Advertisement

މަޑަވެލީގައި ރައީސް ސޯލިހުގެ ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި ހުރި ތަނުގައި ހުޅުޖަހައި އަންދާލައިފި

8 އޮގަސްޓު 2023 - 07:42 1

ގދ. މަޑަވެއްޔަށް ރައީސް ސޯލިހު ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ހުޅުޖަހާފައި.


މަޑަވެލީގައި ރައީސް ސޯލިހުގެ ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި ހުރި ތަނުގައި ހުޅުޖަހައި އަންދާލައިފި

8 އޮގަސްޓު 2023 - 07:42 1

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ރޭ ބަޔަކު ހުޅުޖަހައި އަންދާލައިފި އެވެ.

ރައީސް ސޯލިހު މި ވަގުތު ހުންނެވީ ދ. ކުޑަހުވަދޫގަ އެވެ. ގދ. އަތޮޅަށް މިއަދު ވަޑައިގަންނަ ވާއިރު، ފުރަތަމަ މަންޒިލަކަށް ކަނޑައަޅާފައި އޮތީ މަޑަވެއްޔެ އެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާ ބޭއްވުމަށް، ސްކޫލު ކައިރީ މަގެއް ހިޔާކޮށް ހަދާފައިވާ ތަނުގައި ހުޅުޖެހީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އެމްޑީޕީގެ މަޑަވެލީ ދާއިރާގެ ނައިބު ރައީސް މުހައްމަދު ނަޖީބު "އަދަދު" ނޫހަށް ވިދާޅުވީ، ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ދަމާފައިވާ ކަޅު މެޓާއި، ބެނާތަކާއި ޕޯޑިއަމް އާއި ގިނަ އަދަދެއްގެ ގޮނޑިތައް އަންދައި އަޅިޔަށް ހަދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފަހު ބައްދަލުވުން ބާއްވާފައި ގެޔަށް ދިޔައީ މެންދަމު ތިނެއް ޖަހައިކަންހާއިރު. ބެލެވޭ ގޮތުގައި އެތަން ރޯކޮށްލާފައި އެ ވަނީ ފަތިހުގެ ވަގުތެއްގައި،" ނަޖީބު ވިދާޅުވި އެވެ.

ރޯކޮށްލާފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 5:30 ވި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ހުޅުޖެހި ނަމަވެސް ރައީސްގެ މަޑަވެލީ ދަތުރު ކެންސަލް ނުކުރާ ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ.

ހުޅުޖެހި މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. ނަމަވެސް، ތުހުމަތުގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.