Advertisement

އެޖެންޓުގެ ދަރަނި ނެތް ކަން ސާފުކޮށްދިނުމުން، އިލްޔާސްގެ ކެންޑިޑެސީ ބަލައިގެންފި

7 އޮގަސްޓު 2023 - 11:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު؛ އިލްޔާސް ލަބީބުގެ ފޯމުގައި މަދުވި މައުލޫމާތުތައް ހުށަހެޅުމުން ފޯމު ބަލައިގެންފި - ފޮޓޯ: މިރާން ނާޝިމް / އަދަދު


އެޖެންޓުގެ ދަރަނި ނެތް ކަން ސާފުކޮށްދިނުމުން، އިލްޔާސްގެ ކެންޑިޑެސީ ބަލައިގެންފި

7 އޮގަސްޓު 2023 - 11:07 0

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިއުމާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތް ކަން ސާފުކޮށްދިނުމުން އޭނާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބަލައިގެންފި އެވެ.

އިލްޔާސްގެ ފޯމު އިއްޔެ ހުށަހެޅުއްވި ނަމަވެސް އޭނާގެ ކެންޑިޑެސީ ފޯމުގައި ލިޔުމެއް މަދުވެގެން ކަމަށް ބުނެ އީސީން އިއްޔެ އެ ކަން ޑިމޮކްރެޓްސްއަށް އިއްޔެ އެންގި އެވެ. އެއީ ކޮން ލިއުމެއް ކަން އީސީން ނުބުނި ނަމަވެސް، އެ މަދުވާ ލިޔުމަކީ ނިއުމާގެ މައްޗަށް ދަރަންޏެއް ނެތް ކަމަށް ބޭންކުން ދޭ ލިޔުމެއް ކަން އެނގިފައިވެ އެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯމުގައިވާ މައުލޫމާތާއި ތަކެތި ހަމަކޮށް އެ ބަލައި ޗެކުކުރިއިރު ރިޔާސީ އިންތިހާބަށް ވާދަކުރަން އިލްޔާސްގެ ޝަރުތު ހަމަވާ ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"އޮނަރަބްލް އިލްޔާސް ލަބީބު، ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ވަނީ ގަބޫލު ކޮށްފައި،" ހަބީބު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

އިލްޔާސް ފޯމު ހުށަހަޅުއްވަން ވަޑައިގަންނަވަން އިރުކޮޅެއް ވެފައިވަނިކޮށް، އޭނާގެ ރަނިން މޭޓަކީ މި ސަރުކާރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ފެށުމުން އެ މަގާމުން ވަކިކުރި ހުސައިން އަމްރުކަން އިއުލާނުކުރި އެވެ.

ޑިމޮކްރެޓްސްއަކީ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން އެމަނިކުފާނުގެ ސަޕޯޓަރުން އެމްޑީޕީގެ އެތެރެއިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން ޕާޓީން ވަކިކުރަން އުޅުމުން އެމްޑީޕީން އެ މީހުން ވަކިވެ އުފެއްދި ޕާޓީއެކެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި އިލްޔާސްގެ އިތުރުން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް، އެމްއެންޕީގެ މުހައްމަދު ނާޒިމް، ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު، އެމްއާރުއެމްގެ އަހުމަދު ފާރިސް، އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.