Advertisement

އެކަހެރިކޮށް އޮންނަ ފުވައްމުލަކަށް ރައީސް ދެއްވި ބަނދަރާއި އެއާޕޯޓު ބޮޑު ކުރާނެ ކަމުގެ ޔަގީންކަން

30 ޖުލައި 2023 - 22:31 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ފުވައްމުލަކު ސިޓީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އެކަހެރިކޮށް އޮންނަ ފުވައްމުލަކަށް ރައީސް ދެއްވި ބަނދަރާއި އެއާޕޯޓު ބޮޑު ކުރާނެ ކަމުގެ ޔަގީންކަން

30 ޖުލައި 2023 - 22:31 0

ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ގުދުރަތީ ގޮތުން އެކަހެރިކޮށް އޮންނަ ފުވައްމުލައް ސިޓީގެ ބަނދަރާއި އެއާޕޯޓު ބޮޑުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަައުދުވެވަޑައިގެންފި އެވެ.

ވަކި އަތޮޅެއްގެ ގޮތުގައި އޮންނަ ފުވައްމުލަކަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ރަށެކެވެ. އެ ރަށުގައި ބަނދަރެއް އަޅައި ރަސްމީކޮށް ހުޅުވީ 2003, ގަ އެވެ. އޭގެ ފަހުން އެ ބަނދަރު ބޮޑުކޮށްފައި ނުވާއިރު ރަށުގެ އާބާދީ އިތުރުވެ އިގްތިސާދީ ހަރަކާތްތައް ގިނެވެގެން ދިޔުމާ އެކު ޖާގައިގެ ދަތިކަން އޮތީ ދިމާވެފަ އެވެ.

މިރޭ އެ ރަށުގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ސިޓީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން, މިހާރު އޮތް ބަނދަރަކީ ވަރަށް ގިނަ ދިރާސާތަކެއް ކުރެވިގެން ހަދާފައިވާ ބަނދަރެއް ކަމަށާއި ބަނދަރު ބޮޑުކުރަން ބޭނުންވާ ދިރާސާތައް ވެސް ފަށާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ހަމަ މި ރަށުގެ ރައްޔިތުން އެދުނު ގޮތަށް ބަނދަރު ބޮޑުކުރެވެން އޮތީ ކިހިނެއްތޯ ބަލައި އެކަން ކުރުން. މިހާރު އެ ދިރާސާތައް މިނިސްޓަރު އަސްލަމްގެ ބެލުމުގެ ދަށުން ކުރެވެމުން ދަނީ. އިރާދު ކުރެއްވިއްޔާ ކުރިއަށް އޮތް ދަރުގައި ތިޔަ ބޭފުޅުންނަށް މި ރަށުގެ ބަނދަރު ބޮޑުވެގެންދާ މަންޒަރު ފެނިގެންދާނެ," ރައީސް ވިދާޅުވި އެވެ.

މިރޭ ބޭއްވި ކެމްޕޭން ބައްދަލުވުމުގެ ތެރެއިން. ފުވައްމުލަކުގައި 40 އަށްވުރެ ގިނަ ޕްރޮޖެކްޓު މި ސަރުކާރުން ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވި ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ފުވައްމުލަކަކީ މިހާރު ޓޫރިސްޓުން ވެސް ބޮޑު ސަމާލުކަމެއް ލިބެމުންދާ މަންޒިލެކެވެ. ވައިގެ މަގުން ނޮވެމްބަރު 2011, ގައި ފުވައްމުލައް ގުޅާލިފަހުން އެ ރަށުގެ އެއާޕޯޓު އިތުރަށް ތަރައްގީ ކޮށްފައި ނުވެ އެވެ.

"ބަނދަރު ކުޑަވެއްޖެ, އެއާޕޯޓް ކުޑަވެއްޖެ. ކުރިއަށް މިއޮތް ދައުރުގައި އެއާޕޯޓު އިތުރަށް ބޮޑުކުރެވެން އޮތް ވަރު ބަލައި ދިރާސާކޮށް މިހާރު އައިލެންޑް އޭވިއޭޝަންގައި ބޭނުންކުރާ އޭޓީއާރު ޖެއްސޭ ވަރަށް މި ރަށުގެ އެއާޕޯޓު ބޮޑުކުރާނަން," ރައީސް މިރޭ ވައުދުވެވަޑައިގެންނެވި އެވެ.

އެމަނިކުފާނު މިރޭ ވެސް ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީގައި ހިންގަމުންދާ މަޝްރޫއުތަކަކީ އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެދޭ ގޮތަށް ކުރިއަށް ގެންދަމުންދާ މަޝްރޫއުތަކެކެވެ.

މި ސިޓީއަށް ބޭނުންވާ ކަންކަން ހުށަހެޅީ ފުވައްމުލަކުގެ ކައުންސިލުން, ފުވައްމުލަކުގެ ރައްޔިތުން. އަޅުގަނޑުމެން މަސައްކަތް ނިންމާނީ މި ރަށުގެ ހަދަން ޖެހޭ ހުރިހާ މަގެއް ހަދާ ނިންމާފައި. ރަށް ގިރުމުގެ މައްސަލައަށް އިރާދު ކުރެއްވިއްޔާ ހައްލެއް އެ ގެނެވެނީ. ނަރުދަމާގެ ނިޒާމަށް ހައްލެއް ގެނެވިއްޖެ. ފެނުގެ ނިޒާމު ރަނގަޅު ކުރެވިއްޖެ," އެމަނިކުފާނު ވިދާޅުވި އެވެ.

ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ ފުވައްމުލަކުގައި އެ އަޅަން ބޭނުންވާ ސިންތެޓިކް ޓްރެކް, ސްޓޭޑިއަމާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ އިމާރާތް ކުރާނެ ކަމުގެ ވައުދު ވެސް އެމަނިކުފާނު ވެވަޑައިގެންނެވި އެވެ.

ހަމައެހެންމެ ފުވައްމުލަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ދިރިއުޅުން ރަށަށް ބަދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"[ރައްޔިތުން ރަށުގައި ނޫޅެނީ] ދިރުއުޅެމެއް ފަށައި ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ކުޑަކަން. އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ބައެއް އޮފީސްތައް މި ރަށަށް ބަދަލުކުރަން ފެށީ. ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުގެ ބައެއް އޮފީސްތަކުގެ މަސައްކަތް މި ރަށަށް ބަދަލުކުރުން. މި ރަށުގައި މަލްޓި ޕާޕޯސް އޮފީސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިކަންކަން ކުރުމަށް ހަމަޖެހުން އޮންނަ ޖެހޭ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރައްވާފަ އެވެ. އަދި, ކޯލިޝަންގެ ތަޖުރިބާއިން ސާފު އަގްލަބިއްޔަތަކާ އެކު އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް މިރޭ ވެސް ވިދާޅުވި އެވެ.