3 އޮގަސްޓު 2023 - 21:20 2
މުހައްމަދު ޝަހްޒާން
3 އޮގަސްޓު 2023 - 21:20 2
މިއަދަކީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ތާރީހީ ދުވަހެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އެ ކޯލިޝަންގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހަނިވެފައި ވާތީ އެކަމަށް ހައްލެއް ހޯދުމަށް މުހިންމު ނިންމުމެއް ނިންމަން ޖެހުނު ދުވަހެކެވެ.
އެއީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެ ކޯލިޝަނުގައި ދެން ހިމެނޭ ޕީއެންސީން ރިޔާސީ ރޭހަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތެވެ.
އެ މަސައްކަތް ކުރުމަށްޓަކައި އެ ޕާޓީގެ ސެނެޓުގައި ތިއްބަވާ 48 މެންބަރުންގެ އިތުރުން ބައެއް އާންމު މެމްބަރުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހ. ހުރަފާގައި ހުންނަ އެ ކޯލިޝަނުގެ އޮފީހަށް ހާޒިރުވެ ތިއްބެވެ.
ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާ މިދިޔަ ހަފުތާގައި ކުރަން ފެށުމުގެ ކުރިން ވެސް އެ ކޯލިޝަނުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ރިޔާސީ ވާދައިގެ ހުޅު ހުރީ ރޯވެފަ އެވެ. އެއީ ރައީސް ޔާމީނަށް ވަފާތެރި ނޫން ބަޔަކު ދެ ޕާޓީގެ ތެރެއިން އިންތިހާބަށް ނުކުތުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތެވެ. ސިއްރިއްޔާތުގައި އަމިއްލަ އެޖެންޑާއެއްގެ ދަށުން ކެމްޕެއިން ކުރައްވާ ކަމުގެ އަޑުތަކެވެ.
މަޑުގިނީގައި އަނދަމުންދިޔަ އެ އަލިފާނުގެ ހުޅުގަނޑު މިދިޔަ ދެ ދުވަހަކު ބޮޑުވުން ގުޅިފައި އޮތީ މިއަދުގެ ވޯޓާ އެވެ. ތުންތުންމަތިން ދެކެވެމުން އައި އެ ވާހަކަތައް މީގެ ކުރިން އެ ކޯލިޝަނުގެ ލީޑަޝިޕުން ދިޔައީ ދޮގު ކުރަމުންނެވެ. ނަމަވެސް މިއަދު އެ ވާހަކަތައް ދޮގު ކުރާނޭ ވަރެއް ލީޑަޝިޕުގެ ދުލުގައި ނެތެވެ.
ކޯލިޝަންގެ އާންމު މެމްބަރުންގެ ތެރެއިން ފުރޭނިގެން ސެނެޓަރުން ގޮސް އެމީހުނަށް ހާއްސަކޮށްފައި ހުރި ގޮނޑިތަކުގައި އިށީންނަމުން ދިޔައިރު، އެކަކު އަނެކަކާ ސިއްރު ސިއްރުން ކޮންމެވެސް ވާހަކައެއް ދައްކަމުންދިޔަ އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި މަޑުމަޑުން ދައްކަމުންދިޔަ އެ ވަހާކަތަކުގައި ބާރުޖެހި، ތަންކޮޅެއް އަޑު ހަރުވި އެވެ.
"އެއީ ފޭކު މެސެޖެއް، އެއީ ފޭކު މެސެޖެއް އިނގޭ، އެއްވެސް މީހަކު ގަބޫލު ނުކުރާތި،" އެންމެ ހަރުކޮށް އެވާހަކަ ދައްކަމުންދިޔަ ސެނެޓަރަކު ދެން ތިބީންނަށް އަންގާލަމުން ބުންޏެވެ.
އެ ފާހަގަ ކުރީ، މިއަދު ހެނދުނުން ފެށިގެން އަބްދުﷲ ޔާމީނުގެ އަނބިކަނބަލުން، "މެޑަމް" ފާތުމަތުގެ ނަމުގައި ރ. މަޑުއްވަރި ދާއިރާގެ މެންބަރު، އާދަމް ޝަރީފަށް ތާއިދު ކުރުމަށް އެދި ކޯލިޝަނުގެ މެމްބަރުންނަށް ފޮނުވި މެސެޖެއްގެ ވާހަކަ އެވެ.
އެ ވާހަކަތަކުން ގެއްލިފައިވި އެ މާލަމުގެ ހަމަހިމޭންކަން ގެނުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރު ބަޔާނެއް އިއްވަން ފެށުމުންނެވެ. އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ގެންގުޅުއްވި ބަސްމަގާ ހިލާފަށް އެ މާލަމުގައި ތިބި ހުރިހާ އެންމެންނަށް މުހާތަބުކޮށް އޭނާ ދެއްވީ ނަސޭހަތެކެވެ.
