8 އޮގަސްޓު 2023 - 10:43 1
ނިމާ ހަސަން
ރައީސް ސޯލިހު ކެމްޕޭނުގެ ތެރެއިން އުފާވެރި ދިރިއުޅުން ސިޔާސަތު ލޯންޗު ކުރުން; މި ސިޔާސަތުގެ ދަށުން ސިއްހީ ދާއިރާއާ ގުޅޭ ގިނަ ކަންކަން އެކުލެވޭ -- ފޮޓޯ: އިޔާން/އަދަދު
8 އޮގަސްޓު 2023 - 10:43 1
އާބާދީގެ ކޮންމެ 1000 މީހަކަށް ތަމްރީނު ލިބިފައިވާ އިޖްތިމާއީ އެހީތެރިއެއް ބަހައްޓަން އެމްޑީޕީގެ މެނިފެސްޓޯ ގައި ވައުދުވެއްޖެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯ ލޯންޗް ކުރީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕޭނުގައި ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.
އެ މެނިސްޓޯގައި، "ދުޅަހެޔޮ ބަދަހި މުޖުތަމައު"ގެ ބައިގައި ހިމެނޭ އެއް ވައުދަކީ "ފެންވަރު ކަށަވަރު ސިއްހީ ހިދުމަތަށް އިތުބާރު"ގެ ވައުދެވެ. އެ ބައިގައި ނަފްސާނީ ސިއްހަތާ ގުޅުންހުރި ފާހަގަކޮށްލެވޭ ވައުދުތަކެއް އެބަހުއްޓެވެ.
ނަފްސާނީ ސިއްހަތުގެ ރޮނގުން ކުރިއަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި އާބާދީގެ ކޮންމެ 1،000 މީހަކަށް ތަމްރީނު ލިބިފައިވާ އިޖްތިމާއީ އެހީތެރިއެއް ހުރުން ހިމެނެ އެވެ. މި އިޖްތިމާއީ އެހީތެރިޔާއަކީ, އެ 1،000 މީހުންގެ ނަފްސަނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ މީހާ އެވެ.
ނަފްސާނީ ސިއްހަތާ ގުޅުންހުރި ވައުދުތަކެއް އެމްޑީޕީ އާއި, ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އެކުލަވާފައިވާއިރު, މި ހިނގާ ސަރުކާރުގައި ވެސް ވަނީ ނަފްސާނީ ސިއްހަތުގެ ރޮގުން ބައެއް ކަންކަން ކޮށްދީފަ އެވެ.
"ނަފްސާނީ ބައްޔަކީ ހަޔާތުގެ ކޮންމެ ހިސާބެއްގައިވެސް، ކޮންމެ މީހަކަށްވެސް ތަހައްމަލު ކުރަންޖެހިދާނެ ކަމެއްކަން ދެނެގަނެ، އެކަމަށް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ނެޝެނަލް ސެންޓާ ފޯ މެންޓަލް ހެލްތް މުޅިން އަލަށް ގާއިމުކޮށް، ޕްރައިވެޓް ކްލިނިކްތަކުން ދޭ ފަރުވާ އާސަންދައިގެ ތެރެއިން ލިބޭނެގޮތް ފަހިކޮށްދީ، ރާއްޖޭގެ 5 ސަރަހައްދެއްގައި ސައިކޭޓްރިކް ހިދުމަތް ގާއިމުކޮށް، އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް އިންޕޭޝަންޓް ޔުނިޓްއިން ދޭ ހިދުމަތްތައް މި ދައުރުގައިވާނީ ފަށާފައެވެ." މި ދައުރުގައި ނަފްސާނީ ހިދުމަތަށް ކޮށްދެވުނު ހިދުމަތްތައް ފާހަގަކޮށް މެނިފެސްޓޯގައި ލިޔެފައި ވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ނަފްސާނީ ފަރުވާ ދޭނެ ސެންޓަރެއް އައިޖީއެމްއެޗުގައި ގާއިމު ކުރުމާއެކު, އެ ހިދުމަތަށް ބޭނުންވެފައިވާ އެތައް ސަތޭކަ ބަޔަކު ވަނީ އެތަނުން ފަރުވާ ހޯދުމަށް އެދިފަ އެވެ. އެ ސެންޓަރުގެ ވެއިޓްލިސްޓުން އެކަނިވެސް, އެއީ ރާއްޖެއަށް ކިހާ ބޭނުންޖެހި އޮތް ހިދުމަތެއްކަން ހާމަވެގެން ދިޔަ އެވެ.
Comment