29 ޖުލައި 2023 - 10:06 0
29 ޖުލައި 2023 - 10:06 0
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު އީގަލްްސް ޓީމުގެ ތެރޭގައި ރޯގާ ފެތުރިގެން އެކަމާ ކަންބޮޑުވެފައި ހުރިކަމަށް ކުލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހާމަކޮށްފި އެވެ.
މިނިވަންދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ބޭނުންކުރަން ޖެހުމުން ލީގު މެޗުކަނޑާލީ މި މަހުގެ 20ގައި ކުލަބު ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗަށްފަހުގަ އެވެ. ލީގުގެ ކުޅުން މިއަދު ހަވީރު ފަށާއިރު ހަވީރު ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ވެލެންސިއާ އެވެ.
މި މެޗަށް އީގަލްސްގެ ތައްޔާރީތައް ހިއްސާކުރަމުން ކޯޗު މޯހަން ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމުގެ ތެރޭގައި ރޯގާ ފެތުރިފައިވުން ކަމަށެވެ. މިހާރު މާލެތެރޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ފްލޫގެ ސަބަބުން ކުލަބު އީގަލްސްގެ ގިނަ ކުޅުންތެރިންތަކަކަށް މި މެޗަށް ރަނގަޅަށް ތައްޔާރު ނުވެވޭކަމަށް އޭނާ ބުންޏެވެ.
"އުއްމީދުކުރަނީ ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެން ޓީމްގެ ހާލަތު އެންމެ ރަނގަޅެއް ނޫނޭ ދަންނަވަން ޖެހޭނީ. މިއުޅޭ ރޯގާގެ ކަންތައް ވަރަށް ބޮޑަށް ޓީމްގެ ތެރޭގައި ކުޅުންތެރިންނަށް ފެތުރިގެން މިއުޅެނީ. ވަރަށް ގިނަ ކުޅުންތެރިން އެކަމުގައި އެބަ އުޅޭ. އެއީ އެންމެ ބޮޑު އެއް ކަމަކީ" މޯހަން ބުންޏެވެ.
އޭނާ ބުނީ ކޮންމެ ހާލަތެއްގައި ވެސް އުއްމީދަކީ ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ.
މީގެ މަހެއްހާ ދުވަސްކުރިން އީގަލްސްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު މޯހަން ވަނީ މިހާތަނަށް ދެ މެޗެއްގައި އެ ޓީމަށް އިރުޝާދުދީފަ އެވެ. ދެ މެޗުންވެސް އެ ޓީމު މޮޅުވި އެވެ.
ކޯޗު މޯހަން ބުނީ އެންމެ ބޭނުންވި ވަރުގެ ކުޅުމެއް އެއް މެޗުގައި ދެއްކުނު ކަމަށާއި، އަނެއް މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވުނު ކަމަށެވެ. އެކަން ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް މޯހަން ވަނީ ބުނެފަ އެވެ.
"ދެ މެޗު މި ކުޅެވުނީ. އެއް މެޗުގައި ވަރަށް ރަނގަޅު މޮޅެއް. އަނެއް މެޗުވެސް މޮޅެއް ލިބުނު، އެހެންނަމަވެސް ވަރަށް އުނދަގޫ ހިސާބަކަށް ދާން ޖެހުނު. އެއީ، އެކަމަކު، ނުކުޅެވިގެނެއް ނޫން. ލިބުނު ޗާންސްތަކުގެ ބޭނުން ނުކުރެވިގެން. ފުރުސަތުތަކެއް މިސްކޮށްލެވިގެން ދިޔަ މެޗެއް. އެކަހަލަ ދުވަސް ދުވަސް ވެސް އަންނާނެ. އެކަމަކު ވެސް ފަހު ވަގުތު މެޗު ކާމިޔާބުކޮށްގެން ނިމުނީ." މޯހަން ބުންޏެވެ.
އޭނާ ބުނީ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ މުހިންމު މެޗެއް ކަމަށާއި، މި ވަގުތު ލީގު ތާވަލްގެ ދެ ވަނައިގައި ހިފަހައްޓާލަން ފުރުސަތު އޮތީ މި މެޗުން މޮޅުވެގެން ކަމަށެވެ. އަނެއްކޮޅުން މިއީ އޭއެފްސީ ކަޕްގެ ކުރިން ވެސް ޓީމުގެ ތަައްޔާރީތަކަށް މުހިންމު މެޗެއްކަމަށް މޯހަން ވަނީ ބުނެފަ އެވެ.
Comment