8 އޮގަސްޓު 2023 - 12:35 2
ނިމާ ހަސަން
ރައީސް މަޑަވެލީގައި ވާހަކަދައްކަވަނީ; ޖަލްސާއަށް ތައްޔާރުކުރި ތަނުގައި ހުޅުޖެހީ ފޯކަސް ގެއްލުވާލަން ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު
8 އޮގަސްޓު 2023 - 12:35 2
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ރޭ ބަޔަކު ހުޅުޖެހީ, ކާމިޔާބީ ފެނި، ފޯކަސް ގެއްލުވާލަން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްޕޭނު ޖަލްސާ ބާއްވަން އޮތް ތަނުގައި ހުޅުޖެހުމުން, ގަހެއް ދަށުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރޭ ފަތިހު ޖެހި އެ ހުޅަކީ ހިތާމަވެރިކަމެއް ކަމަށެވެ. ރިޔާސީ އިންތިހާބެއްގައި ކެމްޕޭން ކުރަމުން ދާއިރު އެފަދަ ކަންތައްތައް މީގެ ކުރިން ދިމާވެފައިވާކަން ފާހަގަ ކުރެއްވި އެވެ.
"[ހަމަނުޖެހުން ހިންގުމުގެ] މަގުސަދަކަށް ވަނީ ފޯކަސް ގެއްލުވާލުން. ހަމަނުޖެހުމަކާ ދިމަލަށް ގެންދިއުން. މީގެން ދޭހަވާ އެއްކަމަކީ މިކުރާ ކެމްޕޭނުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބޮޑުތަނުން ކާމިޔާބުވާ ތަން ވާދަވެރިންނަށް ފެނުނީމަ އެކަން ހުއްޓުވުމަށް ކުރާ ކަމެއްކަން،"ރައީސް ސޯލިހު ވިދާޅުވި އެވެ.
ހުޅުޖަހައި, ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ނަމަވެސް, އެކަމާ މެދު މަޑަވެލީގެ ރައްޔިތުންނާއި ސަޕޯޓަރުންނަށް އަދި ކެމްޕޭން ޓީމުން ކަންބޮޑުނުވުމާއި, އެކަމަށް ރައްދު ނުދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު މަޑަވެލީގެ ރައްޔިތުންނާއި ސަޕޯޓަރުންނަށް އަދި ކެމްޕޭން ޓީމަށް ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށް ވެސް އެއާ ދޭތެރޭ ކަންބޮޑުވެވަޑައިނުގަތުމަށް. އަދި އެއާ ދޭތެރޭގައި ޖަވާބު ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް،" ފޯކަސް ބަހައްޓަންވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވި އެވެ.
ހަމަޖެހުމާއި ސުލްހަވެރިކަން ނައްތާލައިގެން ކާމިޔާބު ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި، އެފަދަ ކަންތައްތަކުގެ ތެރެއަށް އެ މަނިކުފާނު ދާން ބޭނުންފުޅު ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވަޑައިގެން މަޑަވެލީ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާ ބޭއްވުމަށް، ސްކޫލު ކައިރީ މަގެއް ހިޔާކޮށް ހަދާފައިވާ ތަނެއް ތައްޔާރު ކުރުމަށް ފަހު ކެމްޕޭން ޓީމުން ގެއަށް ދިޔައީ ރޭ މެންދަމު އެވެ. އެތަނުގައި ހުޅުޖަހާފައި ވަނީ އެއަށްފަހު, ފަތިހުގެ ވަގުތެއްގަ އެވެ.
އެމްޑީޕީގެ މަޑަވެލީ ދާއިރާގެ ނައިބު ރައީސް މުހައްމަދު ނަޖީބު "އަދަދު" ނޫހަށް ވިދާޅުވީ، ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ދަމާފައިވާ ކަޅު މެޓާއި، ބެނާތަކާއި ޕޯޑިއަމް އާއި ގިނަ އަދަދެއްގެ ގޮނޑިތައް އަންދައި އަޅިޔަށް ހަދާފައިވާ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment