Advertisement

ދަރާފައިވާ ވާހަކަ ދައްކަނީ ހަސަދަވެރި ވާތީ: ސިޔާމް

1 ސެޕްޓެންބަރު 2023 - 10:45 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގުޅިފައިވާ ކޯލިޝަންތަކުގެ ކެމްޕެއިނުގައި ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް މުހައްމަދު ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދަރާފައިވާ ވާހަކަ ދައްކަނީ ހަސަދަވެރި ވާތީ: ސިޔާމް

1 ސެޕްޓެންބަރު 2023 - 10:45 1

ދިވެހިރައްޔިތުން ދަރާފައިވާ ކަމަށް ބުނެ ވާދަވެރި ކެންޑިޑޭޓުން ދައްކަވާ ވާހަކަތަކަކީ ހަސަދަވެރިކަމުގެ ސަބަބުން ދައްކަވާ ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ކޯލިޝަން ޕާޓުނަރު، އެމްޑީއޭގެ ރައީސް، އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް، ޅ. ހިންނަވަރަށް އިއްޔެ ވަޑައިގެން އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ބޭރު ގައުމުތަކުން ފައިސާ ދޫކުރަނީ ގައުމަކަށް ނުވަތަ ކުންފުންޏަކަށް ބަލާފައި ނޫން ކަމަށާއި ބޮޑެތި ބޭންކުތަކުން ފައިސާ ދޫކުރަނީ ވެރިކަމުގައި ހުންނަ މީހަކަށް ކުރާ އިތުބާރަށް ބަލާފައި ކަމަށެވެ.

އަދި މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ވެސް އެކި ބޭންކުތަކުން ލޯނު ނަންގަވަން ބޭނުންފުޅުވި ކަމަށާއި އެހެން ނަމަވެސް އެކަން ކުރެއްވޭ ގޮތް ނުވީ އެ ބޭފުޅުންނަށް ބޭންކުތަކުގެ އިތުބާރު ނެތުމުން ކަމަށް ސިޔާމް ވިދާޅުވި އެވެ.

"މިއަދު ދިވެހި ރައްޔިތުން ދަރާ ވާހަކަ އެ ދައްކަނީ ކީއްވެތޯ؟ ހަސަދަވެރިވަނީ، އެއީ ފައިސާ ހޯދާ ފައިސާ ދިވެހިރައްޔިތުންނަށް ހަރަދުކޮށް ދިވެހިރައްޔިތުން ބޭނުންވާ ތަރައްގީ ބާރުމިނުގައި ގޮސް އެ ނިންމާލަ ދެއްވަނީ، ބޭރު ގައުމުތަކުން ރާއްޖޭގައި ނެތް ފައިސާ ހޯދައިގެން، ގެނެސްދީގެން،" މީގެ ކުރިން ރައީސް ޔާމީނުގެ ސަރުކާރުގައި ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯވިޑުގެ ދަތި ހާލަތުން އަރައިގަނެވުނީ ވެސް ރައީސް ސޯލިހުގެ ދުރު ވިސްނުންފުޅާ އެކު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި އެކަމާ ދެކޮޅުވެވޭނެ އެއްވެސް ވިޔަފާރިވެރިއަކު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.

"މީގައި އެއްބަސް ވާންޖެހޭނެ ގާސިމް ވެސް، ގާސިމު އަޅުގަނޑަށް ގުޅާފައި ބުނީ ތިމަންނަ ހަލާކުވެއްޖޭ ތިމަންނަ ހިނގައްޖެޔޭ ތިމަންނައެއް ދެނެއް ނެތޭ،" އޭރުގެ ހާލަތު ކިޔައިދެއްވަމުން ސިޔާމު ވިދާޅުވި އެވެ.

އެހެންނަމަވެސް އެެއްވެސް ވިޔަފާރިވެރިއަކު ހަލާކުވެގެންދިޔަ ނުދެއްވާނެ ކަމަށާއި ފައިސާ ހޯއްަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ރައީސުން ލޯނު ހޯދަން ބޭނުން ނުވަނީކީއެއް ނޫން، ހުރިހާ ގައުމުތަކަކަށް އެ ބޭފުޅުން ނާށިގަނޑު ހިފައިގެން ސަލާންޖަހަން ދޭ، އެހެންނަމަވެސް ގައުމުތަކުން ދަންނަވަނީ އިތުބާރެއް ނެތޭ ތިމަންނަމެންނަކަށް ތިޔަ ރައީސްއަކަށް، އެހެންވީމާ ފައިސާއެއް ނުދެވޭނޭ،" ވާދަވެރިންނަށް ނުސީދާ ރައްދެއް ދެއްވަމުން ސިޔާމް ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ވަނީ އިންސާނާގެ ތަބިއްޔަތަކީ ކުރިއަށް ދިއުންކަން ފާހަގަ ކުރައްވައި، ރައީސް ސޯލިހުގެ މި ދައުރުގައި ކުރެއްވި ކަންކަން އެހެން ބޭފުޅުންނަށް ކުރިއަށް އޮތް 300 އަހަރުން ވެސް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.