14 އޮގަސްޓު 2023 - 07:49 1
މުހައްމަދު ޝަހްޒާން
14 އޮގަސްޓު 2023 - 07:49 1
ސެޕްޓެމްބަރު، 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ދެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދަށާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަރަށް ހޫނު ރައްދުތަކެއް ދެއްވައިފި އެވެ.
ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ވޯޓު ޑިމޮކްރެޓުންނަށް ދޭން ރައީސް ނަޝީދު ގޮވާލައްވާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވޯޓު ދޭންވީ ކާކަށްކަން އެ މެމްބަރުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި ވޯޓު ދޭންޖެހޭ މީހަކު އެހެން ޕާޓީތަކުގެ މީހުން ކިޔައިދޭން ނުޖެހޭނެ ކަމަށެވެ.
"މިއީ ރައީސް ޔާމީނުގެ އިރުޝާދު އޮތް ގޮތް، ޕީޕީއެމް/ޕީއެންސީގެ މެންބަރުންނެއް ނޫޅޭ ވޯޓު ދޭނެ މީހަކު އޮޅިގެންނެއް، ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެބަ އެނގޭ ވޯޓު ދޭންވީ ކޮން ބޭފުޅަކަށް ކަން، ރައީސް ޔާމީން ދެއްކެވި ކެންޑިޑޭޓަށް ވޯޓު ދޭނީ، ޑރ. މުއިއްޒަށް ވޯޓު ދޭނީ، ކެންޑިޑޭޓު ނަންބަރު 4 އަކަށް ވޯޓު ދޭނީ،" ވަރަށް ޖޯޝުގައި ހުންނަވައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނެއް ނޫޅެން ކުޑަކުޑަ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް،"
ޕީޕީއެމް މަގުމަތިވެއްޖެ ކަމަށް ވިދާޅުވެ އެ ޕާޓީން މިދިޔަ ބުރާސްފަތި ދުވަހު ވަކިވެޑައިގެންނެވި، ކުރީގެ ރައީސް ވަހީދު ދެއްކެވި ވާހަކަތަކަށް އަބްދުއްރަހީމް ވިދާޅުވީ މަގުމަތިވީ ޕީޕީއެމް/ޕީއެންސީ ނޫން ކަމަށާއި މަގުމަތިވީ އެ ޕާޓީ ދޫކޮށްދިޔަ މީހުން ކަމަށެވެ.
"ތިމާގެ އަމިއްލަ އެދުން ހާސިލު ނުވީމާ ނުކުމެގެން ގޮސް އަޅުގަނޑުމެންނަށް ފާޑު ކިޔާނެ ކަމެއް ނެތް، ތިމަންނައަށް ވުރެ ހިދުމަތްތެރި ތިމަންނައަށްވުރެ ގާބިލު ތިމަންނައަށްވުރެ ކޮންޓެކްސްޓު ހުރި މީހަކު ނެތޭ ބުންޏަސް އަޅުގަނޑުމެން އެކަމެއް ގަބޫލެއް ނުކުރާނަން، ގަބޫލު ނުކުރީމާ މިއަދު އެ ފާޑު ކިޔަނީ،" ޑރ. ވަހީދަށް ރައްދު ދެއްވައި އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމް/ޕީއެންސީގެ ލީޑަރުޝިޕަކު ނުހުންނާނެ ވަކި ކަމެއް ހާސިލު ނުވެގެން ވަކި މަގާމެއް ނުލިބިގެން ވަކި ކަމެއް ނުކުރެވިގެން ޕާޓީ ދޫކުއްވާފައި ދާނެ އެއްވެސް ލީޑަރަކު ނުހުންނާނެ،"
އޭނާ ވިދާޅުވީ ލީޑަރަކަށް އެންމެ އިހުލާސްތެރި ބަޔަކު މި ރާއްޖޭގައި ތިބީ ޕީޕީއެމް/ޕީއެންސީގައި ކަން މި ފާއިތުވި ފަސް އަހަރު ދުވަހު ސާބިތު ކޮށްދީފައި ކަމަށާއި އެފަދަ ދެވަނަ ޓީމެއް އެއްވެސް ސިޔާސީ ޕާޓީއަކުން ނުދެއްކޭނެ ކަމަށެވެ.
