10 އޮގަސްޓު 2023 - 10:15 1
މުހައްމަދު ނަސީމް
ގދ. ކަނޑުހުޅުދޫގައި އިއްޔެ ބޭއްވި ކެމްޕޭނު ޖަލްސާ ކުރިޔަށް ދިޔަ ވަގުތު ޖަހަމުން ދިޔަ ވާރޭ ކެރީގެ ތެރޭގަައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
10 އޮގަސްޓު 2023 - 10:15 1
އަނިޔާވެރިކަމާއި ބިރުވެރިކަމަށް ރާއްޖެ އަނބުރާ ދިއުމާއި ނުދިއުން ބިނާވާނީ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައްކަވާ ވާހަކަފުޅު ގއ. ކޮނޑޭގައި މިއަދު ތަކުރާރު ކުރައްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ކުރައްވާ ކެމްޕޭނުގައި މިއަދު ކޮނޑޭއަށް ވަޑަައިގެން، އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއް ހޯދަން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓިތަކުން ކުރާ މަސައްކަތުގައި ކޮނޑޭގެ ރައްޔިތުންގެ ވޯޓު ވެސް ވަރަށް މުހިއްމު ކަމަށެވެ. ކޮނޑޭގެ ރައްޔިތުންގެ އިތުބާރާއި ތާއީދު ސަރުކާރަށް އޮތްކަން ޔަގީންވެ ވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ތިއިން ކޮންމެ ބޭފުޅަކު އެ ނިންމާ ނިންމުން އެއީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައި އޮތް ކަމެއް. އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމަށް ދިއުން އެއީ ތިޔަ ބޭފުޅުންގެ ނިންމުމާ ގުޅިފައި އޮތް ކަމެއް. އުފާވެރި އަމާން ރާއްޖެއެއް މިގެންނަ ތަރައްގީ އަައިސްގެން ކުރިއަށް ދިއުން އެއީ ވެސް ތިޔަ ބޭފުޅުންގެ ނިންމުމާ ގުޅިފައި އޮތް ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ބިރުވެރިކަމާއި އަނިޔާވެރިކަމަށް އެނބުރި ދިއުން ކަމަށް އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ބެލެވޭ ގޮތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް އުފެދިއްޖެ ނަމަ ވާނެ ކަމަށް އެ މަނިކުފާނު ލަފާކުރައްވާ ގޮތަށެވެ.
ކޮނޑޭގައި ސަރުކާރުން ކުރަން ރާވާފައިވާ ބައެއް މަސައްކަތްތައް ވެސް އެ މަނިކުފާނު ވިދާޅުވެ ދެއްވި އެވެ. ބަނދަރު ބޮޑުކުރުމާއި ހައުސިން ޔުނިޓްތައް އެޅުމާއި ފުޓުބޯޅަ ދަނޑެއް އެޅުން އޭގެ ތެރޭގައި ހިމެނެ އެވެ.
ރައީސް ސޯލިހު އިޝާރާތް ކުރެއްވި އަނިޔާވެރި ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސިޔާސީ ވެރިންނާނާއި އާންމުންގެ ގިނަ ބަޔަކު ހައްޔަރުކުރުމާއި ގާނޫނާއި ގަވާއިދާ ހިލާފަށް ކުރި ކަންކަމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment