށް ހަތް އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށެެވެ. އެއީ އެ އަށް ވުރެ ކުރު މުއްދަތުގެ ކޮންޓްރެކްޓެއްގައި ކައެސޭޑޯ ބޭނުންވާ މުސާރައާ އެކު، ކުރިއަށް ގޮސްފިނަމަ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެދާނެތީ އެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ކައެސޭޑޯގެ ޑީލް ނިންމަން 150 މިލިއަން ޑޮލަރާ އެއްވަރުގެ އަގެއް ދައްކާ ގޮތަށް ހަދާ ކޮންޓްރެކްޓް އިނގިރޭސި ޕްރިމިއާ ލީގުން ރިވިއު ކުރާނެ އެވެ. އެއީ މިދިޔަ 18 މަހެއްހާ ދުވަސްތެރޭ ޗެލްސީން ގިނަ ޓްރާންސްފާތަކެއް ކޮށް، ދިގު މުއްދަތަށް ކުޅުންތެރިން ލައްވައި ކޮންޓްރެކްޓް ހަދާކަން ޕްރިމިއާ ލީގުގެ ބައެއް އޮފިޝަލުން ފާހަގަކޮށްފައިވާތީ އެވެ.

މީގެ ދެ އަހަރު ކުރިން، ބްރައިޓަން އިން ކައެސޭޑޯ ސޮއިކުރީ، އެކުއެޑޯގެ އިންޑިޕެންޑެންޓް ޑެލް ވޯލް އަށް ހަތް މިލިއަން ޑޮލަރު ދީފަ އެވެ.