Advertisement

އެމްޑީޕީ ޖަގަހަ ރޯކޮށްލުމުން ޖަލްސާ ބޭއްވީ ގަހެއްގެ ހިޔަލުގައި: ރޮޒެއިނާ އެދެނީ ރައްދު ނުދޭން

8 އޮގަސްޓު 2023 - 13:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ހުވަދޫ ކެމްޕޭން ދަތުރުގެ ތެރެއިން : ވިދާޅުވީ އެއްތަން ނެތިއްޔާ އަނެއްތަނުގައިވެސް ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްޑީޕީ ޖަގަހަ ރޯކޮށްލުމުން ޖަލްސާ ބޭއްވީ ގަހެއްގެ ހިޔަލުގައި: ރޮޒެއިނާ އެދެނީ ރައްދު ނުދޭން

8 އޮގަސްޓު 2023 - 13:03 0

މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕޭނުގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ޖަގަހާގައި ހުޅުޖެހި ނަމަވެސް ކެމްޕެއިނަށް އަސަރު ނުކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޑަވެލީ ޖަގަހާގައި ހުޅުޖެހުމުން މިއަދު އެ ރަށުގައި ކެމްޕެއިން ޖަލްސާ ބޭއްވީ ބަނދަރުގައި ހުރި ގަހެއްގެ ދަށުގަ އެވެ. އެ ސަރަހައްދުގައި ހުންނަވާ ރޮޒައިނާ "އަދަދު" އަށް ވިދާޅުވީ، އަމާން ރާއްޖެއެއް ގެނެވޭނީ ހަމައެކަނި ރައީސް ސޯލިހަށްކަން އެކަމުން ވެސް ދޭހަވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްތަން ނެތިއްޔާ އަނެއްތަނެއްގަވެސް އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިއަށް ގެންދާނަން، އެކަމަކު މިކަހަލަ ކަންތައްތައް ކުރުމަކީ ރައްޔިތުންގެ ތެރޭގައި ހިތްހަމަ ނުޖެހުން އުފެދިގެން ދާނެ ކަމެއް،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ އިލްތިމާސަކީ އެފަދަ އަމަލުތަކަށް ރައްދު ނުދިނުން ކަމަށާއި ރައީސް ސޯލިހު ދައްކަވާ މިސާލަކީ ވެސް އެއީ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސް ދައްކަވާ ނަމޫނާ އަކީ އެކަހަލަ ކަންކަން ކުރާ މީހުންނަށް ރައްދުދިނުމުގެ ބަދަލުގައި އެޔަށްވުރެ ރަނގަޅަށް އެ ބަޔަކާ އެކީ ދޭތެރޭގަ އަމަލުކުރުން، އެހެންވީމަ އަޅުގަނޑުމެންގެ އަމަލުތައް ހުންނާނީ އެހެން،" ރޮޒައިނާ ވިދާޅުވި އެވެ.

"މިބޭފުޅުންގެ ވިސްނުން އަދިވެސް މި އޮންނަނީ ހިޔާލު ތަފާތުވާ ބަޔަކު ވެއްޖިއްޔާ އެބައެއްގެ ތަންތަނުގައި ރޯކުރުން ކަހަލަ ކަންތައްތައް [ކުރުން]."

މަޑެވެލި އެމްޑީޕީ ޖަގަހައިގަ ހުޅުޖެހުމުން ގެއްލުން ލިބިފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރޮޒައިނާ އިތުރަށް ވިދާޅުވީ ޖަގަހަ ހަލާކުކޮށްލުމުން ވެސް އެނގި ހާމަވަނީ އަމާން ރާއްޖެއެއް ގެނެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށާއި އެފަދަ ގައުމެއް ދެމެހެއްޓޭނީ މިފަދަ ވެރިޔަކާއެކު ކުރިއަށް ގޮސްގެން ކަމަށެވެ.

މަޑަވެލިން "އަދަދު" އާ ވާހަކަދެއްކި 55 އަހަރުގެ އެމްޑީޕީ ސަޕޯޓަރެއްގެ ވިސްނުން ވެސް ހުރީ ދާދި އެއްގޮތަށެވެ. ރަށުގެ މަސްލަހަތަށް ބަލާ ނަންނުޖެހުމަށް އެދި އޭނާ ބުނީ އިދިކޮޅެއް އޮންނަން ޖެހޭނެ ކަމަށާއި އެކަމަކު އިދިކޮޅުން އަމަލު ކުރަންވީ ގޮތަކީ އެއީ ނޫން ކަމަށެވެ.

"މި ރަށުގައި އެބަހުރި ވަރަށް ބޮޑެތި އިޖުތިމާއި މައްސަލަތައް، އެ މައްސަލަތައް ރައީސް އާ ހަމައަށް އަޑުއިއްވަން، ނޫނި ލިޔުމުން ދައްކަން ޖެހޭ ވަގުތު އެމީހުން [އިދިކޮޅު ސަޕޯޓަރުން] މިކަންތައް ކުރީމާ އެ ފުރުސަތެއް ނުލިބޭނެ ދޯ،" އޭނާ ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި މަޑަވެލީގެ މެޖޯރިޓީ އިދިކޮޅަށް އޮތުމަކީ، ނަފުރަތާއި ހަމަނުޖެހުން އުފައްދަން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން އިދިކޮޅަށް މެޖޯރިޓީ ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޑަވެލި ޖަގަހައިގާ ރޭ ބަޔަކު ހުޅުޖެހުން ކުށްވެރިކުރާ ކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

"އިންތިހާބާއި ގުޅުވައި މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް މުދަލަށް ގެއްލުން ދީ ހަދައިގެން ނުވާނެ. މަޑަވެލި އެމްޑީޕީ ޖަގަހައިގަ ހުޅުޖެހުން ކުށްވެރިކުރަން،" ނަޝީދު ކުރެއްވި ޓްވީޓުގައި ބުނެފައިވެ އެވެ.