Advertisement

ޔޫކްލިޑް ސްޕޭސް ޓެލެސްކޯޕްގެ ފުރަތަމަ ފޮޓޯތައް ދައްކާލައިފި

1 އޮގަސްޓު 2023 - 22:23 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ: އީއެސްއޭ


ޔޫކްލިޑް ސްޕޭސް ޓެލެސްކޯޕްގެ ފުރަތަމަ ފޮޓޯތައް ދައްކާލައިފި

1 އޮގަސްޓު 2023 - 22:23 0

ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ޖުލައި މަހުގެ އެއްވަނަ ދުވަހު ޖައްވަށް ފޮނުވާލި ޔޫކްލިޑް ސްޕޭސް ޓެލެސްކޯޕުން ނަގާފައިވާ، ތަރިތަކާއި ގެލެކްސީތަކުގެ ފުރަތަމަ ތަސްވީރުތައް ހާމަކޮށްފި އެވެ.

މަހެއްހާ ދުވަހުގެ ދަތުރަކަށް ފަހު، ޔޫކްލިޑް އޭގެ ދައުރު ފަށާފައިވަނީ ހަނދަށް ވުރެ ދުނިޔެއާ ގާތްގަނޑަކަށް ހަތަރު ގުނަ ދުރުންނެވެ. ޓެލެސްކޯޕް އެ ހިސާބަށް ދަތުރުކުރަމުން ދިޔަ ވަގުތު ސައިންސްވެރިން ވަނީ އޭގެ ކެމެރާތައް ކެލިބްރޭޓް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ.

ފޮޓޯ: އީއެސްއޭ


ޓެލެސްކޯޕްގެ ދެ ކެމެރާ ވެސް ފުރިހަމައަށް މަސައްކަތް ކުރަމުންދާކަން ފުރަތަމަ ފޮޓޯތަކުން ވަނީ ހާމަވެފަ އެވެ. މި ކެމެރާތަކުން ވިސިބަލް ލައިޓްގެ އިތުރުން އިންފްރާރެޑް ލައިޓްގެ ތަސްވީރުތައްވެސް ނަގަ އެވެ.

މި ތަސްވީރުތަކުން އުޑުމަތީގެ ކުޑަ ބައެއް ފެނުނުކަމުގައި ވިޔަސް، ޔޫކްލިޑްގެ ހަ އަހަރުގެ މިޝަންގެ އަމާޒަކީ ގާތްގަނޑަކަށް 300،000 ގުނަ ބޮޑު ސަރަހައްދެއް މެޕް ކުރުމެވެ. އެއީ ގާތްގަނޑަކަށް އުޑުގެ ތިންބައިކުޅަ އެއްބަ އެވެ.

އީއެސްއޭގެ ޕްރޮޖެކްޓް މެނޭޖަރު ޖިއުސެޕް ރަކާ ބުނެފައިވަނީ ޓެލެސްކޯޕްގެ އިންސްޓްރޫމެންޓްތައް ފުރިހަމައަށް ކެލިބްރޭޓް ކުރުމުން އެތައް ބިލިއަން ގެލެކްސީއެއްގެ ތަސްވީރު ލިބި، ކައުނުގެ އެންމެ ފުޅާ 3ޑީ މެޕް އުފެއްދޭނެކަމަށެވެ. މި ކެލިބްރޭޝަން އަށް އަދި މަސްތަކެއް ނަގާނެކަމަށް އޭނާ ބުނެފައިވެ އެވެ.

ފޮޓޯ: އީއެސްއޭ


ޔޫކްލިޑްގެ އެންމެ ބޮޑު އަމާޒަކީ ކައުނުގެ އެންމެ ބޮޑު ދެ ސިއްރު ކަމަށްވާ ޑާކް މެޓަ އާއި ޑާކް އެނާޖީ އަށް އަލި އަޅުވާލުމެވެ. ސައިންސްވެރިންގެ އުންމީދަކީ ކައުނުގައިވާ މާއްދާ ނުވަތަ "މެޓާ" ހަރަކާތްތެރިވާ ގޮތް ދިރާސާކޮށްގެން، މި ކަންކަމާ ބެހޭ ގޮތުން ކުރިން ހޯދިފައިނުވާ މައުލޫމާތުތައް ހޯދުމެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ މާކް ކްރޮޕަރ އިސްކޮށް ހުރެގެން ކަޅާއި ހުދުގެ ތަސްވީރުތައް ނެގުމުގެ ޒިންމާ އުފުލާ ވިޒިބަލް ލައިޓް އިންސްޓްރޫމެންޓް (ވީއައިއެސް) އުފެއްދިއިރު، ނިއާ އިންފްރާރެޑް ސްޕެކްޓްރޯމީޓަރ އެންޑް ފޮޓޯމީޓަރ (އެންއައިއެސްޕީ) އިންސްޓްރޫމެންޓުން ރަތްކުލައިގެ ތަސްވީރުތައް ނަގައި، ތަފާތު ވޭވްލެންތްތަކުގައި ގެލެކްސީތަކުން ދޫކުރާ އަލި މިންކުރެއެވެ.

މިވަގުތު ޓެލެސްކޯޕުން ނަގާފައިވާ ތަސްވީރުތަކަކީ ޓެސްޓް މަރުހަލާއެކެވެ. ޔޫކްލިޑްގެ މިޝަން ކުރިއަށް ގެންދާއިރު، ފަލަކީ އިލްމުވެރިން ލަފާކުރާ ގޮތުގައި އެތައް ބިލިއަން ގެލެކްސީތަކުގެ، އިތުރު ތަފްސީލީ ޝޮޓްތަކެއް ނަގާނެ އެވެ. އެކަމުގެ ސަބަބުން ޑާކް މެޓާއާއި ޑާކް އެނާޖީގެ ތަބީއަތް ރަނގަޅަށް ދެނެގަނެވޭނެ ކަމަށްވެސް އެފަރާތްތަލުން ގަބޫލުކުރެ އެވެ.

ފޮޓޯ: އީއެސްއޭ


ޔޫކްލިޑްގެ މިޝަންގެ ކާމިޔާބީގެ ސަބަބުން ކައުނު ހަލުވިކަމާއެކު ފުޅާވަމުން ނުވަތަ އެކްސްޕެންޑްވަމުން އަންނަ ސަބަބު ދެނެގަނެ، ގެލެކްސީތައް ހިފަހައްޓާ ޑާކް އެނާޖީއާ ބެހޭ އަގުހުރި މައުލޫމާތު ލިބިގެންދާނެ އެވެ.

850 މިލިއަން ޕައުންޑް ހަރަދުވެފައިވާ މި މިޝަނަށް އިނގިރޭސިވިލާތުން 37 މިލިއަން ޕައުންޑް ދީފައިވެ އެވެ. އަދި ޔޫކްލިޑް އިން ގެނެސްދޭނެ އައު ޑޭޓާތަކާއި ހޯދުންތަކަށް ސައިންސްވެރިން ކެތްތެރިކަމާއެކު އިންތިޒާރު ކުރެއެވެ.