Advertisement

ޖުމްހޫރީ މައިދާނުގައި ދެ ނޫސްވެރިއަކު ކޮއްޕާލި މައްސަލަ އައިއެފްޖޭއިން ކުށްވެރިކޮށްފި

26 ޖުލައި 2023 - 07:23 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ޖުމްހޫރީ މައިދާނުގައި ދެ ނޫސްވެރިއަކު ކޮއްޕާލި މައްސަލަ އައިއެފްޖޭއިން ކުށްވެރިކޮށްފި

26 ޖުލައި 2023 - 07:23 0

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޖުމްހޫރީ މައިދާނުގައި މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އެއްވުން ހުއްޓުވި ފުލުހަކު ދެ ނޫސްވެރިއަކު ކޮއްޕާލި މައްސަލަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކުށްވެރިކޮށްފި އެވެ.

އައިއެފްޖޭ އަދި މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އިދިކޮޅު ލީޑަރުންގެ އެއްވުން ކަވަރުކުރަމުން ދިޔަ ޗެނަލް 13 ގެ ކެމެރާމަނަކާއި، ސަންގު ޓީވީގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގުޅުންހުރި އިދާރާތަކަށް އެ ދެ ޖަމިއްޔާއިން ގޮވާލަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަދަދު" ނޫހުން ސުވާލު ކުރުމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެ މައްސަލަ ބެލުމަށް އެސްއޯ ފުލުހުންގެ ޑިޕާޓްމަންޓަށް އަންގާފައިވާނެ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފުލުސް މީހާ މަސްއޫލިއްޔަތުތަކުން ދުރުކުރަން ވެސް އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިޔާއަށް ކޮއްޕާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން، މަސްއޫލިއްޔަތުތަކުން އޭނާ ދުރުކޮށް އެ މައްސަލަ ބަލަން ސްޕެޝަލިސްޓް އޮޕަރޭޝަން ޔުނިޓަށް މިހާރު އޮންނާނީ އަންގަވާފައި،" ހަމީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތައް ފުލުހުން ރޫޅާލުމުގެ ތެރޭގައި އެ ސަރަހައްދުގައި މަންޒަރުތައް ކަވަރު ކުރަން ތިބޭ ނޫސްވެރިންނަށް އަނިޔާވެފައި ވެސް އެބަ ހުއްޓެވެ. އަދި އެ ކަމުގައި ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ އިދާރާތަކާއި ޖަމިއްޔާތަކުން ބަޔާން ވެސް ނެރެފައިވެ އެވެ.