7 އޮގަސްޓު 2023 - 13:29 2
މުހައްމަދު ނަސީމް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
7 އޮގަސްޓު 2023 - 13:29 2
ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ އިގުތިސާދު ހުއްޓުމުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ "ބަނޑަށް ޖެހޭނެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގޮވި ކަމަށާއި އެކަމަކު އެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ޓަކައި 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި އެވެ. އެއާ އެކު އާމްދަނީ ލިބުން ހުއްޓުނު ފަރާތްތަކަށް ސަރުކާރުން އެކިއެކި އެހީތައް ދިނެވެ. ސަރުކާރުގެ މުވައްޒަފުންނަށް ދޭ މުސާރަޔާ އިނާޔަތްތައް ވެސް ކުޑައެއް ނުކުރެ އެވެ.
މާލީ ގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރީ ޕަބްލިކް އެކައުންޑް އޯވަ ޑްރޯކޮށްގެން (ފައިސާ ޗާޕްކޮށްގެން)ނެވެ. އެ ފިޔަވަޅުތަކަށް އޭރު އެންމެ ބޮޑަށް ފާޑުވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނެވެ.
ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕޭނުގައި، އެމްޑީޕީން ދ. ރިނބުދޫ ގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު، ބަހުގެ ހަމަލާ އަމާޒުކުރެއްވީ އެ ބޭފުޅުންނަށެވެ.
"އަަޅުގަނޑުމެން މި އެޅި ފިޔަވަޅުތަކާ އެކީގައި އެނގިވަޑައިގަންނަވާނެ ހާއްސަކޮށް މަޖިލިސް ތެރޭގައި ދެކެވުނު ވާހަކަ. ރާއްޖެ ބަނގުރޫޓުވާނޭ. މަހަކު އެއް ފަހަރު ބަނގުރޫޓުވޭ. މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކޮންމެ މަހެއް އެެއީ ރާއްޖެ ބަނގުރޫޓުވެފައި އޮތް މަހެއް،" ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އޭރު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ވެސް އޭރުގައި ގޮވި ކަމަށާއި އެހެން ނަމަވެސް މި ސަރަހައްދުގައި ތަކެތީގެ އަގު ވެސް މިހާރު އެންމެ ހެވީ ރާއްޖޭގައި ކަމަށެވެ. ރާއްޖޭގައި މިއަހަރު އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރި ވަރަށް އިންފްލޭޝަން މައްޗަށް ނުދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަހަރު ތެރޭގައި އިންފްލޭޝަން ހުންނާނެ ކަމަށް ބެލި، 5.4 [ޕަސެންޓް] ކަމަށް އަޅުގަނޑު ހަނދާން ވަނީ، އަންދާޒާކޮށްފައި އޮތީ [އެގޮތަށް]. އެކަމަކު މިހާރުގެ އިންފްލޭޝަން ހުރީ 3.2 ގައޭ އަޅުގަނޑު ހަނދާން ވަނީ،" ރައީސް ވިދާޅުވި އެވެ.
ކޮވިޑްގައި ސަރުކާރުން އެޅި ފިޔަވަޅުތައް، އާދައިގެ މަތިން ދިފާއުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ފިޔަވަޅުތައް ނޭޅި ނަމަ މިހާރު ރާއްޖޭގައި އޮންނާނީ ވަރަށް ނިކަމެތި ހާލަތެއް ކަމަށެވެ. އެ ފިޔަވަޅުތައް ނޭޅި ނަމަ މިހާރު ރާއްޖޭގައި އޮންނާނީ އަނިޔާވެރިކަމާއި ތަޅާފޮޅުމާއި ބަނޑަށް ޖެހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment