Advertisement

އިލްޔާސް ވައުދުވީ އުތުރާއި ދެކުނުގެ ރިސޯޓްތަކުން ޓެކްސް ކަނޑާލަން

30 ޖުލައި 2023 - 10:18 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް؛ އުތުރާއި ދެކުނުގެ ރިސޯޓްތަކުން ޓެކްސް ކަނޑާލަން ވައުދުވެއްޖެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިލްޔާސް ވައުދުވީ އުތުރާއި ދެކުނުގެ ރިސޯޓްތަކުން ޓެކްސް ކަނޑާލަން

30 ޖުލައި 2023 - 10:18 3

ރާއްޖޭގެ އުތުރު އަދި ދެކުނުގައި ހުރި ރިސޯޓްތަކުން ޓީޖީއެސްޓީ ޓެކްސް ކަނޑާލާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފި އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮތް ސިޓީ، ހދ. ކުޅުދުއްފުށި ސިޓީގައި މިދިޔަ ހަފުތާގައި ކެމްޕޭން ކުރެއްވުމަށް ފަހު އިލްޔާސް ރޭ އިރުއޮއްސޭ ވަގުތު އިލްޔާސް ވަނީ އެންމެ ދެކުނުގައި އޮތް ސިޓީ ކަމަށްވާ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ.

އައްޑޫ ސިޓީ ފޭދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ އެ ސިޓީގެ ހުޅުދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އިލްޔާސް ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގައިވާ ކުޅުދުއްފުށި ސިޓީ އާއި ދެކުނުގައިވާ އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ރޭ ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން ވެސް ފާހަގަ ކުރެއްވި ކަމަކީ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި އިގުތިސޯދީ ހަރަކާތްތަކެއް ހިންގަން ފަހިކުރަން ސިޔާސަތުތަކެއް އެކުލަވާލާ ވާހަކަ އެވެ.

އިލްޔާސް ވައުދުވެވަޑައިގަތް ކަމަކީ އުތުރާއި ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިސޯޓްތަކުންނާއި ގެސްޓް ހައުސް ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ ޓެކްސް ކަނޑާލުމަށެވެ. އެގޮތުން އެފަދަ ވިޔަފާރިއެއް ފަށައިގެން ހިންގާ ފުރަތަމަ ތިން އަހަރު އެއް ގޮތަކަށް ވެސް ޓެކްސް ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ތަންތަން ހަދައިގެން ހިންގާ ފުރަތަމަ ތިން އަހަރު ތެރޭގައި ޓީޖީއެސްޓީ އެކީ އަޅުގަނޑުމެން ކަނޑާލާނަން، އަދި އިތުރު ހަތް އަހަރު ޓީޖީއެސްޓީގެ 50 ޕަސެންޓް އަޅުގަނޑުމެން ކަނޑާލާނަން، ޖުމުލަ 10 އަހަރުގެ ވާހަކަ މި ދައްކަނީ،" އިލްޔާސް ވިދާޅުވި އެވެ.

"އޭގެ ބޭނުމަކީ މި ސަރަހައްދުތަކުގައި ޓުއަރިޒަމް ވިޔަފާރި ހިންގުން،"

ރާއްޖޭން ބޭރުން އަންނަ މީހުން ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރު ކުރުމަށް ނަގާ އަގު، ދިވެހީން ދަތުރު ކުރާ އަގާ އެއްވަރަށް ކުޑަކޮށް އެ ތަފާތު ނައްތާލާން ވެސް އިލްޔާސް ރޭ ވައުދުވެޑައިގަތެވެ.

އެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގެ ތަރައްގީއަށް އެމަނިކުފާނުގެ ވެރިކަމުގައި ހާއްސަ އިސްކަމެއް ދެއްވީ އެއީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ޖުމުލަކޮށް އެންމެ ފައިދާވާނެ މިސްރާބު ކަމަށް ދެކިގެން ކަމަށެވެ.

ކުރިން އެމްޑީޕީގައި މަސައްކަތް ކުރަމުން ހުށަހެޅި މެނިފެސްޓޯތަކުގައި ވެސް ހިމަނާފައިވާ ސިޔާސަތަކީ މާލެ ސަރަހައްދު ތޮއްޖެހިފައިވުމަށް ގެންނަ ހައްލެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނު ތަރައްގީކޮށް އެކަށޭނަ އާބާދީއެއް އެ ސަރަހައްދުތަކުގައި ދިރުވުން ކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

އިލްޔާސް ވެސް ވިދާޅުވީ ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކުރެވުނު ކަމަކަށް އެ ދެ ސިޓީގެ ރައްޔިތުން ނުދެކޭ ކަމަށެވެ.

"އަޅައިލުމެއް، ބަލައިލުމެއް ވެސް ނޫން، މި ސަބަބުތަކަށް ޓަކައި އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތްކުރި އެތައް ބައިވަރު ބަޔަކު ތިބީ ޕާޓީއާއި ސަރުކާރާ މެދު ހިތްހަމަނުޖެހިފައި، ރުޅި އައިސްފައި." އިލްޔާސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއަކީ އެމްޑީޕީއަށް ތާއީދު ބޮޑު ދެ ސިޓީ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބިފައިވެ އެވެ. ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ބައެއް ގޮނޑިތައް އެމްޑީޕީއަށް ގެއްލުނު ނަމަވެސް ކުޅުދުއްފުށި ސިޓީއަކީ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް އިންތިހާބުވި ހަމައެކަނި ސިޓީ އެވެ. ނަމަވެސް ޑިމޮކްރެޓްސް އުފެއްދުމާއެކު، އެ ސިޓީގެ ހުރިހާ ކައުންސިލަރުން ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ.