މިލާން (އޮގަސްޓް 6) - ދާދި ފަހުން ކުޅުން ހުއްޓާލި ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން އަށް އިޓަލީގެ ގައުމީ ޓީމުގެ މަގާމެއް ދީފިއެވެ.
ބުފޮން، 45، ކުޅުން ހުއްޓާލިކަން އިއުލާންކުރީ މީގެ ތިން ދުވަސް ކުރިންނެވެ.
އިޓަލީގެ ގައުމީ ޓީމުން ބުފޮން އަށް ދިނީ ޑެލިގޭޝަން ޗީފްގެ މަގާމެވެ. މިއީ މި އަހަރުގެ ކުރީކޮޅު މަރުވި އިޓަލީގެ ލެޖެންޑް ޖިއަންލޫކާ ވިއާލީ ގައުމީ ޓީމުގައި އަދާކުރި މަގާމެވެ. މި މަޣާމުގެ މައިގަނޑު މައްސޫލިއްޔަތަކީ ޓީމުގެ އެކި ކަންތައްތަކުގައި ކޯޗު ރޮބާޓޯ މަންޗީނީ އަށް އެހީތެރިވުމެވެ.
އިޓަލީގެ ގައުމީ ޓީމާއެކު 2006 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބުފޮން ބުނީ އިޓަލީގެ ގައުމީ ޓީމަކީ އޭނާގެ ހަޔާތުގެ މުހިންމު ބައެއް ކަމަށެވެ.
"ރޮބާޓޯ މަންޗީނީ އާއި ޓީމުގެ ހިދުމަތުގައި އަހަރެން މިހުރީ. އިޓަލީގެ ގައުމީ ޓީމަށް ހިދުމަތްކުރާއިރު މުހިންމީ ލިބޭ އިނާމެއް ނޫން،" ބުފޮން ބުންޏެވެ.
އިޓާލީގެ ފުޓްބޯލް ފެޑަރޭޝަން އިން ބުނީ ބުފޮން ގައުމީ ޓީމާ ގުޅުމަކީ އިޓަލީގެ ފުޓްބޯޅަ އަށް "ބޮޑު ދުވަހެއް" ކަމަށެވެ.
ޔޫރޯ 2024ގެ ކޮލިފައިންގައި ސެޕްޓެމްބަރު މަހު ނޯތު މެސެޑޯނިއާ އާއި ޔޫކްރޭންއާ ދެކޮޅަށް އިޓަލީ ކުޅޭ މެޗުތަކުގައި ބުފޮން ގައުމީ ޓީމުގައި މަސައްކަތްކުރާނެއެވެ.
ބުފޮން އަކީ އިޓަލީގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއެވެ. އިޓަލީގެ ގައުމީ ޓީމަށް 1997 އިން 2018 ވަނަ އަހަރާ ހަމައަށް ބުފޮން ވަނީ 176 މެޗު ކުޅެފަ އެވެ.
Comment