"މި އިންތިހާބަކީ ވަރަށް ސުލްހަވެރި އަމާންކަމާ އެކު ކުރިއަށް ގެންދެވޭ އިނތިހާބެއްގެ ގޮތުގައި ހައްދަވައިދެއްވުން ވަރަށް ބޮޑަށް އެދެން، އެނގިވަޑައިގަންނަވާނެ މިއީ އަޅުގަނޑުމެންނަށް އެހެން އެއްވެސް ގޮތެއް ނެތިއްޖެއްޔާ ކުރަންއުޅޭ ކަމެއް،" ވާދަވެރިކަމެއް އުފެދުނު ނަމަވެސް ހަމަނުޖެހުމެއް ނުހިންގުމަށް އެދި އަބްދުއްރަހީމް ވިދާޅުވި އެވެ.
"ތަކުރާރުކޮށް ދަންނަވަން ބޭނުންވާ ވާހަކައެއް މިއީ، އަޅުގަނޑުމެން ލީޑަޝިޕުން ވަރަށް މަސައްކަތް ކުރީމު މި ނޫން ގޮތަކަށް މިކަން ކުރެވޭތޯ، ތަކުރާރުކޮށް ރައީސްއަށް ދެންނެވިން."
އޭނާ ވާހަކަތަކުގެ ފުލުން، މާލަމުގެ މާފަހަތުގައި ހުރި އެހެން މީހެއްގެ އަޑު އިވުނެވެ. އެއީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ޑރ. މުއިއްޒު އާއި އާދަމް ޝަރީފުގެ ވާދަވެރިކަމުގެ ހިޔާލުތަކުގެ ތެރެއިން އެތަނުގައި ތިބި ހުރިހާ އެންމެން ނެރެދިން އަޑެކެވެ. ޖަލުގައި އޮންނެވި ރައީސް ޔާމީނުގެ ހައްގުގައި އިއްވި އިންޒާރުގެ ރަނގަބީލެކެވެ.
"މިކަމަކީ ރައީސް ޔާމީނު މިނިވަން ކުރުމަށްޓަކައި ކުރާ ކަމެއް، އެއްވެސް މީހަކު އުފާ ފާޅުކޮށްގެން ނުވާނެ،" އެ މީހާ ބުންޏެވެ.
އެ ވާހަކަތަކާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު އެ ކޯލިޝަނުގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައި އޮތް މިންވަރު ސާފުވި އެވެ. މީގެ ކުރިން އިވެމުންދިޔަ އަޑުތަކަކީ ތެދު ހަގީގަތް ކަން ދެލޯ ކުރިމަތީގައި ދިޔައީ ފެންނަމުންނެވެ.
އަބްދުއްރަހީމްގެ ކުރު ބަޔާނަށްފަހު ވޯޓުލުން ފެށިގެން ކުރިއަށް ގެންދަން ފެށި އެވެ. އެންމެ ފުރަތަމަ ވޯޓު ލެއްވީ ވެސް އޭނާ އެވެ.
އަބްދުއްރަހީމް އެދިވަޑައިގެންނެވި ގޮތަށް ސެނެޓުގެ ހުރިހާ މެމްބަރުން ވޯޓުލުން ނިންމައިލީ ވަރަށް އަމާންކަމާއި އޮމާންކަމާ އެކު އެވެ. ބައެއް ސެނެޓަރުން ވޯޓުލުމަށްފަހު އެ މާލަން ދޫކޮށް ނިކުމެގެންދިޔަ ނަމަވެސް ގިނަ މެމްބަރުން މާލަމުގެ ފަހަތުގައި މަޑުކޮށްލައިގެން ތިއްބެވެ. ވޯޓުލުން ނިމި، ނަތީޖާ އިއުލާނު ކުރުމަށް ތައްޔާރުވަމުން ދިޔައިރު، ޑރ. މުއިއްޒު ވެސް މާލަމުގެ ފަހަތުގައި ތިބި މީހުންގެ ތެރޭގައި މަޑުކޮށްލައިގެން ހުއްޓެވެ.
