Advertisement

ސިޔާމްގެ ދ. އަތޮޅުން ރައީސަށް 80 ޕަސެންޓު ޔަގީންކޮށްދީފި

12 އޮގަސްޓު 2023 - 09:23 3

ދ. އަތޮޅުން

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ކ) : ރައީސްގެ ކޯލިޝަނަށް އެމްޑީއޭގެ މުހިންމުކަން ދާލުން ދައްކާނެ ކަމާމެދު ޝައްކެއް ނެތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ސިޔާމްގެ ދ. އަތޮޅުން ރައީސަށް 80 ޕަސެންޓު ޔަގީންކޮށްދީފި

12 އޮގަސްޓު 2023 - 09:23 3

ދ. އަތޮޅުން

ރިޔާސީ ކެމްޕެއިނުގައި މިދިޔަ ހަފުތާ ރައީސް ވަޑައިގަތީ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ އެންމެ ތާއީދު ބޮޑު އަތޮޅު ކަމަށްވާ ދ. އަތޮޅަށެވެ. އެ އަތޮޅުން މަޖިލިސް ތަމްސީލު ކުރައްވާ ދެ ގޮނޑީގައި ވެސް މިވަގުތު ތިއްބެވީ އެމްޑީއޭގެ ދެ ބޭފުޅުންނެވެ. ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ މީދޫ ދާއިރާގެ މެމްބަރެވެ.

މި އަހަރުގެ އިންތިހާބަށް ރައީސް އެމްޑީއޭއާއެކު ކޯލިޝަން ހެދުމަށް ނިންމުމާއެކު ފާޑުކިޔުން އަމާޒުވި އެވެ. މެމްބަރުން މަދު ކަމަށާއި އެމްޑީއޭއަށް ހޯދޭނެ ވޯޓެއް ނެތް ކަމަށް ބުނެ އިދިކޮޅާއި އޭރު ޕާޓީގެ ތެރޭގައި ތިބި އެކި ފަރާތްތަކުން ވެސް މަލާމާތުގެ ބަސްތައް އަމާޒުކުރި އެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ދ. އަތޮޅު ނަތީޖާ


1. އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 2,409 2. އިބްރާހިމް މުހައްމަދު ސޯލިހު: 2,587

ދެހާސް އަށާރައިގައި ރައީސް ސޯލިހު އަދި އެމްޑީޕީއަށް ދ. އަތޮޅުގެ މެޖޯރިޓީ ހޯދުނީ ކުޑަ ފަރަގަކުންނެވެ. އެއިރު އެމްޑީއޭ އޮތީ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ނާރަ އެވެ. އެއަށްފަހު އައި މަޖިލިސް އިންތިހާބުގައި، އަބަދު ވެސް އެމްޑީއޭއިން ކާމިޔާބު ކުރާ ކުޑަހުވަދޫ ދާއިރާ އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމުގެ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރި އެވެ. އެމްޑީޕީ ބަލިކޮށްފަ އެވެ.

މި އަހަރުގެ އިންތިހާބަށް ނުކުންނައިރު ދ. އަތޮޅުގެ މަންޒަރު ތަފާތެވެ. ސިޔާމް ހުންނެވީ ރައީސް ސޯލިހުގެ އަރިހުގަ އެވެ. ކެމްޕެއިނުގައި އެ އަތޮޅުގެ ކޮންމެ ރަށަކުން ވެސް ތާއީދު ބޮޑުކަން ފާހަގަވި އެވެ. ކުޑަހުވަދޫ ފިޔަވާ އެހެން ރަށަކުން އިދިކޮޅުގެ އަޑެއް އެއްވެސް ވަރަކަށް ނީވެއޭ ބުނުން ކުށަކަށް ނުވާނެ އެވެ.

"އަހަރުމެންގެ ސިޔާމް ހުންނާނީ ރަނގަޅު ފަޅީގައި، ސިޔާމް ދައްކަވާ މީހަކަށް ދައްތަމެން ވޯޓުލާނީ، އެހެން ނޫނަސް ބަލާ، އެއޮތީ ބަނދަރެއްވެސް އަޅާފަ މި ސަރުކާރުން، ދުވަހަކު ވީ ކަމެއް ނޫން، ދައްތަމެން ހަމަ މި ރަށުގަ އުޅެ މިވަރު މިވީ،" ރ. ރިނބުދޫ ބަނދަރުގައި ރައީސް ބޭއްވި ބައްދަލުވުމުގައި އެ ރަށު ފާތުމަތު، 71، ރައީސަށް ވޯޓުދޭ ސަބަބު ކިޔައިދެމުން ބުންޏެވެ.

