Advertisement

ކޯޗަކަށް ބޮޑުކާއްޓެ ހަމަޖައްސައި އައިއޯއައިޖީ އަށް ތައްޔާރުވާން ތައިލެންޑަށް

28 ޖުލައި 2023 - 15:13 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ވޮލީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ބޮޑުކާއްޓެ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ކޯޗަކަށް ބޮޑުކާއްޓެ ހަމަޖައްސައި އައިއޯއައިޖީ އަށް ތައްޔާރުވާން ތައިލެންޑަށް

28 ޖުލައި 2023 - 15:13 1

ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) ހަމަޖައްސައި، އަންނަ މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވާން ތައިލެންޑްގައި ޓްރެއިނިން ކޭމްޕެއް ފަށައިފި އެވެ.

ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުން މިހާރު އަންނަނީ އައިއޯއައިޖީ އަށް ތައްޔާރުވާން ތައިލެންޑްގައި ކޭމްޕް ފުރިހަމަކުރަމުންނެވެ. އެ ގޮތުން، އަންހެން ޓީމުގެ ކޯޗަކީ ކުރިން ވެސް އެ މަގާމުގައި ހުރި ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް އެވެ. އެހެން ނަމަވެސް، ފިރިހެން ވޮލީ ޓީމުގެ ކޯޗު މި ވަނީ ބަދަލުވެފަ އެވެ.

މި އަހަރު ކުރީކޮޅުގައި ރާއްޖޭގައި އޮތް ފޯ ނޭޝަންސް ކަޕްގައި ފިރިހެން ވޮލީ ޓީމަށް އިރުޝާދުދިން ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ޓީމާ ވަކިވުމުން އަލުން ބޮޑުކާއްޓެ ވަނީ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

ތައިލެންޑް ޓްރެއިނިން ކޭމްޕަށް ދިޔަ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ޔޫތު މިނިސްޓަރު މަހުލޫފްއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.


މީގެ ކުރިން ވެސް ބޮޑުކާއްޓެ ވަނީ އެކި ފަހަރު މަތިން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. އަލުން ޓީމާ ހަވާލުވެފައި މި ވަނީ ދޮޅު އަހަރެއްހާ ދުވަހަށް ފަހު އެވެ. ބޮޑުކާއްޓެ އައީ ވީއޭއެމްގެ މިހާރުގެ މެނޭޖްމަންޓާ އެކު (ވީއޭއެމް)ގެ ޓެކްނިކަލް އަދި ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ގައުމީ ފިިރިހެން ޓީމުގެ ސްކޮޑު ވަނީ މި ފަހަރު ބަދަލުވެފަ އެވެ. މެދުކެނޑުމަކަށް ފަހު ގިނަ ސީނިއާ ކުޅުންތެރިން ވަނީ ޓީމާ ގުޅިފަ އެވެ. އެ ގޮތުން، ކުރީގެ ދެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ އިތުރުން އަލީ އާމިރު (ދިގު އައްޔަ) އާއި ހުސެއިން ޝަމާއިލް އަދި އަހުމަދު މުޒްލިފް ވަނީ މި ފަަހަރުގެ ސްކޮޑުގައި ހިމެނިފަ އެވެ.

ތައިލެންޑް ޓްރެއިނިން ކޭމްޕް ކުރިއަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ވީއޭއެމް އިން އަންނަނީ އަންނަ މަހު އައިއޯއައިޖީ އަށް ފުރުމުގެ ކުރިން ސްރީ ލަންކާގެ އަންހެން އަދި ފިރިހެން ޓީމާ ދެކޮޅަށް މާލޭގައި މެޗުތަކެއް ކުޅެން މަސައްކަތް ކުރަމުުންނެވެ. އެ ގޮތުން، އެ މެޗުތައް ރާވަން ގަސްކުރަނީ އަންނަ މަހުގެ 14-20 އަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.