"ކެންޑިޑޭޓު ނަންބަރު އެކެއް، ޑރ. މުހައްމަދު މުއިއްޒު، ދިމްޔާތު މާލެ، ލިބުނު ވޯޓު، 25؛ 52.08 އިންސައްތަ،" ރިޔާސަތުގައި ބަހައްޓާފައި ހުރި މައިކުގެ އެހީގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަތީޖާ އިއުލާނު ކުރެއްވުމާއެކު މުޅި މާލަން އަތްތިލަބަޑީގެ އަޑުން ގުގުމާލި އެވެ. ސެނެޓަރުންނާއި ސަޕޯޓަރުން ގޮސް މުއިއްޒު ވަށައިލި އެވެ. ފަހަރަކު ބޭފުޅަކު ގޮސް މުއިއްޒުއަށް މަރުހަބާ ދަންނަވަމުން ސަލާމް ކުރަމުން ގެންދިޔަ އެވެ. ނަމަވެސް އުފާވެރިކަމަށް ރައީސް ޔާމީނުގެ ހިޔަނި އެޅޭކަށް މާގިނަ އިރެއް ނުވި އެވެ.
ހަމަ އެ ހިނދުގައި ކުރިން، އުފާ ފާޅު ނުކުރުމަށް އެދި ވާހަކަދެއްކި އަޑުން "ރައީސް ޔާމީން" އޭ ގޮވަން ފެށި އެވެ. އެއާއެކު މުއިއްޒުއަށް މަރުހަބާ ކިޔަން ހުޅުވާފައި ހުރި އަނގަަތަކަށް "ރައީސް ޔާމީން ދޫކޮށްލާ" އޭ ގޮވަން މަޖުބޫރު ކުރުވި އެވެ. އެ ރާގުގައި މުއިއްޒުގެ ތުން ވެސް ތަޅުވާލި މަންޒަރު ފެނުނެވެ.
އެއަށްފަހު ވާދަވެރިޔާ، އާދަމް ޝަރީފާއެކު ގޮސް ސްޓޭޖު އޭރިޔާގައި އިށީންނަވާފައި ވާހަކަދައްކަވަން ފެށްޓެވި އެވެ. އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިގެން ޕީއެންސީގެ ސެނެޓަށް ޝުކުރު އަދާ ކުރެއްވި އެވެ. މީޑިއާތަކުގެ ކުރިމަތީގައި ވެވަޑައިގަންނަމުންދިޔަ އެ ވައުދުތައް ނިންމަވައިލެއްވީ އެ ކޯލިޝަނުގެ މެންބަރުންނަށް މުހިންމު މެސެޖެއް ދެއްވަމުންނެވެ.
މުޅީން ވަކި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓަރީ ކޮށްފައިވާ ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވެރިކަމަށް އައުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް ވެރިކަން ކުރައްވާނީ ރައީސް ޔާމީނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް އޭނާ ވައުދުވި އެވެ.
މިއަދުގެ އެ މަންޒަރުތަކާއި އަޑުތަކުން އިދިކޮޅު ކޯލިޝަނުން ދައްކަން ބޭނުން ނުވި އެތައް ކަމެއް ހާމަވެގެން ހިނގައްޖެ އެވެ. އެ ކޯލިޝަނުގެ ތެރޭގައި ހިޔާލުތަފާތުވުމާއި ވާދަވެރިކަން އޮތް މިންވަރެވެ. ޖަލުގައި އޮންނެވި ރައީސް ޔާމީނުގެ "އޮފު" ކެނޑޭނެ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ފަހިވިޔަ ނުދޭން ގަދަފައި ވިއްދާފައި ތިބި އެތައް ބަޔަކު އެ ކޯލިޝަނުގެ ހުރިހާ ހިސާބެއްގައި ވެސް ތިބި ކަމެވެ. ރައީސް ޔާމީނުގެ ފޮޓޯ ބޭނުން ކުރައްވައިގެން ނުނިޔަތުގައި މަސައްކަތް ކުރާ ބަޔަކު ވެސް އޭގެ ތެރޭގައި ތިބި ކަމެވެ.
ކޮންމެއަކަސް މިއަދު ނިންމުމަކީ އެ ކޯލިޝަނުގެ އެއްބަޔަކަށް ކިތަންމެ ފޮނި ނިންމުމެއް ކަމުގައިވިޔަސް އެއީ ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު، އަނެއް ބަޔަކަށް މާ ކަމުދާނެ ނިންމުމެއް ކަމުގައި ނުވެދާނެކަން ނަތީޖާއަށްފަހު އެތަނުގެ ރޫހު ހުރި ގޮތުން އެނގުނެވެ.
ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް އެންމެ ހަތަރު ދުވަހަށް ވެފައި ވާއިރު، ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ މިއަދުގެ ވޯޓާ ގުޅިގެން އެ ދެ ޕާޓީގެ ކުރިމަގަށް އަސަރު ކުރާނީ ކިހައިވަރަކަށްތޯ އެވެ.
Comment