ސިޔާމް ދައްކާ ކެންޑިޑޭޓަކަށް ވޯޓުލާން ތައްޔާރު

އޭނާއާ އެއްގޮތަށް ދ. އަތޮޅުގެ ގިނަ ރަށްރަށުން ދިމާވި އެކި މީހުން ބުންޏެވެ. 'އެމީހުންގެ' ސިޔާމް ދައްކާ ކެންޑިޑޭޓަކަށް ވޯޓުލާން ތައްޔާރު ކަމަށް ބުންޏެވެ.

"އެމްޑީއޭގެ ރައީސްގެ ދާއިރާ މީ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މި ދާއިރާއިން އެމްޑީއޭގެ ރައީސް އަބަދުވެސް ނަންގަވާ ވޯޓުތައް މިފަހަރު މި ކޯލިޝަނަށް، ރައީސް ސޯލިހަށް ހޯދުމަށް،" ދ. މީދޫގައި އެމްޑީއޭގެ ހަރަކާތްތަކުގައި އިސްވެ ހަރަކާތްތެރިވާ އިބްރާހިމް އަފްރާހު، 41، ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި 2019 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި މީދޫ ދާއިރާއިން ސިޔާމަށް ލިބުނު 1،100 ވޯޓާއި އަލަށް ވޯޓުލެވޭ އާބާދީއިން އިތުރު ވޯޓު އެމްޑީއޭގެ ފަރާތުން ރައީސް ސޯލިހަށް ލިބޭނެ އެވެ. ސިޔާމް ގެ ޕާޓީއިން ކޯލިޝަން ނުހެދި ނަމަ މި ހުރިހާ ވޯޓެއް ލިބޭނެ ކަމާމެދު ޝައްކެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރިނބުދޫއިންވެސް މި ދާއިރާއިންވެސް އެންމެ މަދުވެގެން 70 އިންސައްތަ އަޅުގަނޑުމެން ނަގާނަން، ސަބަބަކީ އަޅުގަނޑުމެންގެ ލީޑަރު އެކަމަށް އެދުނީމަ، ކޯލިޝަން ހެދީމަ، ސިޔާމް ވިދާޅުވީމަ މި އަތޮޅުން ވޯޓުނުލާނީ މައިނޯރިޓީ،" ރިނބުދޫގެ އެމްޑީއޭ ކެމްޕެއިނު ހިންގުމުގައި ހަރަކާތްތެރިވާ އިބްރާހިމް އާސިފް، 33، ބުންޏެވެ.

ސިޔާމް ހުންނެވީ ބޮޑުކޮށް ވޯޓު ހޯއްދެވުމުގެ އުއްމީދުގައި

ދ. ގެ ހުރިހާ ރަށެއްގައިހެން ސިޔާމް ވާހަކަ ދެއްކެވި އެވެ. ބޮޑަށް ފާހަގަކުރެއްވީ ރައީސްގެ އޯގާތެރިކަމާއި މި ސަރުކާރުން، އެ އަތޮޅު ކުދި އާބާދީތަކަށް ދިން އަހަންމިއްޔަތުގެ ވާހަކަ އެވެ. ރައީސަށް ކުރެވޭ އިތުބާރާއި ހޮވިވަޑައިގެންފި ނަމަ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމުގެ ޔަގީންކަން ދިނުމެވެ.

ކުޑަހުވަދޫގައި ބޭއްވި ޖަލްސާއަށްފަހު ކުޑަ ވަގުތު ކޮޅަކަށް ސިޔާމް "އަދަދު" ގެ ނޫސްވެރިންނާ ވާހަކަ ދެއްކެވި އެވެ. ފުރަތަމަ ވެސް ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު ވެސް ދ. އޮތީ އޭނާގެ ފަހަތުގައި ކަމަށެވެ.