"ޔާމީނު ޖަލުގައި އޮންނަތާ މިއަދަށް 1001 ދުވަސްވީއިރު، ކާކުތޯ ޕާތީ ދޫކޮށްފައި ދިޔައީ، ދިޔައީ އަމިއްލަ އެދުން ހާސިލު ނުވި މީހުން، ޕާޓީ ދޫކޮށްފައި ދިޔައީ، ތިމާ ބޭނުންވާ ކަމެއް ހާސިލު ނުވީމާ ޕީޕީއެމް/ޕީއެންސީން ނުވަތަ ޕީޕީއެމުން ހިޔާނާތްތެރިވެއްޖެޔޭ ވިދާޅުވާނީ ލަދުހަޔާތުގެ ކަންފުޅެއް ނެތީމާ،" ޕީޕީއެމްގެ ރިޔާސީ ޓިކެޓުގެ މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެން ވަހީދު ވަކިވެވަޑައިގެންނެވީތީ އެކަމަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ނަޝީދަށާއި ވަހީދަށް ހޫނު ރައްދުތަކެއް ދެއްވުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އަށް ނިސްބަތްކޮށް ވާހަކަ ދައްކާ އެއްވެސް މީހަކަށް ރައްދު ދިނުމަށް ފަސް ނުޖެހޭނެ ކަމަށާއި ރައްދު ދޭން ނުކުރޭނެވަރުގެ އެއްވެސް ލީޑަރަކު ސިޔާސީ މައިދާނުގައި ނުހުންނާނެ ކަމަށެވެ.
އެ ވާހަކަތަކަށްފަހު އަބްދުއްރަހީމް ވަނީ މީގެ ކުރިން ޖަލު ހުކުމުގައި ތިއްބަވަން ޖެހިވަޑައިގެންނެވި ސިޔަސީ ލީޑަރުންނަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
"ކޮބައިތޯ މީގެ ކުރިން ހުކުމް ކުރެވުނު ސިޔާސީ ލީޑަރުން ކަންކުރެއްވި ގޮތް؟ އެކަކު މައިބަދައިގައި ރިއްސައި ގަތީ، އަނެކަކު ހިތުގެ ބަލި ޖެހުނީ، އަނެކަކު ބޮނބިފަޅި ފަޅައިގެން ދިޔައީ، އެކަކު ސިންގަޕޫރަށް އަނެކަކު އިނގިރޭސިވިލާތަށް ގޮނޑި ދުއްވަން އަނެކަކު ޖަރުމަނަށް، މިއީ ނޫންތޯ ކަންތައްތައް ހިނގައިދިޔަ ގޮތަކީ،" ކުރީގެ ނައިބު ރައީސް އަދީބާއި ނަޝީދުއަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ފުރުސަތު މި ސަރުކާރުން ރައީސް ޔާމީނަށް ވެސް ދެއްވި ކަމަށާއި ނަމަވެސް އެ ފުރުސަތުގެ ބޭނުން ޔާމީނު ހިއްޕަވަން ބޭނުންފުޅު ނުވީ ކަމަށެވެ.
"އެ ފުރުސަތު މި ސަރުކާރުން ރައީސް ޔާމީނަށް ވެސް ދެއްވި، ކީކޭތޯ ވިދާޅުވީ؟ ވިދާޅުވީ ރައްޔިތުން ދޫކުރައްވައި ވަޑައެއް ނުގަންނަވާނަމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނަށް ވެސްއިންޒާރެއް ވެސް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ޑރ. މުއިއްޒަކީ އެއްވެސް ބޭފުޅަަކަށް ރައްދު ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް މުއިއްޒުއަށް ވެސް ޕީޕީއެމް/ޕީއެންސީއަށް ވެސް ފާޑެއް ކިޔައިފި ނަމަ އެ ބަޔަކަށް ނުވަތަ އެ ބޭފުޅަކަށް ރައްދު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ކެރިހުރެ މި ދަންނަވަނީ އެއްވެސް ސިޔާސީ ޕޯޑިއަމަކުން މުއިއްޒުއަށް ޕީޕީއެމް/ޕީއެންސީއަށް ފާޑުކިޔައިފިއްޔާ އަޅުގަނޑުމެން ކިޔާނަން ފާޑު، ދޭނަން ރައްދު، އެއީ ކާކުތޯއެއް އަޅުގަނޑުމެން ނުބަލާނަން، އިރެއްގައި ވެރިކަން ކޮށްފައި ހުއްޓަސް ވަރިހަމަ، އަޅުގަނޑުމެން ދޭންޖެހޭ ރައްދެއް ދޭނީ ބަރާބަރަށް،"
ޑރ. މުއިއްޒު ކެމްޕެއިނަށް މިއަދު ހއ. ގެ ދެ ރަށަކަށް ވަޑައިގެންނެވިއިރު، މާދަމާ މުއިއްޒުގެ އުފަން ރަށް، ވަށަފަރު ހިމެނޭހެން ޖުމުލަ ހަ ރަށަށް ވަޑައިގަންނަވާނެ އެވެ. ކުރިން އޮތީ މިއަދު ފަސް ރަށަށް ވަޑައިގަތުމަށެވެ. ނަމަވެސް، އިއްޔެ ހޯރަފުއްޓަށް ވަޑައިނުގެންނެވުމުން، މިއަދު މުއިއްޒު ހޯރަފުއްޓަށް ވަޑައިގަންނަވާނެ އެވެ.
Comment