Advertisement

އިންތިހާބު ބޯމަތިވެފައި އޮއްވައި އިލެކްޝަންސްގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި!

24 ޖުލައި 2023 - 12:45 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު: އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ނަމަވެސް މަގާމު ދެމިހުންނާނެ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިންތިހާބު ބޯމަތިވެފައި އޮއްވައި އިލެކްޝަންސްގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި!

24 ޖުލައި 2023 - 12:45 2

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ކުޑަތަންވެފައި އޮއްވައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ކޮމިޝަނަށް ވައްދައި، އެކަން ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ޖުމްލަ ފަސް މެމްބަރުން ތިބޭއިރު ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ހަތަރު މެމްބަރުން ޖަލްސާގައި ބައިވެރިވެ، އެއާ އެއްކޮޅަށް ތިން މެމްބަރުން ވޯޓު ދެއްވިކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެ ވޯޓު ނެގީ މި ހިނގާ ޖުލައި 18، ގަ އެވެ.

އެކަމާ ގުޅޭ މައުލޫމާތު އިތުރަށް ސާފު ކުރަން މި ނޫހުން އިލެކްޝަންސް ކޮމިޝަނަށް ގުޅި ނަމަވެސް މިހާތަނަށް އެ އިދާރާގެ ބަހެއް ނުލިބެ އެވެ. އަދި ފުއާދު ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވެސް މިހާތަނަށް ނުލިބެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ އުސޫލެއް ބުނެފައެއް ނޯވެ އެވެ.

އެ ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ "ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން" ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި ފާސްކޮށްފައި މި ވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ ކޮމިޝަނުގެ ބައެއް މެމްބަރުން ނުރުހުންފާޅުކޮށްފައި އޮއްވަ އެވެ. އެ މެމްބަރުން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްދޭން ފުއާދު ނުފޫޒު ބޭނުން ކުރެއްވި ކަމަށެވެ. އެ ތުހުމަތުތައް ފުއާދު ދޮގު ކުރައްވަ އެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރިއިރު އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތުގެ ދައުރު މާދަމާ ހަމަވާނެ އެވެ. އެ މަގާމަށް ހަމަ އޭނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަމަވެސް އެ މަޖިލިސް ޗުއްޓީއަށް ދިޔައީ އެކަމަށް ގޮތެއް ނުނިންމަ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ފޯމު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.