Advertisement

ރައީސް ވިދާޅުވީ ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދޭނީ އަންނަ ދައުރުގައި ކަމަށް

8 އޮގަސްޓު 2023 - 15:04 2

ނިމާ ހަސަން

ނިމާ ހަސަން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރި ފްލެޓުގެ ސާމްޕަލް ޔުނިޓެއްގައި ރައީސް ސޯލިހު; ޝަރުތު ހަމަވި އެންމެނަށް ފްލެޓް ދޭނީ އަންނަ ފަސް އަހަރުގައި ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ރައީސް ވިދާޅުވީ ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދޭނީ އަންނަ ދައުރުގައި ކަމަށް

8 އޮގަސްޓު 2023 - 15:04 2

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް އަންނަ ދައުރުގައި ފްލެޓް އަޅައިދިނުމަށް އެމްޑީޕީ އިސްވެ އޮތް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ނަޑެއްލާއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, މިއަދު މާލޭގެ ފްލެޓް ލިސްޓު އިއުލާން ކުރިއިރު, އޭގައި ޝަރުތު ހަމަވާ 13,000 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގައި އެއިން ކޮންމެ މީހަކަށް ފްލެޓް އަޅައިދީ, ހަވާލު ކުރާނެ އެވެ.

"މިއަދު އެވަނީ މާލޭގެ ފްލެޓް ލިސްޓު އިއުލާނު ކުރެވިފައި, އޭގައި ޝަރުތު ހަމަވާ 13000 އަށްވުރެ ގިނަ މީހުން އެބަ ހިމެނޭ. އެއިން ކޮންމެ މީހަކަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެއިން ފްލެޓް އަޅައިދީ ހަވާލުކޮށްދޭނަން," ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ކޮށްދެއްވަމުންދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9, ގައި ނަގާ ވޯޓަކީ މުހިންމު ވޯޓެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކަނޑައަޅާނެ ކަމަށެވެ. އެހެންކަމުން, ކޮންމެ ރައްޔިތަކު ވެސް ލިބިފައިވާ ވޯޓުގެ އިހްތިޔާރު ރަނގަޅު ގޮތުގައި ބޭނުންކުރުމަށް އިލްތިމާސް ކުރައްވާ އެމަނިކުފާނު ވަނީ މި ސަރުކާރުގައި ރާއްޖެއަށް އައި ބަދަލަށް އަލިއަޅުއްވާލައްވާފަ އެވެ.

"ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރާއްޖެއަށް އަންނަ ބަދަލު. ރާއްޖޭގެ ކޮންމެ ރަށެއްގައި, ހއ. ތުރާކުނުން ފެށިގެން އައްޑު އަތޮޅު ގަމާ ހަމައަށް ކޮންމެ ރަށެއް ވަކިވަކިން ބެލިއަސް މިއިން ޒަމާނަކު ނާންނަ ފަދަ ބޮޑެތި ހެޔޮ ބަދަލު އެއިން ކޮންމެ ރަށަކަށް އެދަނީ އަންނަމުން," މާލެއަށް ވެސް ބޭނުންޖެހިފައިވާ ކަންތައްތައް ކޮށްދެއްވަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

ފްލެޓް ލިސްޓުގައި ހިމެނޭ މީހުންނަށް އަންނަ ދައުރުގައި ފްލެޓް ދޭން ރައީސް ވައުދުވެ ވަޑައިގެންނެވިއިރު, މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4000 ފްލެޓުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އިތުރު 4000 ފްލެޓާއި 2000 ފްލެޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު, އޭގެ އިތުރަށް 3000 ފްލެޓް އެޅުމަށް ނެގޯޝިއޭޓް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް, އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ކުރިއަށް ދަނީ އެފްޑީސީއާ ގުޅިގެން އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އަދި އެންބީސީސީ އާ ހަވާލުކޮށްގެން އަޅާ 4،000 ފްލެޓްގެ މަސައްކަތެވެ. ދެ ކުންފުނިން ވެސް އަޅަނީ 16 ޓަވަރުގެ ޖުމްލަ 2000 ހައުސިން ޔުނިޓެވެ. މި ޔުނިޓުތަކުގެ ކޮންކްރީޓު މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.

އިތުރު 4،000 ހައުސިން ޔުނިޓް އެޅުމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާއެކު ސޮއިކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އޭގެ އިތުރުން 2،000 ޔުނިޓު އިމާރާތް ކުރާން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި އިތުރު 3،500 ފްލެޓް އިމާރާތްކުރަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް އަކްރަމް މިއަދު 'އަދަދު' އަށް ވިދާޅުވި އެވެ.