Advertisement

ނަރުދޫ ރައްޔިތުންގެ އެންމެ ބޮޑު ތަކުލީފަށް ހައްލެއް ހޯދުމަށް ރައީސް ދެއްވީ އާ އުންމީދެއް

1 އޮގަސްޓު 2023 - 12:04 0

ށ. ނަރުދޫ

އަހުމަދު އާއިދު

އަހުމަދު އާއިދު

ނަރުދޫގެ ނަރުދަމާގެ މަސައްކަތް ހުއްޓިފައި : ރައީސް ވިދާޅުވީ ކޮންޓްރެކްޓު ބާތިލްކޮށް އަލުން ބަޔަކާ ހަވާލުކުރައްވާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނަރުދޫ ރައްޔިތުންގެ އެންމެ ބޮޑު ތަކުލީފަށް ހައްލެއް ހޯދުމަށް ރައީސް ދެއްވީ އާ އުންމީދެއް

1 އޮގަސްޓު 2023 - 12:04 0

ށ. ނަރުދޫ

ރިޔާސީ ކެމްޕޭނުގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ށ. އަތޮޅުގެ އެންމެ ކުޑަ އެއް ރަށް ކަމަށްވާ ނަރުދޫއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރެއްވިއިރު ރަށުގެ ގިނަ ރައްޔިތުން އެ ސަރަހައްދުގައި ތިއްބެވެ.

ނަރުދޫއަށް ވެވަޑައިގެންނެވި ވައުދުތަކާއި އޭގެ އަދާހަމަ ރައީސް ދެއްވަމުން ގެންދެވިއިރު، ޕޯޑިއަމާ ދުރުނޫން ޖޯލިފައްޗެއްގައި ނަރުދޫގެ އުމުރުން ދުވަސްވީ ފިރިހެނެއް އޮތެވެ. ރައީސްގެ ވާހަކަފުޅު ކަނުލާ އަޑުއެހުމުގަ އެވެ. އެ ބޭބެ ކައިރި ގޮސް ރަށުގެ އާންމު ހާލަތު އަހާލުމުން ބުނީ ހާލު ރަނގަޅު ކަމަށެވެ.

"އެކަމަކު.. ވަރަށް ބޮޑު މައްސަލައެއް އެބައޮތް، ރައީސް އެހެރަ ވިދާޅުވަނީ.."

އޭރު ރައީސް ދައްކަވަމުން ގެންދެވީ ނަރުދޫގެ ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތުގެ ވާހަކަ އެވެ. ސްޓެޓިކް ކޮމްޕެނީ އާ ނަރުދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ސަރުކާރުން ހަވާލުކުރީ ސެޕްޓެމްބަރު 29، 2019 ގަ އެވެ. ނަމަވެސް، މަސައްކަތް ފަށާ ގިނަ ދުވަސްތަކެއް ނުވެ ނަރުދޫގެ ނަރުދަމާގެ މަސައްކަތް ހުއްޓުނެވެ. އެ މަޝްރޫއު ހިންގުމަށް ރަށުގައި ކޮނުނު ވަޅުތަކާއި ޖެހި ހޮޅިތައްވެސް ވީރާނާވެ ދަނީ އެވެ.

"މަގުމަގުމަތީ އެބަހުރި ވަޅުގަނޑުތައް ކޮނެފަ، އޭގަ މައްޗެއްވެސް ނުޖަހާ، ސައިކަލުތަކާ ބަގީތައް ދުއްވަންވެސް އުނދަގޫވޭ، ވަރަށް ދަތި ކަމެއް މިއީ" ނަރުދޫ ކޯޓުގައި މީގެ ކުރިން މަސައްކަތް ކޮށް މިހާރު ރިޓަޔާ ކޮށްފައިވާ އަބްދުލްގަފޫރު މޫސާ، 76، ބުންޏެވެ.

ރައީސް ސޯލިހު އަދި އެމްޑީޕީގެ އިސްވެރިންނާއެކު ނަރުދޫ ކައުންސިލް މެންބަރުން : އެ މެންބަރުން މިއަދު ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދ


ބަނދަރުމަތީ ޖަލްސާގެ ކުޅި ބެލުމަށް ތިބި ދޮށީ އުމުރުގެ ތިން އަންހެނަކާވެސް ރަށުގެ ކަންކަމާމެދު ސުވާލުކުރުމުން ދެއްކީ ހަމަ އެ ވާހަކަ އެވެ.

"ވަރަށް ދަތި.. މިހާރު ވާގޮތަކީ ކުޑަ ރަށެއް ވީމަ، ނަރުދަމާ ނޭޅި، ފެން ނޭޅޭތީ ސާފު ފެން ހަމަ އެއްގޮތަކަށްވެސް މިހާރު ނުލިބެޔޭ ބުންޏަސް ރަނގަޅުވާނެ" އެއް އަންހެނަކު ބުންޏެވެ.

މި އުދާސްތަކަށް ރައީސް މިއަދު ވަނީ އިޖާބަ ދެއްވާފަ އެވެ. އެގޮތުން ސްޓެޓިކް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި އެ މަޝްރޫއު އެހެން ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އުންމީދުކުރި ގޮތާ ގާތަށްވެސް [ނަރުދަމާގެ] މަސައްކަތެއް ނެތް ކުރެވިފައެއް، އެހެންވެ އަޅުގަނޑުމެން ނިންމީ އެ ކޮންޓްރެކްޓު ބާތިލްކޮށް އެހެން ބަޔަކާ އެއް މަސައްކަތް ހަވާލުކުރަން، މިއަދު ޕްލޭނިން މިނިސްޓްރީއިން އެ މަސައްކަތް އެ ކުރައްވަނީ، އަޅުގަނޑު ހިތުން އެ ނޫން ގޮތެއް މިކަމުގައި ނެތް، ބޭނުންވާ ވަގުތު ދެވިއްޖެ، ބޭނުންވާ ފައިސާވެސް ދެވިއްޖެ"

ރައީސް ސޯލިހު ނަރުދޫގައި ވާހަކަދައްކަވަނީ : އެ ރަށު ރައްޔިތުންނަށް ނަރުދަމާގެ ޔަގީންކަން ދެއްވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރައީސް ވިދާޅުވީ ދެން ހަވާލުކުރެވޭ ފަރާތަކީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ނަރުދޫގެ ނަރުދަމާގެ މަސައްކަތް އެޅޭނެފަދަ ބަޔެއްކަން ކަށަވަރުކުރައްވާނެ ކަމަށެވެ.

އާބާދީގައި 650 އެއްހާ މީހުން އުޅޭ ނަރުދޫއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެ ރަށުގައި ނިމިފައިވާ މަޝްރޫއުތައް ހުޅުއްވައިދެއްވާފަ އެވެ. އެގޮތުން، އެރަށު ސްކޫލުގައި އެޅުނު ތިން ބުރީގެ އިމާރާތާއި އެ ރަށު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް އެމަނިކުފާނު ހުޅުއްވައިދެއްވި އެވެ.