Advertisement

ހޯރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުކުރަން ފަށައިފި

5 އޮގަސްޓު 2023 - 11:01 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހޯރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ގޮތުން ޖެއްސި ފްލައިޓް -- ފޮޓޯ: އަދަދު


ހޯރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުކުރަން ފަށައިފި

5 އޮގަސްޓު 2023 - 11:01 0

ހއ. ހޯރަފުށީ އެއާޕޯޓަށް ރޭގަނޑު މަތިންދާބޯޓު ޖެއްސޭ ގޮތް ހަދައި، ހުޅުލެއިން ފުރައިގެން ގޮސް ރޭ ފުރަތަމަ ބޯ އެ ރަށަށް ޖައްސައިފި އެވެ.

ރޭގަނޑުގެ ދަތުރުތައް ފެށުމުގެ ގޮތުން ޖެއްސި ޓެސްޓު ބޯޓު އެ އެއާޕޯޓުގައި ޖެއްސީ ރޭ 20:36 ހާއިރެވެ.

އެ ދަތުރުތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހޯރަފުށި އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

ރޭގަނޑު ފްލައިޓްތައް ފެށުމުގެ ގޮތުން ހޯރަފުށީގައި ރޭ އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ މި ދަތުރުތަކާއިއެކު ދިމާވާ އެމާޖެންސީ ހާލަތްތަކުގައި ހޯރަފުށީގެ ރައްޔިތުންނަށް މާލެ ދިއުމަށް އޮތް ދަތިތައް ހައްލުވެގެން ދާނެކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ބޭސްފަރުވާއަށް ފުރަންޖެހޭ ހާލަތްތަކުގައި ހެނދުނުގެ ފްލައިޓަށް ދަތުރު ފަސްކުރަން ޖެހުން ރެއިން ފެށިގެން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ފަތުރުތައް ފައްޓަވައި ދެއްވަމުން އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ހޯރަފުށީ އެެއާޕޯޓަކީ އިހަވަންދިއްޕޮޅުގެ ހުރިހާ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ރަމްޒުވެގެންދާ އެއާޕޯޓެއް ކަމަށެވެ. އަދި އެ އެއާޕޯޓުގެ ސަބަބުން ހއ. އަތޮޅުގެ ފަތުރުވެރިކަން އިތުރަށް ތަރައްގީވުމަށް މަގުފަހިވާނެކަން ފާހަގަކުރެއްވި އެވެ.

"މި އެއާޕޯޓުގެ ސަބަބުން އިގްތިސާދީ އުމްރާނީ ތަރައްގީ ގެނެސްދީ، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީވުމަށް މަގުފަހިވެ، ލުއިފަސޭހަތަކެއް ވަނީ ގެނެސްދެވިފަ. އެއާޕޯޓުން ލަފާފުރާ މީހުންގެ އަދަދު އިތުރުވުމުން މުސްތަގުބަލުގަ މި ސަރަހައްދުގެ ގެސްޓް އެނދުތަކުގެ އަދަދު އިތުރުވެގެން ދާނެ،" ރިޒްވީ ވިދާޅުވި އެވެ.

އޭގެ އިތުރުން އާރްއޭސީއެލްއިން މާވަރަލު އެއާޕޯޓުގައި ވެސް ރޭގަނޑުގެ ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ރިޒްވީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ހޯރަފުށި ދާއިރާގެ މެމްބަރި އަހްމަދު ސަލީމް ވިދާޅުވީ، ހޯރަފުށި އެއާޕޯޓާއެކު ރަށު ބަންދުވެފައި ދަތުރުނުކުރެވި ތިބުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ހޯރަފުށި އެއާޕޯޓަށް ދެން އިރު ނޯއްސޭނެ ކަމަށް ވިދާޅުވެ މިސާލެއް ޖެއްސެވި އެވެ.

"އިރާދަކުރެއްވިއްޔާ ދެން ހޯރަފުށި އެއާޕޯޓަކަށް އިރެއް ނޯއްސޭނެ. ހޯރަފުށި އެއާޕޯޓަކީ ރައީސް ސޯލިހު އަތޮޅުތަކުގެ ތަރައްގީއަށް ކުރައްސަވާ ތަސްވީރުން ވަރަށް ކުޑަ މިންވަރެއް. މިއީ ރާއްޖެ ދިގަށް ގުޅާލެވޭ ގޮއްތަށް އުތުރުން ގުނާނަމަ އޭގެ ފެށުން،" ސަލީމް ފާހަގަކުރެއްވި އެވެ.

އަދި ހޯރަފުށި އެއާޕޯޓުން އެ ރަށުގެ ރައްޔިތުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރިސަތުތަކެއް ލިބި، ބޮޑު އާމްދަނީއެއް ލިބެމުން އަންނަކަން ވެސް ސަލީމް ފާހަގަކުރެއްވި އެވެ.

ހޯރަފުށީ އެއާޕޯޓަށް ރޭގަނޑުގެ އުދުހުންތައް ފެށުމާއިއެކު އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ 24 ގަޑިއިރަށް ބަދަލުކުރެވިފަ އެވެ.