"އަޅުގަނޑު އާންމުކޮށް މި ދެ ދާއިރާ ވެސް އެބަ ނަގަން. ގަބޫލުކުރާ ގޮތުގައި މިއީ އެމްޑީއޭގެ ދެ ދާއިރާ. އެހެންކަމުން މި އަތޮޅުން މަދުވެގެން 80 ޕަސެންޓު ނެގޭނެ ކަމަށް އަޅުގަނޑު ގަބާލުކުރަނީ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް މި ސަރުކާރު ސިފަކުރެއްވީ ރާއްޖޭގައި މިފަހުން މ. އަތޮޅަށް އަހަންމިއްޔަތުކަމެއް ދިން ހަމައެކަނި ސަރުކާރުގެ ގޮތުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ކުރީކޮޅުގައި އެ ސަރުކާރުގެ ކޯލިޝަނުގައި ވެސް އެމްޑީއޭ އޮތެވެ. ނަމަވެސް، މިފަހުން ގިނަ ޕޯޑިއަމްތަކުގައި ސިޔާމް ވަނީ އެ ސަރުކާރުގެ ވިސްނުމާއި އޭނާގެ ވިސްނުމާ ދިމާނުވި ކަމަށް ވިދާޅުވެފަ އެވެ.

"ވޭތުވެދިޔަ ތާރީހުގައިވެސް އެއްވެސް ސަރުކާރަކުންވެސް ނުކޮށްދޭ ވަރުކަންތައްތައް، ރައްޔިތުން ހިތައްވެސް ނާރާ ވަރުގެ ކަންތައްތައް ކޮށްދީފަ އެބަހުރި މި ސަރުކާރުން ކޮށްދީފަ، ތިބޭފުޅުންނަށްވެސް ފެންނާނެ މި އަތޮޅުގެ ކުދި އާބާދީތަކަށް މި ސަރުކާރުން ގެނެސްދީފައިހުރި ބޮޑެތި ޕްރޮޖެކްޓުތައް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމްގެ ވާހަކަ ނިންމާލީ ވެސް ދ އަތޮޅުން، އެމްޑީއޭގެ ވޯޓާއެކު ރައީސް ސޯލިހަށް 80 ޕަސެންޓަށްވުރެ މަތިން ތާއީދު ލިބޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ ޕާޓީގެ ގިނަ މަސައްކަތްތަކެއް އެ އަތޮޅުގައި ހިނގަމުންދާ ކަމަށާއި އެކަމުގެ ހެޔޮ އަސަރު ވޯޓުން ފެންނާނެ ކަން ފާހަގަ ކުރައްވަމުންނެވެ.

ދ. އަތޮޅު ދަތުރުގެ ތެރެއިން އެ އަތޮޅު ހުޅުދެލީގައި ހުންނަވާ ރައީސް ވެސް ވަނީ ސިޔާމަށް ތައުރީފުކުރައްވާފަ އެވެ.

"އަޅުގަނޑު މީދޫ ދާއިރާގެ ކޮންމެ ރަށަކުންވެސް މި ފެންނަނީ މި ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ސިޔާމް ކޮށްދެއްވާފައިވާ މަސައްކަތް، ސްކޫލުވިޔަސް، ކުޅިވަރު ކުޅޭ ތަނެއްވިޔަސް، މަސްވެރިކަމުގެ ދާއިރާވިޔަސް ސިޔާމް ގެ އެހީތެރިކަމާއި މަދަދު އެބަފެނޭ، އެކަން ރައްޔިތުން ގަބޫލުކޮށް ރައްޔިތުންގެ ލޯބި ސިޔާމަށް ލިބިފައިވާކަން އެ ކޮންމެ ރަށަކުންވެސް އެބަފެނޭ،" ރައީސް ވިދާޅުވެފައިވެ އެވެ.

