Advertisement

ނަޝީދު އެދިވަޑައިގެންނެވީ އިލްޔާސްގެ ސިއްހީ ހާލަތު އެންމެނަށް އަންގަން

3 އޮގަސްޓު 2023 - 09:29 2

ތ. ކިނބިދޫ

ނިމާ ހަސަން

ނިމާ ހަސަން

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް، ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ނަޝީދު އެދިވަޑައިގެންނެވީ އިލްޔާސްގެ ސިއްހީ ހާލަތު އެންމެނަށް އަންގަން

3 އޮގަސްޓު 2023 - 09:29 2

ތ. ކިނބިދޫ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ސިއްހީ ހާލުކޮޅު ރައްޔިތުންނަށް ސާފުކޮށްދެއްވަން ނަޝީދު ރޭ އެދިވަޑައިިގެންފި އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން ޑިމޮކްރެޓުން ކުރާ ދަތުރުގައި ތ. ކިނބިދޫގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ފުރަތަމަ ވާހަކަފުޅު ދެއްކެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިއްހީހާލުކޮޅާ ގުޅުވައި، ފުރައްސާރައަކަށް ވާ ގޮތަށް ދެއްކެވިފައިވާ ވާހަކަ ދިފާއުކުރެއްވުމުގެ ގޮތުންނެވެ.

ނަޝީދު ވިދާޅުވީ, ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ސިއްހީ ހާލުކޮޅަކީ ރައްޔިތުންނަށް އެނގިފައި އޮންނަން ޖެހޭ ކަމެއް ކަމަށެވެ. ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅުވައި ދެއްކެވި ވާހަކަފުޅަކީ ނަޝީދު ސިފަކުރެއްވި ގޮތުގައި "އެއްވެސް މީހަކަށް ބަދުބަހެއް ރައްދު ކުރަން" ދެއްކެވި ވާހަކަފުޅެއް ނޫނެވެ.

"އެއްވެސް ހާލެއްގައި އެއީ އެއްވެސް މީހަކަށް ބަދު ބަހެއް ބުނުމަކަށް ނުވަތަ ދެރަގޮތެއް ވުމަކަށް, މިބާވަތުގެ ކަމެއް ނޫން." ސިއްހީ ހާލުކޮޅާ ގުޅިގެން ދެއްކެވި ވާހަކަ ދިފާއު ކުރެއްވުމުގެ ހުއްޖަތަކަށް ޑިމޮކްރެސީ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ކުރިން ވާހަކަ ދެއްކެވި ގޮތުން ގާތް ބައެއް ބޭފުޅުން ވެސް ހިތްބަރު ކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ވާހަކައިން ނުބައި ގޮތަކަށް މާނަ ނެގޭނެކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެއީ އެހެން ބައެއް ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަަމަށް ވިދާޅުވެ ނަޝީދު މިސާލަކަށް ނެންގެވީ އެމެރިކާ އެވެ.

"މިއީ މިކަންކަން ޑިމޮކްރެޓިކް މުޖުތަމައެއްގައި ހިނގަން ބަޔާންކޮށްފައި މިއޮންނަނީ މިކަންކަމުގެ ސަބަބުން ރައްޔިތުންގެ ތަނަވަސްކަމާއި, ރައްޔިތުންގެ ދިރިއުޅުމަށާއި, ރައްޔިތުންގެ އާންމު ހާލަތަށް އަސަރު ކުރާނެކަމެއް." ނަޝީދު ވިދާޅުވި އެވެ.

އިލްޔާސް ލަބީބްގެ ސިއްހީ ހާލުކޮޅު އާންމުކުރެއްވުމަށް އިރުޝާދު ދެއްވީ އެހިސާބުންނެވެ.

"އަޅުގަނޑު އަބަދުވެސް, އިލްޔާސް ލަބީބް އަރިހުން އެދެނީ, އެބޭފުޅާގެ ހެލްތް ސެޓްފިކެޓް, ސިއްހީ ހާލުކޮޅު އަޅުގަނޑުމެން އެންމެނަށް އިނގުމަށް." ރާއްޖޭގެ ވެރިންގެ ސިއްހީ ހަލުކޮޅާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަ އަޑުއަހާފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި, ނަޝީދުގެ ފަހުން ވާހަކަދައްކަވަމުން އިލްޔާސް ވަނީ އޭނާގެ މެޑިކަލް ސެޓްފިކެޓް އާންމު ކުރައްވާނެކަން ހާމަކުރައްވާފަ އެވެ. އަދި މިވަގުތު އެއްވެސް ބައްޔެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި, ރައީސްގެ ސިއްހަތަށް ނަޝީދު ފުރައްސާރަ ކުރެއްވީ, އެމަނިކުފާނުގެ އުމުރުފުޅާ ވެސް ގުޅުވަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސް މިހާރު މުސްކުޅިވެއްޖެ އެވެ.

"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާލަން އޮތީ، ތިބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓު ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާ، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ސިއްހީ ހާލުކޮޅު، އެއީ ވިސްނަވަން ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އުމުރުފުޅުން 61 އަހަރުގެ އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ، އެ މަނިކުފާނުގެ ކުރީގެ މިތުރު ހަގީ ފަސް އަހަރެވެ. ނަޝީދުގެ މިހާރު އުމުރުފުޅަކީ 56 އަހަރެވެ.

އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 71 އަހަރެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުއްވައިފައިވާ، ކުރީގެ ރައީސް ޔާމީނުގެ އުމުރުފުޅަކީ 64 އަހަރުފުޅެވެ.