Advertisement

ފުރަތަަމަ މެޗުގައި ތިން ސެޓުން ސްރީ ލަންކާ އިން ރާއްޖެ ބަލިކޮށްފި

13 އޮގަސްޓު 2023 - 09:52 0

ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: މިރާން ނާޝިމް/ އަދަދު


ފުރަތަަމަ މެޗުގައި ތިން ސެޓުން ސްރީ ލަންކާ އިން ރާއްޖެ ބަލިކޮށްފި

13 އޮގަސްޓު 2023 - 09:52 0

މަޑަގަސްކަރާގައި މި މަހު ފަށަން ނިންމާފައި އޮތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ތެެރެއިން ފުރަތަމަ މެޗުގައި ގައުމީ ފިރިހެން ޓީމު ސީދާ ތިން ސެޓުން ސްރީ ލަންކާ އަތުން ބަލިވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި ލަންކާ އިން ސެޓުތައް ގެންދިޔައީ 25-23، 25-21 އަދި 25-18 އިންނެވެ. އިއްޔެ ހަވީރު، އަންހެން ވޮލީ ޓީމު އަތުން ވެސް ލަންކާ ވަނީ ތިން ސެޓުން މޮޅުވެފަ އެވެ.

ރޭގެ މެޗުގައި ގައުމީ ފިރިހެން ޓީމަށް ވަނީ ކުރިން ޓީމަށް ކުޅުމަށް ފަހު، މެދުކެނޑުމަަކަށް ފަހު އެނބުރި އައި ކުޅުންތެރިންނަށް އަމިއްލަ ގައުމުގައި ޓީމަށް މެޗެއް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. އެ ގޮތުން، ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ އިޝާން މުހައްމަދު (ބަޓިސް)، އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ އިތުރުން، އާދަމް ނަސީމް (އެޑަމް)، އަލީ އާމިރު އަދި ޒުވާން ކުޅުންތެރިޔާ، ޝަމާއިލް ހުސައިން ވަނީ ކުޅެފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ގައުމީ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިން.--- ފޮޓޯ: މިރާން ނާޝިމް/ އަދަދު


ޖުމްލަކޮށް ބަލާއިރު، ލަންކާ އިން ރަނގަޅަށް ކުޅެގެން މި މެޗުގައި މޮޅުވިއިރު، އެ ޓީމު ޕްރެޝަރަށް ވައްޓާލައި ކުޅެވޭތޯ، ރާއްޖޭން ވެސް ބެލި އެވެ. އެކަމަކު، މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)ގެ ކޯޗުކަމުގައި ކުޅުނު ގައުމީ ފިރިހެން ޓީމަށް ސެޓު ނިންމުމުގައި މައްސަލަ ދިމާވީ އެވެ.

މީގެ ކުރިން ވެސް ދެ ފަަހަރެއްގެ މަތިން ލަންކާ ޓީމު ވަނީ މާލެ އައިސް ރާއްޖޭގެ ފިރިހެން ޓީމާ އެކު މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން، 2019 ވަނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިންނާއި 2021 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ލަންކާ ޓީމުން ވަނީ މާލޭގައި މެޗުތަކެއް ކުޅެފަ އެވެ.

ގައުމީ އަންހެން އަދި ފިރިހެން ޓީމު އަދި ލަންކާއާ ދެކޮޅަށް އިތުރު ދެ މެޗުގައި ކުޅޭނެ އެވެ. އެ ގޮތުން، މާދަމާ ރޭ 20:30 ގައި އޮންނާނީ އަންހެން ގައުމީ ޓީމުގެ މެޗެވެ. ހޯމަ ދުވަހުގެރޭ، ފިރިހެން ގައުމީ ޓީމުގެ މެޗުގައި ކުުޅުމަށް ފަހު، އަންގާރަ ދުވަހުގެރޭ އަންހެން ޓީމުގެ ފަހު މެޗު އޮންނާނެ އެވެ. އަދި ފިރިހެން ޓީމުގެ ފަހު މެޗު ކުޅޭނީ ބުދަ ދުވަހުގެރޭގަ އެވެ.