ދ. ބަނޑިދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގެ ތެރެއިން : އެ އަތޮޅުން ބޮޑަށް ފެނުނީ ސިޔާމްގެ އޮރެންޖު ކުލަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރައީސް އިތުރަށް ވިދާޅުވީ މިއަދު ސިޔާމް އެ ހުންނެވީ އެމަނިކުފާނުގެ ކޯލިޝަނުގައި ކަމަށާއި ސިޔާމް އެ ނިންމެވުން ނިންމެވީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ. މީގެ ކުރިންވެސް އެމްޑީޕީ އޮތް ކަމަށާއި މިއަދު އެމަނިކުފާނާއެކު ސިޔާމް އެ ހުންނެވީ ސަރުކާރުން ކޮންމެ ކަމެއް ރައްޔިތުންނަށް ކޮށްދޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ގަބޫލުކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންވާލަން ބޭނުންވަނީ ސިޔާމް އަޅުގަނޑާއެކީ މަސައްކަތް ކުރަން ފެށީ މިއަދަކު ނޫނޭ، މަޖިލީގައި އަޅުގަނޑު ހޭދަކުރި 25 އަހަރުގެ ތެރެއިން ގިނަ އަހަރުތަކުގައި މަސައްކަތް ކުރަންޖެހުނީ އެކުގައި، އޭރު އަޅުގަނޑާ ސިޔާމުގެ ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ގައުމީ ކަންކަމުގައި އަދި ރައްޔިތުންގެ ކަންކަން ނިންމުމުގައި އަބަދުވެސް ހުންނަވާނީ އެކުގައި" ރައީސް ވިދާޅުވީ އެމްޑީޕީ މަޖިލީހުގައި މައިނޯރިޓީގެ ގޮތުގައި އޮތް ދުވަސްވަރުވެސް ސިޔާމްގެ އެހީތެރިކަން ލިބުނު ކަމަށެވެ.

ތަރައްގީގައި ކުދި ރަށްތައް ހިމެނުމުގެ ފޮނި ނަތީޖާ

ކުރިން މީދޫއިން ވާހަކަ ދެއްކި އަފުރާހު ބުނި ގޮތުގައި އެމްޑީއޭއިން ސަރުކާރާއެކު ހެދި ކޯލިޝަނަކީ އެންމެ ގަބޫލުކުރެވޭ އަދި ތާއީދުކުރަން ފަސޭހަ ކޯލިޝަން ކަމަށެވެ. ސަބަބެއް ގޮތުގައި މި ސަރުކާރަށް ޖެހުނު އެންމެ ބޮޑު ދަތި ކަމަށްވާ ކޮވިޑުގެ ހާލަތުން އަރައިގަތް ގޮތް ފާހަގަކުރި އެވެ. އެއަށްފަހު ދެން ބުނީ ކުދި އާބާދީތަކުގެ ވާހަކަ އެވެ.

ރައީސް ކޮންމެ ރަށެއްގައިހެން ދައްކަވާ ވާހަކަ އެކެވެ. މި ސަރުކާރުން 100 އެތައް ރަށެއްގައި ފެނާއި ނަރުދަމާ އާއި އެހެން އަސާސީ ހިދުމަތްތަކުގެ މަސައްކަތް ފެށިކަން ފާހަގަ ކުރައްވަމުން ވިދާޅުވަނީ ތަރައްގީގެ ދަތުރުގައި ކުދި އާބާދީތައް ބާކީ ނުކުރައްވާނެ ކަމަށެވެ. އެ ކަމަށް އަތޮޅުތަކުން ލިބޭ ތާއީދާ ދޭ ތަރުހީބު ބޮޑެވެ. ދ. އަތޮޅުން ވެސް މެ އެވެ.

"މި ދާއިރާއަށް ބެލިޔަސް ކުރިން ރަށްރަށަށް ކަންކަން ކޮށްނުދޭ [ގިނަ ސަރުކާރުތަކުން] އެކަމު މި ސަރުކާރު އައިސް ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ފެށީމާ އަޅުގަނޑުމެންނަށް އެބަ އަކަމުގެ ސީދާ ފަސޭހަ ލިބޭ، ރައްޔިތުން ބޭނުންވަނީ އެ ފަސޭހަ،" އަފްރާހް ބުންޏެވެ.

ރިނބުދޫއިން ވާހަކަ ދެއްކި އަފްރާހު ވެސް ބުނީ މިއީ ހަމަ 'ފައްކާ ކޯލިޝަނެއް ކަމަށެވެ.

"މީގެ ކުރީގެ ސަރުކާރުތަކުގެ ރިނބުދޫއަކީ ޗާޓުގައިވެސް ނެތް ރަށެއް، އެކަމަކު މިހާރު އަޅުގަނޑުމެންނަށްވެސް އަދި ތިބޭފުޅުންވެސް ބައްލަވާލެއްވީމަ ފެންނާނެ ހައްދަވާފައިވާ ބަނދަރާއި ރަށުތެރޭގަ ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް، މި ސަރުކާރުހާ ހެޔޮ ސަރުކާރެއް ނާންނަކަން ރިނބުދޫގެ ރައްޔިތުން ގަބޫލުކުރާނެ" އޭނާ ބުންޏެވެ.