Advertisement

ޓީސީ އަތުން ސަސް އަށް މުހިންމު މޮޅެއް

30 ޖުލައި 2023 - 19:17 0

ސަސްގެ ނަސޫހު އާއި ހުސާންކޮ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ...-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީސީ އަތުން ސަސް އަށް މުހިންމު މޮޅެއް

30 ޖުލައި 2023 - 19:17 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މުހިންމު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު، ސަސް އިން ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމު ތިނެއްގައި އޮތީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބް މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ތިން ވަނަ އަށް އަލުން އެރޭނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ސަސް އިން އޮތީ ދެ ގޯލުގެ ލީޑެއްގަ އެވެ. އެ ޓީމަށް މެޗުގެ 34 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އަހުމަދު ހުސާމް (ހުސާންކޮ) އެވެ. ސަސް އިން ކުރި އެޓޭކެއްގައި ޓީސީ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއަށް ވަދެ، ހުސާންކޮ ޖެހި ބޯޅަ ޓީސީ ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ ފައި ކައިރިން އަމާޒުވީ ގޯލުގެ ތިރީ ކަނަށެެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނިޓަަށް ވެފައި ވަނިކޮށް ސަސް އިން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 43 ވަނަ މިނިޓްގައި އަލީ ނަސޫހު ރަޝިދު (ޕިލާ) އެވެ. މިއީ ކީޕަރު ސުޖަން އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާނަގައި، ހުސާންކޮ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕިލާ ޖެހި ގޯލެކެވެ.

ޓީސީން ވަނީ ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ގޯލެއް ޖަހައިފަ އެވެ. ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު 62 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޒަޔާން ނަސީރު އެވެ. އޭރިއާތެރެއިން ޓީސީގެ މާއިޝް އަހުމަދު ރަޝީދު ޖެހި ބޯޅައެއް ސަސްގެ ކީޕަރު އަބްދުﷲ ޒިމާމް އަތުގައި ޖެހިފައިނުކުތް ވަގުތު ޒަޔާން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީގުގައި މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ބުރުން ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.