Advertisement

ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް: "ރާއްޖެއާ ކުޅެން އެނގޭ"

29 ޖުލައި 2023 - 10:19 1

ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން: ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް: "ރާއްޖެއާ ކުޅެން އެނގޭ"

29 ޖުލައި 2023 - 10:19 1

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހުނަސް އެހާ ބޮޑަށް ކަންބޮޑުނުވާ ސަބަބަކީ އެންމެ ފަހުން ކުޅުނު މެޗުން ވެސް ރާއްޖެ އަތުން މޮޅުވެވިފައިވާތީ ކަމަށް ބަންގްލަދޭޝްގެ ކެޕްޓަން، ޖަމާލް ބުޔާން ބުނެފި އެވެ.

މެކްސިކޯ، ކެނަޑާ އަދި އެމެރިކާގައި 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާއި ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖޭން ބަންގްލަދޭޝާ ކުޅޭ މެޗު އޮންނާނީ އޮކްޓޫބަރު މަހުގަ އެވެ. އެ ގޮތުން، މާލޭގައި ކުޅޭ ފުރަތަމަ ލެގު އޮންނާނީ 12 އޮކްޓޫބަރުގައި ރާއްޖޭގަ އެވެ. އަދި ދެ ވަނަ ލެގު 17 އޮކްޓޫބަރުގައި ބަންގްލަދޭޝްގައި ކުޅޭނެ އެވެ.

ރާއްޖެއާ ކުޅެން ޖެހުމުން ބަންގްލަދޭޝްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުޔާން ބުނެފައިވަނީ އެ ޓީމުން ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހުމުން ހިތްހަމަޖެހިފައި ތިބި ކަމަށެވެ. އެއީ، ރާއްޖެ މި ވަގުތު ރޭންކިންގައި ބަލާއިރު، ބަންގްލަދޭޝަށް ވުރެ ކުރީގައި އޮތް ނަމަވެސް އެ ޓީމަށް ބަލިކުރެވޭނެތީ ކަމަށް ޖަމާލް ވަނީ ބުނެފަ އެވެ.

"މެންޓަލީ ވެސް އަހަރެމެން ރާއްޖެއާ ދެކޮޅަށް ކުޅެން ރަނގަޅުވާނެ. އެއީ ކުރަން ޖެހޭ ކަންކަން އަހަރެމެންނަށް އެނގޭތީ. އަހަރެމެން ސާފްގައި ވެސް އެ މީހުން ބަލިކުރިން. އެކަމަކު، ޔަގީނުންވެސް އޮކްޓޫބަރު މަހުގެ މެޗުތައް ތަފާތުވާނެ. އަހަރެމެން ރަނގަޅަށް ތައްޔާރުވާނަން. އަހަރެން މި ހުރީ ޑްރޯއާ މެދު ހިތްހަމަޖެހިފައި،" ޖަމާލް ބުންޏެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅެގެން މޮޅުވާ ޓީމެއް ހޮވޭނީ ކޮލިފައިން ގްރޫޕް ސްޓޭޖަށެވެ. އެ ގޮތުން، ރާއްޖެ އާއި ބަންގްލަދޭޝް މެޗުން މޮޅުވާ ޓީމެއް ވާދަކުރާނީ އޮސްޓްރޭލިއާ އާއި ލެބަނަން އަދި ފަަލަސްތީނާ އެއް ގްރޫޕެއްގަ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ބަލާއިރު، ބަންގްލަދޭޝް ދެ މެޗުން އަދި ރާއްޖެ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި، ސާފް ޗެމްޕިއަންޝިޕްގައި މާލޭގައި ރާއްޖޭން ވަނީ އަލީ ސުޒޭންގެ ކޯޗުކަމުގައި 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އޭގެ އެއް މަސް ފަހުން، ނޮވެމްބަރު މަހުގައި ސްރީ ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެއީ، 18 އަހަރު ތެރޭ ބަންގްލަދޭޝަށް ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ. ރާއްޖޭގެ ކޯޗަކަށް ހުރީ ފްރެންޗެސްކޯ މޮރިއޭރޯ އެވެ. އަދި ބަންގްލަދޭޝްގެ ކޯޗަކަށް ހުރީ މާރިއޯ ލެމޯސް އެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި 2022 ވަނަ އަހަރުގެ މާޗް މަހު ރާއްޖޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ގައުމީ ޓީމު ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެކަމަކު، މޮރިއޭރޯ ހުއްޓައި، މިދިޔަ މަހުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ވަނީ ރާއްޖެ އަތުން 3-1 އިން މޮޅުވެފަ އެވެ. މިއީ، 2003 ވަނަ އަހަރުގެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ވޯލްޑް ކަޕް ކޮލިފައިންގައި ނުކުންނާނީ ސުޒޭންގެ ކޯޗުކަމުގަ އެވެ. ބަންގްލަދޭޝް އިން އެންމެ ފަހުން ދެ ފަހަރު ވެސް ރާއްޖެއާ ކުޅުނުއިރު ކޯޗަކީ، ހަވިއޭ ކަބްރޭރާ އެވެ.

ބަންގްލަދޭޝާއި ރާއްޖެ، 1984 ވަނަ އަހަރު ފަހުން، ބައްދަލުކުރި 16 މެޗުގެ ތެރެއިން، ބަންގްލަދޭޝް ހަތް މެޗުން މޮޅުވިއިރު، ރާއްޖެ ވަނީ ހަ މެޗުން މޮޅުވެފަ އެވެ. ތިން މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ. އެ ގޮތުން، 2016 ވަނަ އަހަރުގެ ފަހުން ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު ފަސް މެޗަށް ބަލާއިރު، ބަންގްލަދޭޝަށް ރާއްޖެ އަތުން މޮޅުވެވުނީ ދެ ފަހަރު އެވެ.