Advertisement

ޔާމީން ހަމަ މިހާރު ޖެހޭނީ ދޫކޮށްލަން، އިހުތިޖާޖުގައި ބައިވެރިވާނަން: ނަޝީދު

9 އޮގަސްޓު 2023 - 03:22 6

ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޔާމީން ހަމަ މިހާރު ޖެހޭނީ ދޫކޮށްލަން، އިހުތިޖާޖުގައި ބައިވެރިވާނަން: ނަޝީދު

9 އޮގަސްޓު 2023 - 03:22 6

ހިޔާނާތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ކުރާ އިހުތިޖާޖުތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވައުދުވެވަޑައިގެންފި އެވެ.

ސެޕްޓެމްބަރު، 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، އިލްޔާސް ލަބީބާއެކު ފުވައްމުލަކަށް ވަޑައިގެން، އެ ރަށުގައި އަންގާރަ ދުވަހުގެ ރޭ (މިރޭ) ބޭއްވި ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ މެދު މި ސަރުކާރުން ކަންތައްތައް ކޮށްފައިވާ ގޮތަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެނގިވަޑައިގަންންވާނެ އެމްއެމްޕީއާރުސީގެ ވައްކަމުގައި 273 އެބަ ހިމެނޭ، އެހެން ނަމަވެސް އޭގެތެރެއިން އެކަމުގައި އެ ކިޔުއްވާ އެންމެ ބޭފުޅަކު ގެންގޮސް ހިފާ ހައްޔަރުކޮށް ފަސް އަހަރު ވީމާ، ދެން އެއީ އިންސާފުގެ ގޮތުގައި އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ،" މީގެ ކުރިން ރައީސް ޔާމީނުގެ ސިޔާސީ އެންމެ ބޮޑު ދުޝްމިނުގެ ގޮތުގައި ގޮތުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން،"

ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ތިން ފަހަރު ހަރު އަޑުފުޅުން "ރައީސް ޔާމީން" އޭ ވިދާޅުވުމުން، ނަޝީދުގެ ފުލުން، އެއްވެފައި ތިބި ސަޕޯޓަރުން "ދޫކޮށްލާ" ގޮވަމުން ދިޔަ އެވެ. - "ރައީސް ޔާމީން... ދޫކޮށްލާ" ޔާމީންގެ ދިފާއުގައި މިހެން ގޮވަމުން ދިޔަ އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޖަލުގައި ތިބޭ މީހުން ނެރެން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީގައި އުޅުއްވިއިރު، ޖަލުން މީހުން ނެރުމުގެ ނިޒާމެއް ފައްކާ ކުރެއްވި ކަމަށެވެ. އަދި ޔާމިން މިނިވަން ކުރުމަށް ޕީޕީއެމުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑު އަޅުގަނޑުގެ ރަހުމަތްތެރި ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެތަނަށް ހާޒިރުވެ ތިބި ޖަލީސުންގެ ސާބަހާއި އަތްތިލަބަޑީގެ ތަރުހީބު ލިބުނު އެ ވާހަކަތަކަށް ފަހު ނަޝީދު ވަނީ ޕީޕީއެމްގެ މެންބަރުންނަށް ވައުދުތަކެއް ވެސް ވެވަޑައިގެންފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނު މިނިވަން ކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކާ ވާހަކަ ދައްކަވަން ވެސް ވަޑައިގަންނަވާނެ ކަމަށާއި އެކިއެކި ގާނޫނީ ވަކީލުން ރާއްޖެއަށް ވަޑައިގެން ޔާމީނުގެ ދިފާއުގައި ވަކާލާތު ވެސް ކުރައްވާނެ ކަމަށެވެ.

ކުރީގައި ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިރޭ ޔާމީނުގެ ދިފާއުގައި ވާހަކަ ދެއްކެވިއިރު، މީގެ ކުރިން އޭނާއަކީ ރައީސް ޔާމީނުގެ އެންމެ ބޮޑު ވާދަވެރިޔާ އެވެ. މީގެ 10 އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ޔާމީންއާ އެކު ގަދަހިފުމަކަށް ވަޑައިގެން ނަޝީދު ވަނީ ބަލިވެވަޑައިގެންފަ އެވެ.

އޭގެފަހުން ޔާމީނުގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް ދައުވާ އުފުލައި ޖަލަށް ހުކުމް ވެސް ކުރެއްވި އެވެ. 2018 ގެ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ނަޝީދުއަށް ގެއްލިވަޑައިގަތީ އެ ހުކުމުގެ ސަބަބުންނެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބު ނިމެންދެން ނަޝީދު އުޅުއްވީ ރާއްޖޭން ބޭރަށް އަމިއްލަފުޅަށް އަރުވާލެއްވިގެންނެވެ.